ސިވިލްސާވިސް ކޮމިޝަން

އިތުބާރު އޮންނަ ގޮތަށް ހިދުމަތް ދިނުމަށް އެދިވަޑައިގެންފި

ސަރުކާރު މުވައްޒަފުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަކީ އިތުބާރު އޮންނަ ހިދުމަތްތަކަކަށް ވާންޖެހޭނެ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް މުހައްމަދު ނާސިހް ވިދާޅުވެއްޖެ އެވެ.

ސިވިލް ސާވިސް ކޮމިޝަން އުފައްދާފައިވަނީ އޮކްޓޫބަރު 23، 2007 ގައެވެ. އެކަމަކު ދިވެހި ސިވިލް ސާވިސްގެ ގާނޫނަށް އަމަލުކުރަން ފަށާފައިވަނީ މެއި 1، 2008 ގައެވެ.

ސިވިލް ސާވިސް ގާނޫނަށް އަމަލުކުރަން ފެށި ދުވަހަކީ ސިވިލް ސާވިސް ދުވަހުގެ ގޮތުގައި ސިވިލް ސާވިސް ކޮމިޝަނުން އަންނަނީ ފާހަގަކުރަމުންނެވެ.

ސިވިލް ސާވިސް ދުވަހާއި މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ މަސައްކަތްތެރިން ދުވަހާ ގުޅިގެން ދެއްވި މެސެޖެއްގައި ސީއެސްސީގެ ރައީސް ނާސިހް ވިދާޅުވީ ސިވިލް ސާވިސް ހިދުމަތަށް އޮންނަންޖެހޭ އިތުބާރު އަބަދުވެސް ހިފަހައްޓަން ވާނެ ކަމަށެވެ.

ނާސިހް ވިދާޅުވީ ވަކި ގާނޫނެއްގެ ދަށުން ދިވެހި ސިވިލް ސާވިސް އުފެއްދި ފަހުން މިދިޔަ މުއްދަތުގެ ތެރޭގައި ހިދުމަތް ދޭ ވައްޓަފާޅިއަށް ބަދަލުތަކެއް ގެނެސް ސިވިލް ސާވިސް އިން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ.

ހޯދި ކުރިއެރުންތަކުގެ ގޮތުގައި ނާސިހް ފާހަގަކުރެއްވި އެއްކަމަކީ ސަރުކާރުގެ އިދާރާތަކަށް ހިދުމަތް ހޯދަން ދިއުމުގެ ބަދަލުގައި އޮންލައިންކޮށް ގިނަ ހިދުމަތްތަކެއް ލިބެން ފެށުމެވެ. މިބަދަލުތަކާ އެކު މުވައްޒަފުންނާ ގުޅޭ ހުނަރުތައްވެސް ބަދަލުވަމުންދާ ކަމުގައި ވިދާޅުވި އެވެ.

ސިވިލް ސާވިސް މުވައްޒަފުންނަކީ ސަރުކާރުން ރައްޔިތުންނަށް ދޭން ބޭނުންވާ ހިދުމަތްތައް ދިނުމާއި، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރަން ތިބޭ ބަޔަކަށް ވާތީވެ، ހިދުމަތް ދިނުމުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް މުވައްޒަފުން މަސައްކަތް ކުރަންވާނެ ކަމަށްވެސް ނާސިހް ވިދާޅުވި އެވެ.

ސިވިލް ސާވިސް ދުވަސް މިއަހަރު ފާހަގަކުރާއިރު ސިވިލް ސާވިސްގައި އެންމެ ގިނަ ބަޔަކު މަސައްކަތް ކުރަނީ ތައުލީމީ ދާއިރާއާއި ސިއްހީ ދާއިރާގަ އެވެ. ތައުލީމީ ދާއިރާގެ މުސާރަތައް މިދިޔަ އަހަރު ބޮޑުކޮށްފައިވާއިރު ސިއްހީ ދާއިރާގެ މުސާރަތައް މިއަދުން ފެށިގެން ވަނީ ބޮޑުކޮށްފަ އެވެ.