ނެޝަނަލް ޕޭ ކޮމިޝަން

ސިއްހީ ދާއިރާގެ 3،710 މުވައްޒަފަކަށް މުސާރައިގެ ކުރިއެރުން ލިބޭ

ސިއްހީ ދާއިރާގެ މުސާރަތައް ބޮޑުކުރުމާ ގުޅިގެން އެ ދާއިރާގެ 3،710 މުވައްޒަފަކަށް މުސާރައިގެ ކުރިއެރުން ދިނުމަށް ދައުލަތުގެ ޕޭ ފްރޭމްވާކް ތެރޭގައި ހިމަނައިފި އެވެ.

ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަތައް މާދަމާ އިން ފެށިގެން ބޮޑުވާނެ ކަމަށް މިއަދު އިއުލާން ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެވެ. ބޮޑުވާ މުސާރަ މުވައްޒަފުންނަށް ލިބޭނީ މެއި މަހުގެ މުސާރަ ލިބޭއިރު އެވެ.

ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ހަމައެކަނި ދިވެހި މުވައްޒަފުންގެ މުސާރަތައް ބޮޑުކުރަން ނިންމާފައިވާ ގޮތުގެ ތަފްސީލްތައް ހެލްތު މިނިސްޓްރީއާއި ޕޭ ކޮމިޝަނުން މިރޭ ވަނީ ހާމަކޮށްފަ އެވެ.

ސިއްހީ ދާއިރާގައި މަސައްކަތް ކުރާ 3،710 މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ލިބޭއިރު މީގެތެރޭގައި ހިމެނެނީ ރީޖަނަލް ހޮސްޕިޓަލްތަކުގެ 520 މުވައްޒަފަކާއި، އަތޮޅު ހޮސްޕިޓަލްތަކުގެ 471 މުވައްޒަފަކާއި، ހެލްތު ސެންޓަރުތަކުގެ 965 މުވައްޒަފަކާއި، އައިޖީއެމްއެޗްގެ 1،004 މުވައްޒަފަކާއި، ހުޅުމާލެ ހޮސްޕިޓަލްގެ 298 މުވައްޒަފެއްގެ އިތުރުން އެހެނިހެން ދާއިރާތަކުގައި މަސައްކަތްކުރާ 452 މުވައްޒަފުންނެވެ.

އެހެނިހެން ދާއިރާތަކުގެ ތެރޭގައި ހިމަނާފައިވަނީ ޖެންޑާ މިނިސްޓްރީ އާއި ސްކޫލްތަކުގައި ސިއްހީ ކަންކަމުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ހޯމް މިނިސްޓްރީގެ ޖުވެނައިލް ޖަސްޓިސް ޑިޕާޓްމަންޓްގައި މަސައްކަތް ކުރާ މުވައްޒަފުންނެވެ.

ރައީސް އޮފީހުގައި ނޫސްވެރިންނަށް މިރޭ މައުލޫމާތު ދެއްވަމުން ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނަރަލް ޑރ. މުހައްމަދު ފައިޒަލް ވިދާޅުވީ ސިއްހީ ދާއިރާގެ މުސާރަތަކަށް ހެޔޮ ބަދަލެއް ގެނައީ ފަސް ކަމަކަށް ބަލައިގެން ކަމަށެވެ.

މުސާރައަށް ކުރިއެރުން ދިނުމުގައި ބެލި ފަސް ކަންތައް

  • ދިވެހިން ބިނާކުރަން ދަތި ދާއިރާތަކުން ދިވެހިން ބިނާކުރަން އިސްކަންދީގެން މުސާރަތަކަށް ކުރިއެރުން ދިނުން
  • ފަންނީ މުވައްޒަފުން އެންމެ ދަށްވެގެން ފުރަތަމަ ޑިގްރީ ހާސިލްކުރަން ބާރުއެޅުން
  • ކެންސަރުގެ ފަރުވާދިނުމުގެ ފަންނުގައި ހިމެނޭ ދާއިރާތަކަށް ސްޕެޝަލައިޒްވެފައިވާ ފަންނުވެރިން ކުރިމަތިލުމަށް ހިތްވަރު ދިނުން
  • އެލައިޑް ހެލްތުގެ ފަންނުތަކުގެ މުސާރަތަކަށް ރަނގަޅު ކުރިއެރުމެއް ގެނައުން
  • އަތޮޅު ތެރޭގެ ހޮސްޕިޓަލްތަކަށް ސިއްހީ ފަންނުވެރިން ހޯދުމަށް ދަތިވާ މައްސަލައަށް ހައްލު ހޯދުން

ބޮޑުކުރި މުސާރައާއި ގުޅިގެން ކުރިން އިތުރުގަޑިއާ އެކު 20،459 ރުފިޔާގެ މުސާރަ ލިބޭ ސީނިއާ ރެޖިސްޓަޑް ނަރުހަކަށް ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ގަޑީގެ އެލަވަންސާ ނުލައި އެވްރެޖްކޮށް 29،271 ރުފިޔާ ލިބޭނެ އެވެ. ސްޕެޝަލިސްޓް ނަރުހަކަށް 41،976 ރުފިޔާ ލިބޭނެ އެވެ.

މީގެ އިތުރުން ސީނިއަ މެޑިކަލް އޮފިސަރަކަށް ކުރިން އިތުރު ގަޑީގެ އެލަވަންސާއެކު ލިބެމުން އައީ އެވްރެޖްކޮށް މަހަކު 28،727 ރުފިޔާ އެވެ. 28727 ރުފިޔާ އެވެ. ނަމަވެސް އަލަށް މިގެނައި ބަދަލާ އެކު ސީނިއާ މެޑިކަލް އޮފިސަރުންނަށް ކުރިން ލިބެމުން ދިޔަ އިތުރު ގަޑީގެ އެލަވަންސާ ނުލައި އެވްރެޖްކޮށް މަހަކު 41،541 ރުފިޔާ ލިބޭނެ އެވެ. އަދި ސަބް ސްޕެޝަލިސްޓް ކޮންސަލްޓަންޓުންގެ އެންމެ މަތީ ގިންތީގެ މުވައްޒަފުންނަށް އިތުރު ގަޑީގެ އެލަވަންސް ނުލައި 98،137 ރުފިޔާގެ މުސާރައެއް ލިބޭނެ އެވެ.