ފިނިޕޭޖް

"ދަ ކްރައުން"ގައި ޕްރިންސް ވިލިއަމްގެ ދެމަފިރިން ދައްކާލައިފި

ނެޓްފްލިކްސްގެ ކާމިޔާބު އަދި ކޮންޓްރަވާޝަލް ސީރީޒް ކަމުގައިވާ "ދަ ކްރައުން"ގެ ހަވަނަ އަދި ފަހު ސީޒަންގައި، ޕްރިންސް ވިލިއަމް އަދި ޕްރިންސަސް ކޭޓްގެ ބައިތައް ކުޅޭ ތަރިންގެ ފޮޓޯތަކެއް ފޭނުންނަށް ނެޓްފްލިކްސް އިން ދައްކާލައިފި އެވެ.

އެ ފޮޓޯތަކުގައި ފެންނަނީ ޕްރިންސް އެންޑް ޕްރިންސަސް އޮފް ވޭލްސް، ވިލިއަމް އާއި ކޭޓްގެ ރޯލް އަދާކުރާ ދެ ތަރިން އާދައިގެ ހެދުމުގައި އަތްގުޅާލައިގެން ހިނިތުންވަމުން ހިނގަމުންދާ ތަނާއި، ދެ ތަރިން ވަކިން ތިބި ދެ ފޮޓޯއާއި އެކުގައި ކޮފީޝޮޕެއްގެ ބޭރުގައި ހެވިފައި ނަގާފައިވާ ފޮޓޯއެކެވެ.

ޔުނިވާސިޓީގައި ކިޔަވާ ވިދާޅުވި ދުވަސްވަރުން ދައްކާ ބައިގައި ޕްރިންސް ވިލިއަމް އަދި ޕްރިންސަސް ކޭޓްގެ ރޯލް އަދާކުރަނީ އަލަށް ތައާރަފްވާ ދެ އެކްޓަރުން ކަމުގައިވާ އެޑް މެކްވޭ އާއި މެގް ބެލަމީ އެވެ. ޕްރިންސް ވިލިއަމްގެ ތުއްތު އިރާއި ފުރާވަރަށް އެޅި ދުވަސް ވަރުގައި އެ ރޯލު އެކި އެކްޓަރުން ކުޅެފައިވެ އެވެ.

"ދަ ކްރައުން"ގެ ފަހު ސީޒަންގައި ޕްރިންސަސް ޑަޔާނާގެ މަރުގެ ހާދިސާ އާއި އޭގެ އަހަރު ފަހުން ޕްރިންސް ޗާލްސް ލޯބިވެރިޔާ ކެމިލާއާ ކައިވެނިކުރާ ތަންވެސް ދައްކައިދޭނެ އެވެ. އަދި ޕްރިންސް ވިލިއަމް އާއި ޕްރިންސަސް ކޭޓް ސްކޮޓްލެންޑްގައި ޔުނިވާސިޓީ ދުވަސްވަރު ދިމާވެ، ލޯބީގެ ގުޅުން ބަދަހިވި ގޮތް ދައްކާނެ އެވެ. ފަހު ސީޒަން ނެޓްފްލިކްސްގައި ދައްކަން ފަށާ ތާރީހް އަދި ހާމަކޮށްފައެއް ނުވެ އެވެ.

އިނގިރޭސިވިލާތުގެ ޝާހީ އާއިލާއަށް ބިނާކޮށްފައިވާ ޕީޓާ މޯގަންގެ "ދަ ކްރައުން" ގައި ދައްކުވައިދެނީ މައިގަނޑު ގޮތެއްގައި ހަގީގީ ކަންތައްތަކުގެ ޑްރެމެޓައިޒްޑް ވާޝަން އެކެވެ.

ޑްރެމެޓިކް ވެގެން ގޮސް، އަދި ހާއްސަކޮށް އަދުގެ ތާރީހާ ގާތްވާއިރު، މި ޝޯގައި ތާރީހުގައިވާ ގޮތާ ހިލާފަށް ކަންކަން ގެނެސްދޭތީ، އެކަމާ ގުޅިގެން ބެލުންތެރިންނަށް ހަގީގަތް އޮޅޭ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން މިޝޯއަށް ރައްދުވެފައިވެ އެވެ.

މިކަމާ ގުޅިގެން މި ޝޯގެ އެޕިސޯޑް ފަށާއިރު، މިއީ ފިކްޝަންކަން އަންގައިދޭ ޑިސްކްލޭމާއެއް ކްރެޑިޓްގައި އަރުވަން ފަށާފައިވެ އެވެ.