ބޭސްފަރުވާއަށް ފަހު، ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕް ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު މިރޭ ރާއްޖެ ވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނުގެ އެކުވެރިޔާ އަދި ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެ އެވެ.
މިދިޔަ މަސް ތެރޭގައި ނިހާންގެ ފުއްޕާމެއަށް ތަދެއް އަރާގެން ކުއްލި ގޮތަކަށް ހާލު ބޮޑުވެގެން އެޑްމިޓްކޮށް ފަރުވާދިނުމަށް ފަހު، އިތުރަށް ހާލު ދެރަ ވުމުން އިންޑިޔާއަށް ވަޑައިގެން ވަނީ ފަރުވާ ހޯއްދަވައިފަ އެވެ. އަދި ލަސްތަކެއް ނުވެ ފުރިހަމަ ސިއްހަތެއްގައި ރާއްޖެ އެނބުރިވަޑައިގަންނަވާނެ ކަމަށް ނިހާން ވަނީ ވިދާޅުވެފަ އެވެ.
އެކަމާއި ގުޅިގެން "އަވަސް" އަށް މައުލޫމާތު ދެއްވަމުން ރިޔާޒް ވިދާޅުވީ އިންޑިޔާ އިން ފަރުވާ ހޯދުމަށް ފަހު ނިހާން މިރޭގެ ވަގުތެއްގައި ރާއްޖެ އެނބުރިވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށާއި އަދި މިހާރު އެމަނިކުފާނުގެ ހާލު ވަރަށް ރަނގަޅު ކަމަށެވެ.
"ނިހާންގެ ހާލު މިހާރު ހަމަ ބަރާބަރު. މިރޭ ނުވައެއްގެ ފްލައިޓުން ނިހާން ރާއްޖެ ވަޑައިގަންނަވާނެ،" ރިޔާޒް ވިދާޅުވި އެވެ.
ނިހާންގެ ހާލު ދެރަވެގެން ފުރަތަމަ އޭޑީކޭގައި އެޑްމިޓް ކުރި އިރު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެމަނިކުފާނުގެ އާއިލާ އަދި ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން އެމަނިކުފާނުގެ ހާލު ގާތުން ބެއްލެވި އެވެ.ފުއްޕާމެއަށް ތަދެއް އަރައިގެން ނިހާންގެ ހާލު ދެރަވީ އިރު އިންޑިޔާއިން އެމަނިކުފާނު ހޯއްދެވީ ކޮން ފަރުވާއެއް ކަމެއް ސާފެއް ނުވި އެވެ.