ދިވެހި އިންޑިއާގެ ގުޅުން

އިންޑިއާ ރާއްޖެ އިތުރަށް ގުޅުން ބަދަހިކުރަން މަޝްވަރާކުރައްވައިފި

ރާއްޖެއާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ދެ ގައުމުގެ ޑިފެންސް މިނިސްޓަރުން މަޝްވަރާކުރައްވައިފި އެވެ.

މިމަޝްވަރާތައް ކުރިއަށް ގެންދިޔައީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ޑިފެންސް މިނިސްޓަރު ޝްރީ ރާޖްނާތު ސިންގް ރާއްޖޭގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީގެ އަރިހަށް މިއަދު ކުރެއްވި އިހްތިރާމްގެ ޒިޔާރަތަށްފަހު އެވެ.

ސިފައިންގެ މައި މަރުކަޒު -- ބަންޑާރަކޮށީގައި ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ ދިފާއީ އަދި އިގްތިސޯދީ ދާއިރާއިން ގާބިލްކަން އިތުރުކުރުމާއި ގުޅޭގޮތުންނާއި، ދެ ގައުމު ބައިވެރިވާ ތަމްރީންތައް ކުރިއަށް ގެންދިއުމާ ގުޅޭގޮތުންނާއި އަދި ފަރުދީ ފެންވަރުގައިވެސް ގުޅުންތައް ބަދަހިކުރުމަށެވެ.

ދެ ގައުމުގެ މިނިސްޓަރުން ވަނީ އެކަންކަން ކުރުމުގެ މުހިންމު ކަން ފާހަގަ ކުރައްވައި އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

މިމަޝްވަރާތަކުގެ ދެ ގައުމުގެ މިނިސްޓަރުން ވެސް ވަނީ ދުނިޔެއާއި ސަރަހައްދުގެ ސަލާމަތަށް ހުރި ގޮންޖެހުންތައް ފާހަގަކުރައްވާފަ އެވެ. އެހެންކަމުން ސަލާމަތަށް ހުރި ގޮންޖެހުންތައް ދެ ގައުމު ގުޅިގެން ހައްލުކުރުމަށް މަޝްވަރާކުރެއްވި އެވެ.

މީގެއިތުރުން މެރިޓައިމް ސެކިއުރިޓީއާއި، ޑިޒާސްޓާ މެނޭޖްމަންޓްގެ ދާއިރާއިންނާއި، ކައުންޓާޓެރަރިޒަމާއި، ސައިބާ ސެކިއުރިޓީގެ ދާއިރާއިން މިހާރަށް ވުރެ ފުޅާކޮށް އެއް ގައުމުން އަނެއް ގައުމަށް އެހީތެރިވުމަށްވެސް މަޝްވަރާކުރެއްވި އެވެ.

މިނިސްޓަރު މާރިޔާގެ ވާހަކަފުޅުގައި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އިންޑިއާ އިން ފޯރުކޮށްދޭ އެހީތެރިކަމަށް ވަކިން ހާއްސަ ގޮތެއްގައި ޝުކުރު އަދާކުރެއްވި އެވެ.

މިއަދުގެ މަޝްވަރާގައި ބައިވެރިވި ރާއްޖޭގެ ވަފްދުގައި މިނިސްޓަރު މާރިޔާގެ އިތުރުން ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުލް ލަތީފް ހިމެނެ އެވެ.