ޠާރިގު އިބްރާހީމް

ދެކުނުގެ ކަނޑުގެ ސަރަހައްދު ހޯދޭނެ: ތޯރިގު

ރާއްޖެ އާއި މޮރިޝަސް ހިއްސާކުރާ ކަނޑުގެ ސަރަހައްދުގެ ތެރެއިން ގެއްލިގެން ދިޔަ ކަނޑުގެ ސަރަހައްދު ހޯދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

މަސްވެރިންނަށް ހިންގާ ރެސްކިއު ޑައިވަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ފެށުމަށް ގދ. މަޑަވެލީގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ތޯރިގު ވިދާޅުވީ ގެއްލުވާލާފައިވާ ކަނޑުގެ ސަރަހައްދު މަސްވެރިންނަށް ހޯދައިދޭނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

މިނިސްޓަރު ތޯރިގު ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އެހެން ގައުމުގެ މަސް ބޯޓުތައް ވަދެ ދާ ޖަހައިގެން މަސް ހިފަމުންދާ ކަމަށާއި ކަނޑުގެ ސަރަހައްދު ބެލެހެއްޓުން ފުޅާކުރެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅެއް ކަމަށެވެ.

"ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުން ހުރީ އެމްއެންޑީއެފް މެދުވެރިކޮށް ކަނޑު ސަރަޙައްދު ބެލެހެއްޓުމުގެ މަސައްކަތް ފުޅާކުރެއްވުން،" ތޯރިގު ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖޭގެ ކަނޑުގެ ދިރާސާއެއް ހެދުމަށް ކުރީގެ ސަރުކާރުން ބޭރުގެ ބަޔަކާއެކު މަސައްކަތް ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ތޯރިގު ވިދާޅުވި އެވެ.

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ގެއްލުނު ކަމަށް ބުނާ ސަރަހައްދު ހޯދުމަށް ދިރާސާކުރަން ސަރުކާރުން ވަނީ ބޭރުގެ ތަޖުރިބާކަރުންނާ ހަވާލުކޮށްފަ އެވެ.