އިންޑިއާ

އިންޑިއާގެ ޑިފެންސް މިނިސްޓަރު މާދަމާ ރާއްޖެ ވަޑައިގަންނަވަނީ

އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖްނާތު ސިންގް މާދަމާ ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާއްޖެއަށް ކުރައްވާ މިދަތުރުފުޅަކީ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެކެވެ.

ޑިފެންސް މިނިސްޓަރު ރާޖްނާތުގެ މިދަތުރުފުޅުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރާއްޖެގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ބައްދަލުކުރެއްވުމަށް ހަމަޖެހިފަ އެވެ.

ރާޖްނަތުގެ މިދަތުރުފުޅުގައި އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކޮށްފައިވާ ކޯސްޓްގާޑު އުޅަނދު -- ހުރަވީގެ ބަދަލުގައި ވަސީލަތްތައް ގިނަ ޒަމާނީ އާ އުޅަނދެއް ހަދިޔާކުރައްވާނެ އެވެ. އެ އުޅަނދު މިވަގުތު އޮތީވެސް ރާއްޖޭގަ އެވެ.

ރާއްޖޭގެ ސިފައިންގެ ދެވަނަ ލޭންޑިން ކްރާފްޓް އެސޯލްޓް (އެލްސީއޭ) އަކާއި 24 ޔުޓިލިޓީ ވެހިކަލް އިންޑިއާ އިން ހަދިޔާ ކުރުންވެސް މާދަމާ ކުރިއަށް ގެންދާނެ އެވެ.

އިންޑިއާ އިން ހުރަވީ ހަދިޔާކުރީ އޭޕްރީލް 16، 2006 ގައި ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގަ އެވެ.

ހުރަވީގެ ބަދަލުގައި އާ ކޯސްޓްގާޑެއް ހަދިޔާކުރަން އިންޑިއާ ސަރުކާރުން ނިންމީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިދިޔަ އަހަރުގެ އޮގަސްޓް މަހު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގަ އެވެ.