ފިނިޕޭޖް

ލަވަކިޔުންތެރިޔާ ކޭޓީއަށް ޓްރޭޑްމާކް ދައުވާ ކާމިޔާބެއް ނުވި

ލަވަކިޔުންތެރިޔާ ކޭޓީ (KATY) ޕެރީއާ ހިލާފަށް އޮސްޓްރޭލިއާގެ ޑިޒައިން ޓްރޭޑްމާކް ކޭޓީ (KATIE) ޕެރީ ކުރި ދައުވާ މޮޅެއް ނުވި އެވެ. މިއީ ނަމުގައި އެއްގޮތެއް ހުއްޓަސް ނަމުގައިވާ އަކުރުތަކުގައި ތަފާތު ނަމެއް ކިޔާ ދެމީހުންގެ ކޯޅުމެކެވެ.

ޓްރޭޑްމާކް މައްސަލަގެ ފެށުން

އޮސްޓްރޭލިއާގެ ޑިޒައިނަރު ކޭޓީ ޓޭލާ މީހަކާ ކައިވެނިކުރުމުގެ ކުރިން އޭނާ ބޭނުންކުރީ އުފަން ނަން ކޭޓީ (KATIE) ޕެރީ އެވެ. އޭނާ ވަނީ 2007 ވަނަ އަހަރު މި ނަމުގައި ހެދުން ލޭބަލްއެއް ޑިޒައިންކޮށް ވިއްކަން ފަށައި، އެ ނަމުގައި ސެޕްޓެމްބަރު 29، 2008 ގައި ޓްރޭޑްމާކް ރަޖިސްޓާކޮށްފަ އެވެ.

ހަމަ އެ އަހަރު އެމެރިކާގައި ލަވަކިޔުންތެރިޔާ ކޭޓީ (KATY) ޕެރީ މަޝްހޫރު ވާން ފެށި އެވެ. މީނާގެ އުފަން ނަމަކީ ކެތަރިން ހަޑްސަން އެވެ.

ކޭޓީ (KATIE)ގެ ވެބްސައިޓްގައި މި މައްސަލައިގެ ވާހަކަ ކިޔައިދެމުން ބުނީ އޭނާއަށް ކޭޓީ (KATY) އަކީ ކާކުކަން ކުރިން ނުވެސް އެނގޭ ކަމަށެވެ. އަދި އޭނާ ހައިރާންވި ކަމަކީ ކުއްލިއަކަށް 2009 ގައި ކޭޓީ (KATY)ގެ ލޯޔަރުންގެ ފަރާތުން ކޭޓީ (KATIE)ގެ ޓްރޭޑްމާކްގެ ދަށުން ހެދުން ވިއްކުން ހުއްޓާލާފައި، ދުވަހަކުވެސް އެ ނަން ވިޔަފާރިކުރުމަށް ބޭނުން ނުކުރުމަށް އެއްބަސްވެ، އެމީހުން ފޮނުވާފައިވާ ލިޔުންތަކުގައި ސޮއިކުރުމަށް އެންގުމުން ކަމަށް ކޭޓީ (KATIE) ބުނެ އެވެ.

"އަހަރެންނަށް މިކަންވީ ބޮޑު ހައިރާން ކަމަކަށާއި މަލާމާތަކަށް. އަދި އަހަރެންނަށް ހަނގާ ކުރާކަން އިހުސާސްކުރެވުނު. އަހަރެން މި ހަނގުރާމަކުރީ ގިނަ ފައިސާ ހުންނަ މީހުންނާއި ބޮޑެތި ކުންފުނިތަކާ ދެކޮޅަށް ކުދި ވިޔަފާރިތަކުގެ ދިފާއުގައި،" ކޭޓީ (KATIE) ބުންޏެވެ.

ކޭޓީ (KATIE) ބުނީ 2009 ގައި އޭނާގެ ޓްރޭޑްމާކް އުވާލުމަށް ކޭޓީ (KATY) މަސައްކަތްކޮށް ނާކާމިޔާބު ވުމުން، އެކަމަށް އަޅާނުލާ ހުރި ކަމަށެވެ. އަދި ގަވައިދާ ހިލާފަށް ކޭޓީ (KATY)ގެ ކިޓީ ޕާރީ ފަދަ ކުންފުނިތަކުން އޮސްޓްރޭލިއާގައި އޭނާގެ ޓުއާގެ ދުވަސްވަރާއި އެހެން ދުވަސްތަކުގައި މާޗަންޑައިސް ވިއްކަމުންދާ ކަންވެސް ކޭޓީ (KATIE) ފާހަގަކުރި އެވެ.

ޓްރޭޑްމާކް މައްސަލަ އަދި ގާޒީގެ ނިޔާ

ކޭޓީ (KATIE) ވަނީ، ކޭޓީ (KATY) 2014 ވަނަ އަހަރު އޮސްޓްރޭލިއާގައި ކުރިއަށް ގެންދިޔަ ޓުއާގައި ވިއްކި މާޗަންޑައިސް، އެ ޑިޒައިނާގެ ޓްރޭޑްމާކް އެއްގޮތްވާ ކަމަށް ބުނެ އޮސްޓްރޭލިއާގައި ދައުވާކޮށްފަ އެވެ.

ކޯޓުން ނިޔާ ކަނޑައަޅާފައިވަނީ ކޭޓީ (KATIE)އާ އެއްކޮޅަށެވެ. ގާޒީގެ ނިންމުމުގައި ކޭޓީ (KATY) އެ ނަން ބޭނުންކޮށްފައިވަނީ ގޯސް ނިޔަތުގައި ނޫން ކަމަށާއި އެހެންކަމުން ޒާތީގޮތުން އެއްވެސް ބަދަލެއް ދޭން ނުޖެހޭ ކަމަށް ބުންޏެވެ.

އެހެންނަމަވެސް ކިޓީ ޕާރީ ކުންފުނިން ގެއްލުމަށް ބަދަލު ދޭން ޖެހޭ ކަމަށާއި ދައްކަންޖެހޭ އަދަދު އަންނަ މަހު ކަނޑައަޅާނެ ކަމަށްވެސް ގާޒީގެ ނިންމުމުގައިވެ އެވެ. ކޭޓީ (KATIE)ގެ ޓްރޭޑްމާކް އުވާލަން ކޭޓީ (KATY) ކުރި ދައުވާ ވެސް ކޯޓުން ވަނީ ބޭރުކޮށްލާފަ އެވެ.