ލައިފްސްޓައިލް

550 ދަރިންގެ ބައްޕައަށް އިތުރަށް ދަރިން ނުހޯދަން ކޯޓުން އަމުރުކޮށްފި

ދަރިފަނި (ސްޕާމް) ހަދިޔާ ކުރުމަކީ ހުޅަނގުގެ ގައުމުތަކުގައި މީހުން ކޮށް އުޅޭ ކަމެކެވެ. އޭގެން އެމީހާއަށް ފައިދާ އެއް ނުލިބުނަސް ދަރިން ހޯދުމަށް މައްސަލަތައް ކުރިމަތިވެފައިވާ މީހުންނަށް އެހީތެރިވުމުގެ ގޮތުންނެވެ.

ގަވާއިދުން ލޭ ހަދިޔާ ކުރާ މީހުން އުޅޭ ގޮތަށް ސްޕާމް ޑޮނޭޓް ކުރާ މީހުން ވެސް އުޅެ އެވެ. ނެދަލެންޑްސްގެ 41 އަހަރުގެ ފިރިހެނަކު މީގެ ތެރެއިން ފާހަގަ ކޮށްލެވެ އެވެ. އެމީހާ ހަދިޔާކުރި ދަރިފަނި ދުނިޔޭގެ އެކި ގައުމުތަކުގެ މީހުން ބޭނުންކޮށްގެން އޭގެން 550 ދަރިން އުފަންވެފައި ވެއެވެ. މާނައަކީ މި މީހާގެ ދަރިންގެ އަދަދު މިހާރު 550 އަށް އަރާފައި ވުމެވެ.

ނަމަވެސް މި މީހާ އިތުރަށް މިކަން ނުކުރުމަށާއި މިކަން މުޅިން ހުއްޓާލުމަށް ނެދަލެންޑްސްގެ ކޯޓަކުން ދާދިފަހުން ވަނީ އޭނާގެ މައްޗަށް އަމުރުކޮށްފަ އެވެ. ދެން އިތުރަށް އޭނާ މިކަން ކޮށްފިނަމަ ވަރަށް ބޮޑު ޖޫރިމަނާއެއް ކުރާނެކަމަށް ވެސް ކޯޓުން ވަނީ އެމީހާއަށް އަންގާފަ އެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ނެދަލެންޑްސްގެ ފާޓިލިޓީ ކްލިނިކްތަކަށް ދަރިފަނި ޑޮނޭޓްކުރުން 2017 އިން ފެށީގެން މި މީހާ އަށް އޮތީ މަނާ ކޮށްފަ އެވެ. ނަމަވެސް އޭނާ އޮންލައިންކޮށް ވެސް މިކަން ކުރިޔަށް ގެންގޮސް ދުނިޔޭގެ އެކި ގައުމުތަކަށް ދަރިފަނި ބަހާފައި ވެއެވެ.

ނެދަލެންޑްސްގެ މީޑިއާ ތަކުން ބުނެފައިވާ ގޮތުގައި މި މީހާއަށް ނަން ދީފައިވަނީ ޖޮނަތަން އެމް ގެ ނަމުންނެވެ. އެއީ އޭނާގެ ނަން ރައްކާތެރިކުރުމުގެ މަގްސަދުގައި އަސްލު ނަން ފޮރުވާފައި ނޫސްތަކުގައި ލިޔާ ނަމެވެ.
އެ ގައުމުގެ މީޑިއާ ތަކުން ބުނެފައިވާ ގޮތުގައި އޮންލައިންކޮށް ދަރިފަނި ޑޮނޭޓްކުރުމަށް މި މީހާ އެހެން ނަން ނަން ވެސް ބޭނުން ކުރަމުން ދެއެވެ.

މި މީހާއަށް އިތުރަށް މިކަން ކުރިޔަށް ނުދީ މުޅިން މަނާ ކުރަން އެދި އެ މީހާ ގޮވައިގެން ކޯޓަށް ދިޔައީ އޭނާގެ 550 ދަރިންގެ ތެރެއިން އެއް ދަރީގެ މަންމަ އާއި ގާނޫނީ ވަކީލުންގެ ޓީމަކުންނެވެ.

މިދިޔަ ހުކުރު ދުވަހު ކޯޓުން މި މީހާގެ މައްޗަށް ކުރި ހުކުމްގައި ބުނެފައިވަނީ ދަރިފަނި ހަދިޔާކުރުމަށް ނެދަލެންޑްސްގައި ހަދާފައިވާ ގާނޫނުތަކާއި ގަވާއިދުތަކާ މި މީހާ ޚިލާފު ވެފައިވާ ކަމަށެވެ. އަދި މިކަން އޭނާގެ ފަރާތުން ދަރިއަކު ހޯދާފައިވާ އަންހެންމީހާ ވެސް ކޯޓުގައި ފާހަގަކުރި އެވެ.

ނެދަލެންޑްސްގެ ގާނޫނު ބުނާ ގޮތުން ދަރިފަނި ޑޮނޭޓްކޮށްގެން އެކަކަށް އެންމެ ގިނައިން ވެސް ބައްޕައަކަށް ވެވޭނީ 12 އާއިލާއެއްގެ 25 ދަރިންގެ އެވެ. އެއީ އެއްބަފާ ކުދިން ނޭގި ކައިވެނި ކުރެވިދާނެކަމުގެ ބިރު ބޮޑުކަމުން ހަދާފައިވާ ގާނޫނެކެވެ.

ކޯޓުގެ އަމުރަށް މި މީހާ ތަބާ ނުވެއްޖެ ނަމަ މީގެ ފަހުން އޭނާގެ އުފަންވާ ކޮންމެ ދަރިއަކަށް 11،000 ޔޫއެސް ޑޮލަރު (10،000 ޔޫރޯ)ގެ ޖޫރިމަނާއެއް ދައްކަން ޖެހޭނެކަމަށް ވެސް ކޯޓުގެ ހުކުމުގައި ވެއެވެ.

މި މީހާގެ 100 އަށް ވުރެ ގިނަ ދަރިން އުފަންވެފައިވަނީ ނެދަލެންޑްސްގެ ފާޓިލިޓީ ކްލިނިކްތަކުގަ އެވެ. ނަމަވެސް ބޭރު ގައުމުތަކުގައި އެމީހާގެ ދަރިން ތިބި ވަރެއް އަދި އެ ދަރިން ތިބި ގައުމުތަކާއި އެ ދަރިންނަކީ ކޮބައިކަމެއް އެކަކަށް ވެސް ނޭނގެ އެވެ.