ރައީސް އޮފީސް

ޕޭ ކޮމިޝަންގެ ދިރާސާ ނިމުނުހާ އަވަހަށް ސިއްހީ ދާއިރާގެ މުސާރަ ބޮޑުވާނެ

ޕޭ ކޮމިޝަނުން ކުރަމުންދާ މަސައްކަތް ނިމުމާއެކު ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ ވިދާޅުވީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާއި ގުޅޭ ގޮތުން ޕޭ ކޮމިޝަނުން ދިރާސާތަކެއް ކުރަމުންދާ ކަމަށެވެ. އެމަސައްކަތް މެދުނުކެނޑި ކުރިއަށްދާ ކަންވެސް ޔަގީންކޮށްދެއްވި އެވެ.

މިއުވާން ވިދާޅުވީ ސިއްހީ ދާއިރާގެ އިތުރުން ޖުމްލަ ގޮތެއްގައި ދައުލަތުގެ މުސާރަތައް އެއްހަމަ ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ޕޭ ކޮމިޝަނުން ކުރަމުންގެންދާ ކަމަށެވެ.

ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރާނެ ތާރީހެއް އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު މުސާރައިގެ ހެޔޮ ބަދަލު ދެން އެންމެ އަވަހަށް ގެންނާނީ ސިއްހީ ދާއިރާގެ މުވައްޒަފުންނަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިއުލާނު ކުރެއްވީ ލ. ގަމުގައި ކުރިއަށް ދިޔަ ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވި ގޮތުގައި ސިއްހީ ނިޒާމަކީ ގޮންޖެހުންތަކާއިއެކު އަދިވެސް ފުރިހަމަކުރަން ޖެހިފައިވާ ނިޒާމެކެވެ.

ރާއްޖޭގެ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަތައް ބޮޑުކުރުމަށްޓަކައި ހަދަންޖެހޭ ދިރާސާ މިއަހަރު ނިންމުމަށްފަހު އެ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރައްވާނެ ކަމަށް މީގެ ކުރިން ވެސް ރައީސް ވިދާޅުވެފައިވެ އެވެ.

ސަރުކާރުން ވަނީ ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފަ އެވެ. އެ ބަދަލާއެކު ގިނަ ޓީޗަރުންގެ މުސާރަތައް ވަނީ 20،000 ރުފިޔާއާ ގާތްކުރާ އަދަދކަށް ބޮޑުވެފަ އެވެ.