ފިނިޕޭޖް

"ގާލްސް ޖަސްޓް ވޮނަ ހޭވް ފަން"ގެ ރީމޭކެއް ހަދަނީ

ނިއު ވޯލްޑް ޕިކްޗާސްގެ "ގާލްސް ޖަސްޓް ވޮނަ ހޭވް ފަން" އަކީ 1985 ގައި ސޭރާ ޖެސިކާ ޕާކާ އައި ހެލަން ހަންޓް ކުޅުނު ވަރަށް މަޝްހޫރުވީ ރޮމޭންޓިކް ކޮމެޑީ އެކެވެ.

ނިއު ވޯލްޑް ކުންފުނި މިހާރު ނެތެވެ. އެހެންނަމަވެސް ވިލެޖް ރޯޑްޝޯ އިން އެލިޒަބެތް ބޭންކްސްގެ ބްރައުންސްޓޯން ޕްރޮޑަކްޝަންސްއާ ގުޅިގެން މި ކަލްޓް ފިލްމްގެ ރީމޭކެއް ހަދަން މިހާރު ދަނީ ތައްޔާރުވަމުންނެވެ.

މި ފިލްމު އިންސްޕަޔާވެފައިވަނީ ސިންޑީ ލޯޕާގެ 1983 ގައި ނެރުނު "ގާލްސް ޖަސްޓް ވޮނަ ހޭވް ފަން" ލަވަ އަށެވެ. މިއީ ރޮބަޓް ހެޒަޑް ލިޔެ، ޑެމޯ ހެދި ލަވަ އެކެވެ.

ސިންޑީ ކުޑަކޮށް ބަދަލުގެނެސް، ނެރުނު ލަވަ ވަނީ ބޮޑު ހިޓަކަށްވެފަ އެވެ. އަދި ފެމިނިސްޓުން މި ލަވަ އެމީހުންގެ ލަވައަކަށް ހަދައިގެން އުޅެ އެވެ. އެހެންނަމަވެސް، ސިންޑީ މި ފިލްމަށް އޭނާގެ ވާޝަން ބޭނުންކުރުމުގެ ހުއްދަ ނުދީ، ފިލްމާ އެއްވެސް ގުޅުމެއް އޮންނަން ބޭނުން ނުވުމުން، މި ފިލްމްގައި ބޭނުންކޮށްފައިވަނީ އޮރިޖިނަލް ވާޝަން އެވެ.

އެލަން މެޓާ ޑައިރެކްޓްކުރި "ގާލްސް ޖަސްޓް ވޮނަ ހޭވް ފަން" ފިލްމްގައި ލީޑް ކެރެކްޓާ އަކީ ޖޭނީ (ސޭރާ) އެވެ.

ޖޭނީގެ ބައްޕައަކީ ވަރަށް ހަރުކަށި ސިފައިންގެ މީހެކެވެ. ޖޭނީ ކިޔަވަނީ ހަރުކަށި ކެތޮލިކް ހައި ސްކޫލެއްގަ އެވެ. އެހެން ނަމަވެސް ޖޭނީ އަކީ ނެށުމަށް ވަރަށް ލޯބިކުރާ ކުއްޖެކެވެ. ޖޭނީގެ އާ ބެސްޓް ފްރެންޑް (ހެލަން)ގެ އެއްބާރުލުމާއެކު، ބައްޕައަށް ފޮރުވައިގެން ޓީވީން ބާއްވާ ނެށުމުގެ ޝޯއެއްގައި ބައިވެރިވެ އެވެ. އަދި އާ ލޯބީގެ ގުޅުމަކާއި ހަތުރެއްގެ އުނދަގޫތަކާ ކަންކަމަކީ ޖޭނީ ކުރިމަތިލާންޖެހޭ ކަންކަމެވެ.

މި ފިލްމްގައި ސޭރާ އާއި ހެލަންގެ އިތުރުން ލީ މޮންގޯމެރީ، ޖޮނަތަން ސިލްވަމަން، އެޑް ލޯޓްނާ އަދި ޝެނަން ޑޮއާޓީ ހިމެނުނެވެ.

މި ފިލްމްގެ ރީމޭކްގެ ޕްލޮޓް މައިގަނޑު ގޮތެއްގައި އެއްގޮތަކަށް ބަހައްޓައި، މި ޒަމާނުގެ އޯޑިއަންސާ ގުޅޭގޮތަށް ބަދަލުކުރާނެ އެވެ. މި ރީމޭކްގެ އަދި މާބޮޑު ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.