ފިނިޕޭޖް

"ދަ ލިޓްލް މާމެއިޑް"ގެ ލައިވް-އެކްޝަން ފިލްމަށް ފާޑުކިޔަނީ

ޑިޒްނީއިން 1989 ގައި ނެރުނު އެނިމޭޓަޑް ފީޗާ ފިލްމް "ދަ ލިޓްލް މާމެއިޑް" އަކީ ވަރަށް މަގްބޫލު އަދި އޮސްކާ ފަދަ އެތައް އެވޯޑެއް ލިބިފައިވާ ފިލްމެކެވެ.

މި ފިލްމްގެ ލައިވް-އެކްޝަން ފިލްމް ހަދަން އިއުލާންކޮށް، ކާސްޓްކުރި ތަރިއާއެކު މި ފިލްމަށް ވަނީ ފާޑުކިޔުން ރައްދުވެފަ އެވެ.

ދޮން ނަސްލުގެ ނޫކުލައިގެ ލޮލަކާއި ރީތި ރަތް އިސްތަށިގަނޑެއް ހުރި މާމެއިޑް އޭރިއަލްގެ ރޯލަށް ކަޅު ނަސްލުގެ ހެލީ ބެއިލީ ހިޔާރުކުރުމުން ފޭނުންގެ ހިޔާލު ވަނީ ދެކަފިވެފަ އެވެ.

މިދިޔަ ހަފްތާގައި ބޭއްވި ސިނަމާކޮންގައި މި ފިލްމުގެ ބައެއް ސީންތައް ދައްކާލައި، އާސަލާ ދަ ސީވިޗްގެ ރޯލު އަދާކުރާ މެލިސާ މެކާތީ ވަނީ އާސަލާގެ "ދޯޒް ޕުއާ އަންފޯޗުނެޓް ސޯލްސް" ޕާފޯމްކޮށްފަ އެވެ.

ސިނަމާކޮން އިން އަދި އޭގެ ފަހުން ޑިޒްނީއިން ޕޯސްޓުކުރި ފޮޓޯތަކެއްގައި ފޭނުންނަށް ފާހަގަވީ، "ދަ ލިޓްލް މާމެއިޑް"ގެ މުހިއްމު ތިން ކެރެކްޓާ ކަމުގައިވާ އޭރިއަލްގެ ބެސްޓްފްރެންޑް ފްލައުންޑާ އާއި އޭރިއަލްގެ ބައްޕަ، ކިންގް ޓްރައިޓަންގެ ވަފާތެރި އަދި އިތުބާރުހުރި ހާދިމެއް ކަމުގައިވާ ސެބާސްޗިއަން އާއި ސްކަޓަލް، އޭރިއަލްގެ ރައްޓެހި ސީގަލް އަށެވެ.

ކާޓޫނުގައި ފްލައުންޑާ އަކީ ސިއްހަތު ރަނގަޅުކޮށް ލޯބި މައުސޫމު ހިނިތުންވުމަކާއި ބޮޑު ދެ ލޮލާއެކު ކުޑަ ކުއްޖެއްގެ ސިފަ ޖައްސާފައިވާ ނޫ ރޮނގު ދަމާފައިވާ ދިއްލި ރީނދޫ މަހެކެވެ.

ސެބާސްޗަން އަކީ ވަރަށް ހަރުކަށި އަދި އަބުއި، އެކަމަކު އޭރިއަލްއާ މެދު އޯގާތެރިވާ ބޮޑު ލޮލަކާއި އަނގައެއް ލާފައިވާ ރަތްކުލައިގެ ޖެމޭކަން ކަކުންޏެކެވެ.

ސްކަޓަލްއަކީ ބޮޑު ލޮލެއް ލާފައިވާ، ރަނގަޅު ސައިޒެއްގެ ގަމާރު ބޮޑު ބޭބެ-ކަހަލަ އަސަރެއް ހުންނަ ފިރިހެން ސީގަލް އެކެވެ.

އެހެން ނަމަވެސް ލައިވް-އެކްޝަން ފިލްމްގައި މި ތިން ކެރެކްޓާ ވަނީ މާބޮޑަށް ހަގީގީ އެއްޗެއްސާ އެއްގޮތްކޮށްފަ އެވެ. އެހެންވެ ކާޓޫން ކެރެކްޓާތަކުގެ ގޮތެއް ސިފައިގައި އެހާ ބޮޑަކަށް ނެތެވެ.

ފްލައުންޑާގެ ރީތި ކުލަވަރާއި ލޯބިކަން ގެއްލި، ހީވަނީ އަސްލު ފްލެޓް މަހެއްހެންނެވެ. ސެބާސްޗަން ވެސް ހީވަނީ ހަމަ އަސްލު މޫދުކައިރިން ފެންނާނެ ކަކުންޏެއް ހެންނެވެ. އަދި އެ މަޖާ ސްކަޓަލް ވަނީ އަންހެން، މޫދަށް ޑައިވްކުރާ ޒާތުގެ ސީގަލްއަކަށް ބަދަލުކޮށް، ބިރުވެރި ސިފައެއް ޖައްސާފަ އެެވެ.

މި ކެރެކްޓާތައް އަސްލާ އެހާތަފާތު ވުމުން، އަޑު އަޅާފައިވާ އެކްޓަރުން ކިތަންމެ މޮޅަސް އޭގެ އަސަރު ގެއްލެ އެވެ. މިކަމާ ގުޅިގެން ފޭނުން އަންނަނީ އަނެއްކާވެސް ފާޑުކިޔަމުންނެވެ. "ދަ ލަޔަން ކިންގް"ގެ ލައިވް-އެކްޝަން ފިލްމްގައި އަސްލާ އެއްގޮތް ކޮށްގެން، އެ ފޯމިއުލާ ރަނގަޅަށް މަސައްކަތްކުރި ނަމަވެސް، މިއީ ތަފާތު ޒާތެއްގެ ފިލްމެކެވެ.

"ދަ ލިޓްލް މާމެއިޑް"ގެ ލައިވް އެކްޝަން ފިލްމް މިމަހުގެ 26 ވަނަ ދުވަހު ރިލީޒްކުރުމަށް ވަނީ ހަމަޖެހިފަ އެވެ.