ރަޝިއާ-ޔުކްރޭން މައްސަލައަށް ޑިޕްލޮމެޓިކް ހައްލެއް ގައުމުތަކުން -- ޔުކްރޭން ހަނގުރާމަ ފެށުމުގެ ކުރިން ވެސް، ބޭނުން ނުވާ ކަމަށް ޖަރުމަނުގެ ކުރީގެ ޗާންސެލަރު އެންޖެލާ މާކެލް ވިދާޅުވެއްޖެ އެވެ.
އެންޖެލާ މާކެލް ވިދާޅުވީ ޑިޕްލޮމެޓިކް އުސޫލުތަކެއް އެކުލަވާލައިގެން ނޫން ގޮތަކަށް ޔުކްރޭން ހަނގުރާމަ ނުނިންމޭނެކަން ގައުމުތަކަށް އެނގޭއިރު ވެސް އެކަން ގަބޫލުކުރަން ބޭނުން ނުވަނީ ކަމަށެވެ.
ޖަރުމަނުގެ މަޖައްލާއަކަށް ދެއްވި އިންޓަވިއުއެއްގައި މާކެލް ވިދާޅުވީ އެ ކަމަނާގެ ވެރިކަމުގައި ކުރެވެން ހުރި ހުރިހާ ކަމެއް -- ޔުކްރޭން ހަނގުރާމަ ފެށުނަ ނުދިނުމަށް، ކުރެއްވި ކަމަށެވެ.
ޔުކްރޭން ހަނގުރާމަ ފެށިގެން މިހާރު ކުރިއަށް ދާއިރު އެ ކަމަނާ ކުރެއްވި އެއްވެސް ކަމަކުން ހަނގުރާމަ ނުހުއްޓުވިފައި އޮތުން އެއީ ފޭލިވުމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް މާކެލް ވިދާޅުވި އެވެ.
މާކެލް ވިދާޅުވީ ޖަރުމަނުގެ ޗާންސެލަރުގެ މަގާމު ދޫކޮށްލައްވައި ވަޑައިގަތުމުގެ ކުރިން ޔުކްރޭން މައްސަލައަށް ހައްލެއް ހޯއްދެވުމަށް ބުރަ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ. އެ ދުވަސްވަރު ރަޝިއާ އަށާއި ޔުކްރޭނަށް ވެސް ވަޑައިގަތް ކަމަށް އެކަމަނާ ވިދާޅުވި އެވެ.
މާކެލް ވިދާޅުވީ 2014 ގައި ޔުކްރޭން ހަނގުރާމަ ހުއްޓުވަން އެ ކަމަނާ މަސައްކަތް ކުރެއްވީ މިންސްކް އެއްބަސްވުން މެދުވެރިކޮށް ކަމަށެވެ.
ރަޝިއާ އާއި ޔުކްރޭންއާ ދެމެދު ހަނގުރާމަ ފެށި ބޮޑުތި ގެއްލުންތަކެއް ލިބެމުން އެ ދަނީ ޑިޕްލޮމެޓިކް އުސޫލަށް ތަބާވާ ބަޔަކު ނެތުމުން ކަމަށްވެސް މާކެލް ވިދާޅުވި އެވެ.
ޔުކްރޭން ހަނގުރާމަ ހުއްޓުވަން މަޝްވަރާ މުހިންމު ކަމަށް ވިދާޅުވެ މާކެލް ވިދާޅުވީ މަޝްވަރާ މޭޒުދޮށަށް ދިއުމަށް އިންކާރުކުރާ އޮފިޝަލުން އަދިވެސް އެބަތިބި ކަމަށެވެ.
މާކެލް ދެކެވަޑައިގަންނަވާ ގޮތުގައި މަޝްވަރާ ނުކުރުމަކީ ވަރަށް ބޮޑު ނިކަމެތި ކަމެކެވެ. އެއީ ވަރަށް ބޮޑު ހިތާމައެއް ގޮތުގައި އެކަމަނާ ފާހަގަކުރެއްވި އެވެ.
ޔުކްރޭން ހަނގުރާމައާ ދެކޮޅު ހެދީ ޖަރުމަނާއި ފްރާންސް އެކަނި ކަމަށްވެސް މާކެލް ވިދާޅުވި އެވެ. އެކަމަނާ ވިދާޅުވީ މިންސްކް އެއްބަސްވުމަކީ އަމަލުކުރެވޭނެ އެއްބަސްވުމެއް ނޫން ކަމަށް ޔުކްރޭންގެ ރައީސް ލަޑިމިއާ ޒެލެންސްކީ ވެސް އެކަމަނާގެ އަރިހުގައި ވިދާޅުވި ކަމަށެވެ.