އެސްޓީއޯ

ހިއްސާއަކަށް 77 ރުފިޔާ ބަހަން އެސްޓީއޯގެ ބޯޑުން ނިންމައިފި

އެސްޓީއޯގެ މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 77 ރުފިޔާ ބަހަން އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށް ކުންފުނީގެ ބޯޑުން ނިންމައިފި އެވެ.

އެސްޓީއޯ އިން މިދިޔަ އަހަރު އެ ކުންފުނީގެ ހިއްސާދަރުންނަށް ބެހީ ހިއްސާ އަކަށް 65 ރުފިޔާ އެވެ. އެހެންކަމުން މިއަހަރު ބެހުމަށް ބޯޑުން ނިންމާފައި މިވަނީ 12 ރުފިޔާ އިތުރު އަދަދެކެވެ.

އެސްޓީއޯ 2021 ވަނަ އަހަރު ލިބުނު ފައިދާ އިން ހިއްސާއަކަށް ބަހާފައިވަނީ 60 ރުފިޔާ އެވެ.

އެސްޓީއޯގެ މިދިޔަ އަހަރުގެ އޮޑިޓް ނުކުރާ މާލީ ރިޕޯޓް ދައްކާ ގޮތުގައި އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 742 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

އެސްޓީއޯ އަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ރަނގަޅަށް ހިންގަމުންދާ އެއް ކުންފުންޏެވެ.