ފިނިޕޭޖް

ޖެރީ ސްޕްރިންގާ މަރުވެއްޖެ

ޓޯކް ޝޯ ހޯސްޓް އަދި ކުރީގެ ސިންސިނޭޓީގެ މޭޔާ ޖެރީ ސްޕްރިންގާ 79 އަހަރުގައި މަރުވެއްޖެ އެވެ.

ޖެރީ މަރުވި ކަމަށް ހާމަކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އާއިލާގެ ފަރާތުން ތަރުޖަމާނު ޖީން ގެލްވިން އެވެ.

ޖެރީ މަރުވެފައިވަނީ ވޭންދެނެވި ޕޭންކްރިއޭޓިކް ކެންސަރާ ހަނގުރާމަކުރުމަށްފަހު އެވެ.

އެމެރިކާގެ ކެންސާ ސޮސައިޓީން ބުނާ ގޮތުގައި ކެންސަރު ބަލީގައި މަރުވާ ހަތް ޕަސަންޓް މީހުން މަރުވެފައިވަނީ ޕޭންކްރިއޭޓިކް ކެންސަރަށެވެ.

ޕޮލިޓިކަލް ސައިންސާއި ލޯ ކިޔެވުމަށްފަހު، ޖެރީވަނީ ސިންސިނޭޓީގެ ކައުންސިލަރެއް އަދި ފަހުން މޭޔަރުގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.

ސިޔާސީ ކެރިއަރު ކުރިއަރައިގެން ނުދިއުމުން ޖެރީ ކެރިއާ ބަދަލުކޮށްލީ ޓީވީ އަށެވެ. އެގޮތުން ނިއުސް އެންކާއެއްގެ މަސައްކަތްކުރުމަށްފަހު "ދަ ޖެރީ ސްޕްރިންގާ ޓޯކް ޝޯ" ފެށި އެވެ.

މި ޝޯއަށް އެތައް ފާޑުކިއުންތައް ރައްދުވެ، މިއީ މުޖުތަމައުގެ އުސޫލުތައް ގެއްލުވާލާ ޝޯއެއް ކަމަށްވެސް މީހުން ތުހުމަތުކުރި އެވެ. އެހެންނަމަވެސް ޖެރީ ބުނީ އެންމެނަށްވެސް ފާޑުކިއުމުގެ ބާރުލިބިގެންވާކަމަށާއި ކަމުނުދާމީހުންނަށް ރިމޯޓެއް ލިބިފައިވާކަމަށެވެ.

ޖުމްލަ 4،000 އަށް ވުރެ ގިނަ އެޕިސޯޑް ދައްކާފައިވާ މި ޝޯގެ އެންމެ ސިއްސުވާލި އެއް އެޕިސޯޑަކީ 2000 ވަނަ އަހަރު ޖަރުމަނު ދަރިކޮޅުގެ ރަލްފް ޕަނިޓްޒް އޭނާގެ ކުރީގެ އަންހެންނުން ނެންސީ އާއި ފަހުގެ އަންހެނުން އެލެނޯއާ އެކު އެރި ޝޯއެވެ.

މި ޝޯގައި ރަލްފް އެކަކު އަނެކަކަށް ނާންގާ ދެ އަންހެނުންނާ ގުޅުން ބާއްވާ ކަމަށް ހާމަވެ، ބޮޑު ކަންތައް ގަނޑެއް ހިނގި އެވެ. މޭ މަހު ޝޫޓްކުރި މި އެޕިސޯޑް ދެއްކީ ޖުލައި 24، 2000 ގައެވެ. އަދި މި ޝޯ ދެއްކިތާ ގަޑިއިރުތަކެއްގެ ތެރޭގައި ރަލްފް ވަނީ ނެންސީ މަރާލާފަ އެވެ. އަދި ރަލްފްއަށް ދައުވާކޮށް ވަނީ ޖަލަށް ލާފަ އެވެ.

ޖެރީ ބުނީ މީހެއްގެ ފުރާނަ ގެއްލުމަކީ ވަރަށް ހިތާމަހުރި ކަމެއް ކަމަށާއި އެހެންނަމަވެސް އެއީ ޝޯއާ ގުޅުންހުރި ކަމެއް ނޫން ކަމަށެވެ.

ޖެރީގެ މަރާ ގުޅިގެން ރައްޓެހިންނާއި ސެލެބްރިޓީން ދަނީ ތައުޒިޔާ ކިޔަމުންނެވެ.