ޗާގޯސް އާކިޕެލާގޯ

އިމުގެ މައްސަލަ: ރާއްޖެއަށް ބޮޑުބައި ލިބޭ ގޮތަށް ނިންމައިފި

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ މައްސަލައިގައި ރާއްޖެއަށް ބޮޑު ބައި ލިބޭ ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޮ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން މިއަދު މައްސަލަ ނިންމައިފި އެވެ.

ފުށު އަރާބައި އިއުއި ޑިސްޓެންސްގެ އުސޫލުން ބެހުމަށް އިޓްލޮސް އިން ނިންމާފައިވާއިރު ހިޔާލު ތަފާތުވުން އުފެދުނީ ބްލެންހެމް ރީފުން ފެށިގެން މިން އެޅުމަށް މޮރިޝަސް އިން ބުނުމުންނެވެ.

އިޓްލޮސް އިން ނިންމީ އިކުއި ޑިސްޓެންސްލައިން ކުރެހުމުގައި ބްލެންހެމް ރީފުން އެއްވެސް ޕޮއިންޓެއް ނުބެލުމަށެވެ.

ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ މެދު ދެ ގައުމުގެ ހިޔާލުތަފާތުވާ ކަނޑުގެ ސަރަހައްދުގެ ބޮޑުމިނުގައި 95،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ހިމެނެ އެވެ.

އިޓްލޮސްގެ ނިންމުމާއެކު ރާއްޖެއަށް 47،232 އަކަ ކިލޯމީޓަރު ލިބޭއިރު މޮރިޝަސްއަށް ލިބެނީ 45،331 އަކަ ކިލޯމީޓަރުގެ ސަރަހައްދެކެވެ.

ހަމައެކަނި ހިކި ދިޔަވަރުގައި ފެންނަ ބްލެންހެމް ރީފުން ފެށިގެން މިން އެޅުމުގެ މައްސަލައިގައި ރާއްޖެއިން ބުނެފައިވަނީ އެއީ މޮރިޝަސްގެ އައްސޭރި ފަށުގެ ބައެއް ނޫން ކަމަށެވެ.

އިޓްލޮސްގެ ނިންމުމާއެކު، ދެ ގައުމުގެ ފުށުއަރާ ސަރަހައްދުން ރާއްޖެއަށް ވަނީ ގާތްގަނޑަކަށް 4،600 އަކަ ކިލޯމީޓަރުގެ އިތުރު ސަރަހައްދެއް ކަށަވަރުވެފަ އެވެ.

މޮރިޝަސްއާއި ރާއްޖެއާއި ދެމެދު ކަނޑުގެ ސަރަހައްދުގެ މައްސަލަ ކުރިމަތިވީ ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް އާކިޕެލާގޯ އަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ތަނެއް ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން އިން މީގެކުރިން ކަނޑައެޅުމުންނެވެ.

އައިސީޖޭ އިން އޭރު އެގޮތަށް ނިންމީ ޗާގޮސް އަކީ މޮރިޝަސްގެ އިހްތިޞާސް އޮތް ތަނެއްތޯ ބެލުމަށް ލަފައަކަށް އެ ގައުމުން ހުށަހެޅުމުން ސެޕްޓެމްބަރު 2019ގަ އެވެ. އޭރުވެސް މިހާރުވެސް ޗާގޮސްގެ މައްޗަށް ބާރު ހިންގަނީ އިނގިރޭސިވިލާތުންނެވެ.