ރަޝިއާއިން ވިކިޕީޑިއާ ދެ މިލިއަން ރޫބަލް އިން ޖޫރިމަނާކޮށްފި އެވެ. މިއީ ރަޝިއާއިން ވިކިޕީޑިއާ ޖޫރިމަނާކުރި ހަތްވަނަ ފަހަރެވެ.
ރަޝިއާގެ ކޯޓަކުން ވިކިޕީޑިއާ ޖޫރިމަނާކުރަން ނިންމީ ރަޝިއާގެ އަސްކަރިއްޔާއާ ބެހޭ ގޮތުން ވިކިޕީޑިއާ އޮންލައިންގައި ޝާއިއުކޮށްފައި ހުރި ލިޔުންތަކެއްގެ މައްސަލާގަ އެވެ. އެ ލިޔުންތައް ނެގުމަށް މުހުލަތު ދިނުމުން ވެސް ވިކިޕީޑިއާއިން އެކަން ކޮށްފައި ނުވާތީ ކަމަށް އިންޓަފެކްސް ރިޕޯޓްކުރެ އެވެ.
އިންޓަފެކްސް ބުނާ ގޮތުން ޖޫރިމަނާގެ ގޮތުގައި ވިކިޕީޑިއާއިން މިހާރު 8.4 މިލިއަން ރޫބަލް ރަޝިއާއަށް ދައްކަން ޖެހެ އެވެ.
ވިކިޕީޑިއާއަށް އަޕްލޯޑްކޮށްފައި ހުރި ލިޔުމުގައި ރަޝިއާގެ އަސްކަރިއްޔާއާ ގުޅުންހުރި ސިއްރު މައުލޫމާތު -- އާންމުންނަށް އަންގަން ބޭނުންނުވާ މައުލޫމާތު ހުރި ކަމަށް ރަޝިއާގެ ކޯޓުން ބުނެ އެވެ. އަދި ރަޝިއާ ސިފައިން ޔުކްރޭންގައި ހަރަކާތްތެރިވަމުންދާ ގޮތާ ބެހޭ ލިޔުންތައް ވެސް ވިކިޕީޑިއާއިން ވަނީ އާންމުކޮށްފަ އެވެ.
ރަޝިއާގެ މި ތުހުމަތާ ބެހޭ ގޮތުން ސުވާލުކުރުމުން ވިކިޕީޑިއާއިން ޖަވާބެއް ނުދެ އެވެ. ބުނިހާ ވެސް އެއްޗަކީ ވިކިޕީޑިއާގެ ގަވާއިދާ ޚިލާފު އެއްވެސް ލިޔުމެއް އޮންލައިން ސާވާތަކުގައި ނުހުންނާނެ ކަމަށެވެ.
ރަޝިއާ ސިފައިން ޔުކްރޭނަށް އަރައިގަތް މައްސަލާގައި ދުނިޔެއަށް މަޝްހޫރު ވަރަށް ގިނަ ސޯޝަލް ޕްލެޓްފޯމްތަކާއި ޚަބަރު ވެބްސައިޓްތައް އަދި އޮންލައިން އެންސައިކްލޮޕީޑިއާތައް ވަނީ ރަޝިއާއަށް ނުފެންނަ ގޮތް ހަދާފަ އެވެ.
ފޭސްބުކާއި ޓްވިޓާ އަދި އިންސްޓަގްރާމް ފަދަ ދުނިޔޭގެ ވަރަށް ގިނަ ބަޔަކު އެއްވެ އުޅޭ ސޯޝަލް ނެޓްވޯލްތަަކަށް ވެސް ރަޝިއާއިން ވަނީ ހުކުމްކޮށްފަ އެވެ. އަދި ރަޝިއާއަށް ކަމުދާ ގޮތް ނޫން ގޮތަކަށް ކޮންޓެންޓްތައް ބައްޓަންކުރާ ނަމަ، އެ ވެބްސައިޓެއް ވަގުތުން ބަންދުކުރުމުގެ ބާރުވެސް ރަޝިއާގެ އިންފޮމޭޝަން ކޮންޓްރޯލަރުންނަށް ވަނީ ދީފަ އެވެ.
ރަޝިއާ ކޯޓުން ވިކިޕީޑިއާއަށް ހުކުމް ކުރި ނަމަވެސް ޑިޖިޓަލް އެފެއާޒް މިނިސްޓަރާ ހަވާލާދެއްވައި އިންޓަފެކްސް ނިއުސް އޭޖެންސީ ބުނާ ގޮތުން ރަޝިއާގައި ވިކިޕީޑިއާ ބަންދުކުރުމުގެ ވިސްނުމެއް އަދި ނެތެވެ.
ވިކިޕީޑިއާއާ މެދު ހަރުކަށި ފިޔަވަޅެއް އެޅުމަކީ އަދި އޮތް ވިސްނުމެއް ނޫން ކަމަށް ވެސް އިންފޮމޭޝަން މިނިސްޓަރު ވިދާޅުވި ކަމަށް އިންޓަފެކްސް އިން ބުނެ އެވެ.