( 27 އެޕްރިލް 2023 އާ ގުޅޭ )
"އިތޫ. އަހަންނަށް އޯކޭ ކިތަންމެ ދުރުންވިޔަސް. ކޮންމެ ގެސްޓްހައުސްއަކުން ވިޔަސް އޯކޭ. އަހަރެން އެކަނި ހުންނަންވިޔަސް މައްސަލައެއްނެތް. ލިބުނު ތަނަކަށް މާދަމާ ބަދަލުވާން އަހަރެން ބޭނުން. އެކަނިވެލަން އަހަރެން ވަރަށް ބޮޑަށް ބޭނުން." އިތޫ ނުބުނަން އުޅެނީއޭ ހީވާތީވެ އަހަރެންގެ ހިތު ލަފައަށް ވާހަކަދެއްކީމެވެ.
* * * * *
އެހާ ފިނީގައި ފެންވެރީތީ އަހަންނަށް ފާޑުކިޔާފައި އިތޫ ވެސް އެންމެފަހުން އޮށޯތީ ފެންވަރައިގެން އައިހެވެ. އޭނާ އެނދުގައި ޖެހުނު ގޮތަށް ނިކަން އަވަހަށް ނިދައިފިއެވެ. އެކަމަކު އަހަންނަކަށް ނުނިދުނެވެ. ވަރުބަލިނުވަނީއެއް ނޫނެވެ. ސިކުނޑީގެ ހާސްކަން ބޮޑީއެވެ. މިވަގުތު ވިސްނެނީ އަހަރެންގެ ހުރުމާމެދުއެވެ. އަހަރެން ދެއްކި ވާހަކައަށް އިތޫ އެދެވޭ ޖަވާބެއް ނުދިނެވެ. އޭނާ އަހަންނަށް ބަލާލާފައި ހިނިތުންވެލީއެވެ. އެއަށްފަހު ބުނެލީ އެއް މަސް ނިކަން އަވަހަށް ފާއިތުވެގެން ހިނގައިދާނެކަމެވެ. އަދި އަހަރެންގެ ޗުއްޓީ ހަމަވަންދެން އިތޫމެން ގޭގައި މަޑުކުރާނީ ކަމުގައެވެ. އެހިސާބުން އަހަރެންގެ އެކުވެރިޔާއަށް އުނދަގޫކުރެއްވިއްޖެކަން އޭނާ ނުބުންޏަސް އަހަންނަށް އެނގުނެވެ. އަހަރެން މިއޮތީ އިތޫއާއި ޒަފަރު، އެމީހުންގެ އާ ކައިވެންޏަށް ތައްޔާރުކުރަމުންދާ ކޮޓަރީގައެވެ. އަހަރެންގެ އަލަތު ކައިވެންޏަށް ތައްޔާރު ކުރެވޭ ކޮޓަރީގައި އެކުވެރިޔަކު ބަހައްޓާހައި ބޮޑު ހިތެއް އަހަންނަށް ލިބިފައެއް ނެތެވެ. އެ ކޮޓަރީގައި ފުރަތަމަ ނިދަން ޖެހޭނެ ބަޔަކީ އެ ކޮޓަރި ޚާއްޞަ ކުރެވިފައިވާ ދެމަފިރިންނެވެ. އެކަމަކު އަހަރެންގެ އަމިއްލަ އެދުމާހެދި ނިކަން ކަންތައްވީގޮތް ބަލާށެވެ. އިތޫ ފާޅުނުކުރިޔަސް އޭނާގެ ހިތަށް ވެސް އެއްޗެހި އަރާނޭކަން އަހަރެންނަށް ޔަގީނެވެ.
"އެންމެ ރަނގަޅު ގޮތަކީ އަމިއްލައަށް މިގެއިން ދިއުން. އަތުގައި ފައިސާ ނެތީއެއްނޫން." އަހަރެންގެ އަމިއްލަ ހިތާ ވާހަކަދެއްކީމެވެ.
އިތޫއަށް ބަލާލާފައި އަހަރެން އެނދުން ތެދުވީ ނިކަން މަޑުމަޑުން ސިއްރުންނެވެ. ފޯނު ޗާޖަށް ޖަހާފައި އޮތީ ރީތިވާ މޭޒުމަތީގައެވެ. އަހަރެން ތެދުވެގެން އައިސް ފޯނު ނެގީމެވެ. ރީތިވާމޭޒުގެ ގޮނޑީގައި އިށީނދެ ފޯނު ހުޅުވާލީމެވެ. ރޭގަނޑު ކާން ތިބެފައި ސީރަތު ބުނި "އޯޝަން ޕެރެޑައިސް"ގެ ނަން އަހަރެން ހަނދާން އެބަހުއްޓެވެ. އެއީ ކޮންކަހަލަ ތަނެއްތޯ ބަލާލަން ބޭނުންވިއެވެ. އެ ނަމުގައި ގެސްޓްހައުސްއެއް ފެނޭތޯ ފޯނުން ހޯދާލީމެވެ. ނަސީބަކުން އެމީހުންގެ ފޭސްބުކް ޕޭޖެއް ހަދާފައިވާތީ ފެނުނެވެ. ރަށް އެނގެން އޮތީމާ ސީދާ އެއީ އެ ގެސްޓްހައުސްކަން އަހަންނަށް ޔަގީންވިއެވެ. އެކަމަކު ޕޭޖަށް ވަންއިރު މުޅިން ވެސް ހުރީ ހަތަރު އަހަރު ކުރީން ޕޭޖުގައި ޖަހާފައި ޕޯސްޓުތަކެވެ. އެ ގެސްޓްހައުސްގެ ފޮޓޯތައް ލާފައި ހުއްޓެވެ. މޫދާ ވަރަށް ކައިރީގައިކަން ހުންނަނީ ބައެއް ފޮޓޯތަކުން ފާހަގަވިއެވެ. ކޮޓަރިތައް ވެސް ތަނަސްވެފައި ޒަމާނީ ގޮތްގަނޑު ހުއްޓެވެ. ގެސްޓްހައުސްއަކަށްވުރެ އަހަންނަށް އެތަން ވައްތަރުވީ ތިން ތަރީގެ ހޮޓެލަކާއެވެ. ފޮޓޯތަކުން ގައިމު ވެސް އެތަން ފެންނަނީ ނިކަން ރީތި މަންޒިލެއްގެ ގޮތުގައެވެ. ޕޭޖުގައި ގުޅޭނެ ނަންބަރު ދީފައި އޮތުމުން އެ ނަންބަރު ފޯނުގައި ނޯޓުކޮށްލީމެވެ. އަދި ފޯނުން އެ ގެސްޓްހައުސްއާއި އިތޫމެންގެއާ ހުރި ދުރުމިން މެޕުން ބަލާލީމެވެ. އިތޫ ބުނިހެން އެއީ ފުދޭވަރަކަށް ދުރެވެ.
"އިހަށް ލިބިއްޖެއްޔާ ދާނީ. ފަހުން އެހެން ތަނަކުން ރޫމެއް ލިބިއްޖެއްޔާ ބަދަލުވެވިދާނެ. އިތޫގެ ރޫމް އަދި އެއްކޮށް ނުވެސް ނިމޭ. މިތަނުގައި އަހަރެން ހުރިއްޔާ އެމީހުންނަށް ކޮޓަރިއެއް ވެސް ނުނިންމޭނެ. އެހެންނޫނަސް އިތޫ ރަށަށް އެ އައީ ވީހާ ވެސް އަވަހަކަށް މެރީ ކުރާނީއޭ ކިޔާފައި." ރަނގަޅުގޮތް ޚިޔާރުކުރާން އަހަރެން ވިސްނީމެވެ.
ނިދުނީ ކިތަންމެ ލަހުން ވިޔަސް ހެނދުނު ހައެއް ނުޖަހަނީސް އަހަންނަށް ހޭލެވިއްޖެއެވެ. ކޮޓަރީގައި އިތޫއެއް ނެތެވެ. އޭނާ ހޯދަން ނުކުތުމުގެ ކުރީން ވަނީ ފާޚާނާއަށެވެ. އަދިވެސް ކޮންމެވެސް ވަރަކަށް ވާރޭ ވެހޭކަން އެނގުނީ ފާޚާނާއަށް ވަނީމައެވެ. ފެންލައިޓާ ދިމާ އަސްކަނިން ފެންފައިބާ އަޑު އިވޭތީއެވެ. އަހަރެން ދަތްއުނގުޅައި މޫނުދޮވެލައިގެން ނުކުމެ ކޮޓަރީގެ އެއްފަރާތުގައި ބާއްވާފައި އޮތް ފޮށި ހުޅުވާލީމެވެ. އަހަރެންގެ ހުރިހާ އެއްޗެއް އަދިވެސް ހުރީ އެ ފޮށީގައެވެ. އޭގެ ތެރެއިން އަހަރެން ނެގީ "ބޯހީމިއާ" ފައިކުރިއަށް ފުޅާކޮށް ހުރި ހަރުވާޅެކެވެ. ގަދަ ނޫކުލައިގެ އެ ހަރުވާޅުގައި ހުރީ ޕީޗްކުލައާއި ރީނދޫކުލައިގެ ފަންވަތުގެ ޕްރިންޓެކެވެ. އެހެންވެ އެއާ ގުޅުވީ ޕީޗްކުލައިގެ އަތްދިގު ޓީޝާޓެކެވެ. ހެދުން ބަދަލުކޮށްލައި ހަރުވާޅުގެ ޖީބަށް ފޯނު ލީމެވެ. އަދި ޓީޝާޓުގެ ދިގު އަތްކުރިން ފަހަރަކު އަތެއް މުލައްދަނޑި ފެންނަ ވަރަށް އޮޅަމުން ކޮޓަރިން ނުކުތީމެވެ. ސިޓިންރޫމަށް ނުނިކުމެވެނީސް އަހަންނަށް އިތޫގެ އަޑު އިވިއްޖެއެވެ. ގޭތެރެއަށް ވެރިވެފައި އޮތް ފުން ހިމޭންކަމުގައި އޭނާގެ އަޑު އިވުނީ ނިކަން ސާފުކޮށެވެ. ކޮންމެވެސް މީހަކާ އޭނާ ވާހަކަދައްކަނީއެވެ.
"ރޭގަ ކުޑަކޮށް ބޯސަކަރާތްވެފައި ހުރީ. އެހެންވެ ވާހަކަދައްކަން ނުގުޅީ. އާނަ އޮތޭ. ދެން ތިޔެއްނޫނޭ. މިއަދު އަންނާނަންތަ؟."
އިތޫގެ ރާގާއި ވާހަކަ ހުރި ގޮތުން އަހަންނަށް އޭނާ އެ ވާހަކަދައްކަނީ ޒަފަރުއާކަން އެނގުނެވެ. އަދި އަންނާނަންތޯ އަހާލި ގޮތުން އިތޫ ކައިރީ ޒަފަރު ނެތްކަން ވެސް ނަގައިގަންނަން އެނގުނެވެ. އެހެންވިއްޔާ އޭނާ އެ ހުރީ ޒަފަރަށް ގުޅައިގެންނެވެ. ބޭރަށް ނުކުތުމުގެ ބަދަލުގައި އަލުން އަނބުރާލާފައި އަހަރެން އައިސްވަނީ ކޮޓަރިއަށެވެ. ވަގުތުން އަހަރެން ފޯނުގައި ނޯޓުކުރި ނަންބަރު ހޯދައި ޑަޔަލްކޮށްލީމެވެ. ރޭގައި މާ ދަންވެފައި ހުރީމާ އަހަރެން ގެސްޓްހައުސްގެ ނަންބަރު ހޯދާފައި ވެސް ނުގުޅީއެވެ. ކުއްލިއަކަށް އެކަން ހަނދާނަށް އައީ އިތޫގެ ވާހަކަތައް އިވުނީމައެވެ. އެ ނަންބަރު ފޯނެއް ނުނެގިއެވެ. ދެ ފަހަރު އަހަރެން ގުޅީމެވެ. އަދި ތިން ވަނަ ފަހަރު ނުގުޅަންވެގެން އަހަރެން އެ ނަންބަރަށް މެސެޖު ކުރީމެވެ. ގެސްޓްހައުސްއިން ކޮޓަރިއެއް ހޯދަންކަމުގައި މެސެޖުގައި އަހަރެން ލިޔުނީމެވެ. ހިސާބަކަށް މާޔޫސްވިއެވެ. އެހެންވިޔަސް އެހެން ތަންތަން ހޯދަން ފެށީމެވެ. ނަންބަރު ފެނުނު ހަތަރު ގެސްޓްހައުސްއަކަށް ގުޅީމެވެ. އެއްތަން މަރާމާތައް ހުރީ ބަންދުކޮށްފައެވެ. އަދި ގުޅުނުތަންތަނުން އެއްބަޔަކު ބުނީ ދިވެހިން ނުބައިތިއްބާ ކަމުގައެވެ. ކުރީބައިގައި ރާވަން ޖެހޭނެކަމުގެ މުހިންމުކަން އަހަރެން ހިތަށް އެރިއެވެ. ތަހުމީނާ ފުރަން އުޅެނިކޮށް ތެޅެމުންފޮޅެމުން އަހަރެން އޭނާގެ ފަހަތުން މިރަށަށް މިއައީ އެއްވެސް ކަމެއް ހަމަޖެއްސުމެއްނެތިއެވެ. އިތުމީނާގެ ގޭގައި ހުރެވޭކަށް ނުހުންނާނޭ އޭނާ ބުނެބުނެ އޮއްވައެވެ. އެކަމަކު ދެން ހެދޭނީ ވެސް ކިހިނެއް ހެއްޔެވެ.
"ހޭލާތަ؟. ކީއްވެފަ ތިއިންނަނީ؟." ފޯނު އަތަށް ލައިގެން އެނދު އަރިމަތީ އިށީނދެ ލައިގެން އަހަރެން އިންދާ އިތޫ ކޮޓަރިއަށް ވަނެވެ.
"ކަމެއްނުވޭ." އަހަރެން އިތޫއަށް އުނދަގޫނުކޮށް އެ ގެއިން ދާން މަސައްކަތް ކުރަނީއޭ ބުނަން ބޭނުންނުވީއެވެ.
"ކޮފީ ބޯން ހިނގާ. އަހަރެން ބަދިގެއަށް ދިއުމުގެ ކުރީން ބަލާލީ އާނަ ހޭލިތޯ." އިތޫ ބުންޏެވެ.
ދެ މީހުން އައިސް ބަދިގެއަށް ވަނީމެވެ. އަހަންނަށާ އެކީ ކިރުކޮފީ ތަށްޓެއް ހަދައިގެން އިތޫ އައިސް ކާމޭޒު ދޮށުގައި އިށީނެވެ. އަހަރެންގެ ކައިރިއަށް ކޮފީ ޖޯޑު ޖައްސާލާފައި އޭނާ ބަލާލީ ނިކަން ފަރުވާތެރި ބެލުމަކުންނެވެ.
"ތި ވިސްނަނީ އޭނައާ މެދު ދޯ." އިތޫ އަހާލިއެވެ. އަހަރެން މަޑުމަޑުން ބޯހޫރާލީމެވެ.
"ލޯބިވާތީ ދޯ އިންނަން ހުރިހާ ކަމެއް ހަމަޖައްސާނީ. ދެން ކީއްވެ؟. އޭނަ ޚިޔާލު ބަދަލުވީތަ؟." އިތޫ ވެސް މިހެންބުނެ ތުންފިއްތާލިއެވެ.
"އޭނާގެ ނުބައިނުލަފާކަމުން." ދެބުމަގޮށްޖަހާލެވުނު ގޮތަށް އަހަރެން ބުނީމެވެ.
"އާނަ އަހަންނަށް ވެސް ކިޔައިދޭން ބޭނުންނޫނީތަ؟. ކުއްލިއަކަށް ކައިވެނި ކެންސަލް ކުރީއޭ ބުނެފައި. ޒިޔާންއަކީ އާނަ ހީކުރި ކަހަލަ މީހެއްނޫނޭ... އަދިވެސް ޒިޔާން ކުރީ ކޮންކަމެއްކަން އަހަންނަށް ސާފެއްނުވި. އެކަމަކު އަހަންނަށް ވިސްނޭ ޒިޔާން ވަރަށް ބޮޑު ކަމެއް ކޮށްގެންކަން އާނަ ތިހުރިހާ ނިންމުމެއް ތިނިންމީ. އާނައަށް ރަނގަޅަކަށްވީކަމެއް ކަމަށް ހީކޮށްލުން ދެން އޮތީ. ކޮންމެ ކަމެއް ނަމަވެސް ކައިވެނި ކުރުމުގެ ކުރީން ތި ހިނގީ އެހެންވެކަމަށް ވެދާނެ. އިޓްސް ފޯ ޔޯ އޯން ގުޑް." އިތޫގެ ޚިޔާލު ހާމަކުރިއެވެ.
އެއީ ތެދުވާހަކައެވެ. އަހަރެންގެ މައިންބަފައިން ވެސް ބުނީ ހުރިހާކަމެއް އެނގުނުކަން އެއީ އަހަންނަށް ރަނގަޅަކަށް މެދުވެރީކަމެއް ކަމުގައެވެ. އެހެންވިޔަސް ޒިޔާންދެކެ ލޯބިވެގެން އޭނާއާ ރައްޓެހިވެގެން ތިން އަހަރު އުޅުނީ އަހަރެންނެވެ. އަހަންނާއި ޒިޔާނާ ދެމެދުގައި އޮންނަ އިހްސާސްތަކާއި ޖަޒުބާތުތަކަކީ އެހެން މީހަކަށް ސިފަކުރެވޭނެ ކަންކަމެއްނޫނެވެ. އަހަރެން އޭނާދެކެ ވީ މިނެއްނެތް ލޯބި އެނގޭނީ އަހަންނަށެވެ. އެތައް ހަނދާންތަކެއް ޒިޔާންއާއެކީ އަހަރެން ރައްކާކުރީމެވެ. އެކަމަކު މިހާރު އެ ހަނދާންތައް އާވާ ކޮންމެ ފަހަރަކު އަހަރެންގެ ޟަމީރު ބުނަނީ އެއީ އަހަރެންގެ ހަޔާތުގައި ހެދުނު އެންމެ ބޮޑު ގޯސްކަމުގައެވެ. އެހެންވިޔަސް މީހަކު ހުންނަ ގޮތަކުން އެ މީހާގެ ގޮތް ދަސްކުރާނީ ކިހިނެއް ހެއްޔެވެ. ފެންނާނީ ބޭރުފުށުން އެމީހާ ދެއްކި ސިފައެއް ނޫން ހެއްޔެވެ. އިންތިހާއަށް ލޯބިވުމަށްފަހު އޭގެ އެތައްގުނައަކަށް ނަފުރަތު ކުރާން އަހަރެންގެ ހިތަށް އޭނާ ދަސްކޮށްދީފިއެވެ. އަހަރެން އޭނާދެކެ ހަޤީޤަތުގައި ވެސް ފޫހިވެއްޖެއެވެ. އެ ނަން އިވުނަސް ރުޅި އާދެވެއެވެ.
"ޒަފަރު މިއަދު އަންނާނެ. އޭރުން އާނައަށް ވެސް އޭނާ ފެންނާނެ އެއްނު." އިތޫ ވާހަކަ ބަދަލުކޮށްލީކަން އަހަރެން ދެނެހުރީމެވެ. އޭނާއަށް ބަލާލާފައި އަހަރެން ހިނިތުންވެލީމެވެ.
"އިތޫއަށް ޓަކައި އޭނާ ވަރަށް ދިގު އިންތިޒާރެއްކޮށްފި. ވާންއުޅޭ ފިރިމީހާއަށް އަހަރެން އިންޓްރޮޑިއުސް ކޮށްދޭން ވާނެ. ދެން ނޭނގެ މިހެން އުޅެފައި މާލެ ދާގޮތަށް މިރަށަށް އާދެވޭނެކަމެއް ވެސް. އަސްލު ވަރަށް މިސްވާނެ އިތޫ. ބޯގޮވީމާ އަނގަތަޅާލަން ގޮވައިގެންދާނޭ މީހަކު އިތޫ ނެތީމަ ނުހުންނާނެ." އަހަރެން ދެރަވާކަން ދައްކާލީމެވެ. އިތޫ ތުންއަނބުރާލާފައި ހީނގަތީއެވެ.
ސީރަތު އައިސް ބަދިގެއަށް ވަނީ އަހަރެމެން ކޮފީބޯން ތިއްބައެވެ. އޭނާ ހެނދުނުގެ ސަޔަށް މަސައްކަތްތައް ފަށައިގަތުމުގެ ކުރީން އަހަރެމެން ކައިރީ ކޮފީއެއް ބޯލަން އިނެވެ. ހެނދުނުގެ ސައިތައްޔާރު ކުރާން އެމީހުން އުޅުން އަހަރެން ވެސް އެހީތެރިވީމެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް ހުނި ރޮއްޓެއް ތައްޔާރު ކުރާނޭ ގޮތް ދަސްވިއެވެ. އެކަމަކު އަހަރެން ދެމި ރޮށި އޮތީ ޗާޓުގައި ޗައިނާ އޮންނާނެ ބައްޓަމަށެވެ. އިތޫ ނިކަން ދިމާކުރިއެވެ. އަހަންނަކަށް އެކަހަލަ މަސައްކަތްތަކެއް ކުރާކަށް ނޭނގޭނެޔޭ ސީރަތު ކައިރީ އިތޫ ހުރެގެން ކިޔައެވެ. މަސައްކަތަކީ ކުރީމާ ދަސްވާނެ ކަންކަމޭ ސީރަތު ބުންޏެވެ. ވަގުތުކޮޅަކަށް ހުރިހާ ފިކުރަކާ ދުރަށް އަހަރެންނަށް ދެވުނެވެ. ބަދިގެ ތެރޭގައި އަހަރެން ވެސް ހުރީ މަޖާވެފައެވެ.
"ހާދަ ހެނދުނާ ސަކަރާތް ބޮޑުކޮށްލައިގެން. އަހަރެން ވެސް ބައިވެރިކޮށްބަލަ." ބަދިގެއަށް ބޯދިނީ ވާހިދު ދޮންބެއެވެ. އިތޫ ވަގުތުން އަހަރެންގެ ފިހުނު ޑިސްކު ނަގައި ވާހިދު ދޮންބެއަށް ދައްކާލައިފިއެވެ.
"އައްދޭ ތިހެން އޮތީމަ އަދި މާމީރުވާނެ." ވާހިދު ދޮންބެ ބުނެލިއެވެ. އެހެންވިޔަސް އަހަރެންނަށް ހުރެވުނީ ރަކިވެފައެވެ.
ހެނދުނުގެ ނާސްތާގައި ވާހިދު ދޮންބެ އަދިވެސް އަހަރެންނަށް ކޮޓަރިއެއް ލިބޭތޯ ބަލާލާނަން ކަމުގައި ބުންޏެވެ. އަހަރެން އެކަމާ އެއްބަސްވަމުން ބޯޖަހާލީއެވެ. ސައި ނިންމާފައި އިތޫއާއެކު ގޯތިތެރެ ބަލާލަން ނުކުތީމެވެ. ވާރޭ ތުނިކޮށްލާފައި އޮތުމުން އެވަރުން އަހަރެމެން ނުތެމޭނެކަން އެނގެއެވެ.
ދުވާލުގެ އަލިކަމުގައި ގޯތިތެރެ ފެންނަނީ ފެހިކޮށެވެ. ދޮރޯށިން ވަންނައިރު ކަނާއަތް ފަރާތުގައި މަގުމައްޗަށް ވާހެން ދެކުލައެއްގެ ބޯގަންވިލާ އޮފިތައް މާ އަޅާ ފުރިފައި އޮތެވެ. ވައަތްފަރާތުގައި ހުރި މުށިތަކުގައި ވެސް ވަނީ މާގަސްތައް އިންދާފައެވެ. ގޭގެ ބިއްދޮށަށް އައިއިރު ފޭރުގަހެއް ހުއްޓެވެ. ބޮނބިގަނޑުގެ ތެރޭގައި އޯކިޑު ހައްދާފައި ހުއްޓެވެ. ރީނދޫ ހަންބުރި ތަކުގައި ކޮޕީފަތާއި ބަށްޓާއި މިރުސް ހައްދާފައެވެ. ފެޝަންފުރުޓު ވެލާއެކީ ކިއުކަމްބަރ ވެސް އަރުވާފައި އޮތެވެ.
"ސީރަތުތައް މިހުރިހާ ގަހެއް ބަލަހައްޓަނީ." އަހަރެންނަށް ޤަބޫލުނުކުރެވިގެން އަހާލީމެވެ.
"ދޮންބެއާ ދެ މީހުން. މިވެސް އަދި މަދު." އިތޫ ބުންޏެވެ.
ރަށްފުށުގެ ދިރިއުޅުމާއި އަހަރެން މާލޭގައި އުޅޭ ދިރިއުޅުން ހާދަ ތަފާތޭ ހިތަށް އެރިއެވެ. ބޭރު ދޮރޯށި ކައިރިއަށް އަހަރެން ނުކުމެލީމެވެ. ޖެހިޖެހިގެން ގެތަށް ހުރިއިރު މަގުމައްޗަށް ބޯދިއްކޮށްގެން ހުރި ގަހެއް ނެތް ގެއެއް ނެތެވެ. ޚާއްޞަކޮށް ހީވަނީ ބޯގަންވިލާގެ ވާދައެއް ކޮންމެ ގެއެއްގައި އޮތް ހެންނެވެ. ބަލާލަން ނުހަނު ހިތްގައިމު މަންޒަރެކެވެ. ރީތިވީ ވަރުން އަހަރެންނަށް ފޮޓޯއެއް ނުނަގާ ނުހުރެވުނެވެ. އިތޫމެންގޭ ފާރުމަތިން މަގުމައްޗަށް އެލިފައި އޮތް ބޯގަންވިލާގެ މާކޯނިތަކާއެކީ އަހަރެން ސެލްފީ ނެގީއެވެ. އަދި އިތޫ ގެނެސް އަހަރެމެން ދެ މީހުންގެ ރީތި ފޮޓޯއެއް ނަގައި "ފެމެލީ" ގުރޫޕަށް ފޮނުވާލީމެވެ. އެންމެ ފުރަތަމަ ވެސް ފޮޓޯ ބެލީ މަންމައެވެ. އަހަންނަށް ވަގުތުން ގުޅައިފިއެވެ.
އަހަރެން މަންމައާ ވާހަކަދައްކާފައި އިތޫއަތަށް ވެސް ފޯނު ދިނީމެވެ. އޭނާ ވެސް އަހަރެންގެ މަންމައާ ވާހަކަދެއްކިއެވެ. އަހަންނާމެދު ކަންބޮޑުވެ ހާސްނުވާން އިތޫ ބުންޏެވެ. އެ މަންމަގެ ދަރިފުޅަށް ރަނގަޅަށް ބަލާނަމޭ އިތޫ ބުންޏެވެ. އޭނާ ކުއްލިއަކަށް ވާހަކަ ކުރުކޮށްލާފައި އަހަރެން އަތަށް ފޯނު ދިނެވެ. އަހަރެން މަންމައާ ވާހަކަދައްކަމުން އިތޫގެ ހަރަކާތްތަކަށް ބަލަން ހުރީމެވެ. ސައިކަލުގައި އެވަގުތު އަހަރެމެންނާ ދިމާއަށް އަންނަ ޒުވާނާ އަހަރެންނަށް ވެސް ފާހަގަވީ ދެނެވެ. އިތޫއަށް ވެފައި ހުރިގޮތުން އެއީ ޒަފަރުބާއޭ އަހަރެން ހިތަށް އެރިއެވެ. އަވަސްއަވަހަށް މަންމަ ކައިރީ ފަހުން ގުޅާނަމޭ ބުނެ ކޯލު ކުރުކޮށްލީމެވެ. ސައިކަލުގައި ދެ މީހުން ތިއްބެވެ. ދުއްވަން އިން ޒުވާނާ ހިނިއައިސްފައިވާއިރު ކޮލްގޭޓް އިސްތިހާރެއް ފަދައެވެ. އަހަރެން ހީކުރިހެން އެ ސައިކަލު އައިސް މަޑުކުރީ އަހަރެމެން ކައިރީގައެވެ. އިތޫ ވާހަކަ އަޅުވާލީ ރަށު ބަހުރުވަ އިންނެވެ. ސައިކަލު ފަހަތުގައި އިން ޒުވާނާ ބޯއަރިކޮށް އަހަރެންނަށް ބަލާލިއެވެ. ދެން ނިކަން ފިރިހެންވަންތަ ހިނިތުންވުމެއް ބަދަލުކޮށްލައިފިއެވެ. ހީވީ ދެކެފަރިތަ މީހަކު ފެނިގެން ހީނލީހެންނެވެ. އަހަރެން ހުރީ އެ ހިނިތުންވުމަށް ޖަވާބުދޭން ނޭނގިފައެވެ.
"ޒަފަރުއާ މީޓުވޭތީ މިތިބެނީ. ދޯ އާނަ." މާލެ ބަހުން އިތޫ ބުނެލިއެވެ.
"މި ދިމާވީނު. އަހަރެން ހީކުރީ ފިރިމީހާއާއެކީ ކަމަށް އަންނާނީ." ޒަފަރު ސަލާމްކޮށްލަން އަތްދިއްކޮށްލިއެވެ. އެ އަތުގައި އަހަރެން ހިފަން އުޅެފައި ކުއްލިއަކަށް ހުއްޓެވުނީ ޒަފަރު އެންމެފަހުން އެ ބުނެލި ޖުމްލައިންނެވެ. އިތޫ ނިކަން އަވަހަށް ދެ ލޯ ބޮޑުކޮށްލިއެވެ. އޭނާ ލޮލުން ޒަފަރުއަށް މެސެޖެއް ދިނެވެ. ޒަފަރު އިސްވެ އަހަރެންގެ އަތުގައި ހިފައި އަވަހަށް ސަލާމްކޮށްލައިފިއެވެ.
"ވިއްސާރަނޫންނަމައެއްނު ކަމެއް ރާވާނީ. އާނައަށް ރަށުތެރެ ދައްކާލަން ދާންވާނެއެއްނު." ޒަފަރު ވާހަކަ ބަދަލުކޮށްލީއެވެ. އަހަރެން ވެސް ހިތްހަމަޖެހުނެވެ.
"އަހަރެމެންގޭ ކާރު ނެރޭނީ. ދޮންބެ ކައިރީ އަހަރެން ބުނެލަފާނަން." ޒަފަރުގެ ފަހަތުގައި އިން ޒުވާނާ ވާހަކަދެއްކީ އަހަރެންނަށް ބަލަން އިނދެއެވެ. އެ ބެލުމުން އަހަންނަށް އުނދަގޫވިއެވެ. އަންހެންކުއްޖަކު ދުށީ އަލަށް ކަހަލައެވެ. އޭނާ އަހަރެންގެ ބޮލުން ފެށިގެން ތިރިއަށް ނަޒަރު ހިންގާލިތަން އަހަރެން ދުށީމެވެ. އިތޫގެ ކޮނޑުގައި އަތް އަޅުވާލަމުން އޭނާގެ ނިވަލަށް އަހަރެން ވަނީ އެ ޒުވާނާގެ ނަޒަރުން ސަލާމަތްވާށެވެ.
"ތެދެއް ހަވީރު އަންނަންތަ ބަލާ." ޒަފަރު އަހާލިއެވެ.
"ހަތަރެއް ޖަހާއިރު އާދޭ. މިގޭން ސައިބޮއެގެން ދާނީ." އިތޫ ބުންޏެވެ. އެ މީހުން ހުރިހާކަމެއް ހަމަޖެއްސިއިރު އަހަރެން އަނގަޔަކުން ނުބުނަމެވެ. އަހަންނަށް ފާހަގަވީ ޒަފަރުއާ އިތޫ ވާހަކަދެއްކިޔަސް ސައިކަލު ފަހަތުގައި އިން ޒުވާނާއާ އިތޫ ވާހަކަ ނުދައްކާކަމެވެ.
"އަހަރެން ވެސް ތިމީހުންނާ ބައިވެރިވާނަން" ދެން ވެސް އެ ޒުވާނާ ވާހަކަދެއްކީ އަހަންނަށް ބަލަހައްޓައިގެން އިނދެއެވެ. ނުބައިގޮތަކަށް މެޔަށް ފިނިވެލިއެވެ. ވައިރޯޅިއެއްގެ ބީހުމަކާއި ނުލާ ހީކަރުވައިގަތް ފަދަ އިޙްސާސެއް އަހަންނަށް ކުރެވުނެވެ.
(ނުނިމޭ)