ހަބަރު

އެމްޑީޕީއާ ގުޅިގެން މަސައްކަތްކުރަން އަދީބު ނިންމަވައިފި

އިދިކޮޅު އެމްޑީޕީ އަދި އެޕާޓީގެ ރައީސް މުހައްމަދު ނަޝީދާ ގުޅިގެން މަސައްކަތް ކުރަން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ގަފޫރު ނިންމަވައިފި އެވެ. ބޮޑެތި ކުށްތަކުގެ ތުހުމަތަކެއް ކުރެވޭ އަދީބު މިގޮތަށް ނިންމަވާފައިވާއިރު ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު ވެސް ވަނީ އެމްޑީޕީއާ ގުޅެން ނިންމައިފަ އެވެ.

އެކަން ހާމަކޮށް އަދީބުގެ ގާނޫނީ ވަކީލުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމްޑީޕީއާއި ރައީސް ނަޝީދާއި އިދިކޮޅު ސިޔާސީ ފަރާތްތަކާ ގުޅިގެން ކުރައްވަމުން ގެންދަވާ މަސައްކަތުން ރާއްޖެ ސަލާމަތުގެ އައްސޭރިއަކަށް ގެންދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް އަދީބަށް އޮތް ކަމަށެވެ.

"ދެގޮތެއްނުވެ އަޅުގަނޑު ދެމިހުންނާނޭކަމުގެ ޔަގީންކަން، އެމްޑީޕީއަށާއި، ރައީސް ނަޝީދަށާއި އެންމެހައި ދިވެހި ރައްޔިތުންނަށް އަރުވަމެވެ،" އަދީބު ވިދާޅުވެފައިވާ ކަމަށް ބަޔާނުގައިވެ އެވެ.

އަދީބު އެމްޑީޕީއާ ގުޅޭނެކަން އިއުލާން ކުރި އިރު، މީގެ ކުރިން ނައިބު ރައީސް އަކަށް ހުންނެވި ދުވަސްވަރު އަދީބު ވަނީ، އެމްޑީޕީއަށާއި ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން އެމްޑީޕީ އަކީ، ނައިޖީރިއާގައި ހަރަކާތްތެރިވާ ބޯކޯ ހަރާމް ފަދަ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި އަދީބު ވަނީ އެމްޑީޕީ ސިފަ ކުރައްވައިފަ އެވެ. އަދި އެމްޑީޕީ އިން އަބަދު މަގުމައްޗަށް ނިކުމެގެން އުޅެނީ ސަރުކާރުން ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދޭތީ އެކަމާ ހިތްނޭދޭތީ ކަމަށް ވެސް އަދީބު ވަނީ ވިދާޅުވެފަ އެވެ. އަދީބު މީގެ ކުރިން އަދި ސިފަކުރައްވާފައި ގޮތުގައި އެމްޑީޕީ އިން ދުވަހަކު ވެސް ދިވެހިންނަކަށް އަދި ގައުމަކަށް ހެވެއް ނޭދޭނެ އެވެ.

ކޮރަޕްޝަނާއި ފަސާދަ އަދި ބޮޑެތި ޖިނާއީ ތުހުމަތުތައް ކުރެވިގެން ހައްޔަރުކޮށް ޖަލުގައި ހުންނެވި، އަދީބު ވިދާޅުވި ކަމަށް ބަޔާނުގައި އަދި ބުނެފައިވަނީ، ގައުމު ތަޖުރިބާ ކުރަމުންދާ އަނިޔާވެރިކަމުން ސަލާމަތްވެ ޑިމޮކްރަސީ އާއި ހެޔޮވެރިކަމާ ދިމާއަށްކުރާ ދަތުރުގައި ރާއްޖޭގެ ސިޔާސީ ހަމަޖެހުމާއި އިންސާފު ގާއިމުކުރުމަށްޓަކައި އެމްޑީޕީ އަދި އެޕާޓީގެ ރައީސް، ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ތާއީދުކޮށް އެމަސައްކަތުގައި އެއްބާރުލުން ދިނުމަށް ނިންމާފައިވާ ކަމަށެވެ.

ހެޔޮ ވެރިކަމެއް ކޮށްދޭނޭ ކަމުގެ ވައުދާއެކު ވެރިކަމާ ހަވާލުވި ސަރުކާރުން ހެޔޮ ވެރިކަމެއްގެ ސިފަ ކެނޑި ސިޔާސީ ފަރާތްތައް ހިފައި ހައްޔަރުކޮށް ޖަލަށް ލައި ސިޔާސީ މައިދާނުން އެކަހެރިކުރާއިރު އެއީ ރައްޔިތުން ރުހޭނެ އަދި ޑިމޮކްރަސީގެ ޅަފަތުގައި އޮތް ގައުމަކަށް ލިބޭނެ އިއާދަނުކުރެވޭ ވަރުގެ ގެއްލުމެއް ކަމަށް އަދީބު ސިފަކުރައްވާ ކަމަށް ބަޔާނުގައިވެ އެވެ.

އެމްޑީޕީ އިން މީގެ ކުރިން ތުހުމަތުކޮށްފައިވާ ގޮތުގައި އަދީބަކީ ރާއްޖޭގައި ހިނގި އެންމެ ބޮޑެތި ޖިނާއީ މައްސަލަތަކުގެ މާސްޓަމައިންޑެވެ. އަދި ދައުލަތުގެ އެތައް ބިލިއަން ރުފިޔާއަކަށް ސީދާ އަދީބު ހިޔާނާތްވަމުން ދިޔަ ކަމަށް އެމްޑީޕީ އިން އޭރު ތުހުމަތު ކުރަމުން އައެވެ. އަދި އެމްޑީޕީގެ އެންމެ ބޮޑު ފާޑު ކިޔުން އަމާޒު ކުރީ ވެސް އަދީބަށެވެ. އެކި ތުހުމަތުތަކުގައި އަދީބު ހައްޔަރު ކުރުމާ އެކު އެމްޑީޕީގެ ރާގު ވަނީ ބަދަލުވެފަ އެވެ.


މާފުށީ ޖަލުގައި ހުންނެވި އަދީބުގެ ގާނޫނީ ޓީމުން ނެރެފައިވާ ބަޔާނުގައި އިތުރަށްވާ ގޮތުން، އަނިޔާވެރިކަމުން ސަލާމަތްވުމަށް ރައްޔިތުން ކުރަމުން ގެންދާ މިންނެތް މަސައްކަތް ހިތުގެ އަޑިން ބަލައިގަނެ އެކަމަށްޓަކައި އަދީބު ވަނީ އެމްޑީޕީ އަށާއި އިދިކޮޅު ފަރާތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ. 

ރައީސް އަބްދުﷲ ޔާމީން އަށް އަމާޒުކޮށް ރިޔާސީ ލޯންޗްކޮޅުގައި ދިން ބޮމުގެ ހަމަލާގައި އެންމެ ބޮޑަށް ތުހުމަތު ކުރެވެނީ އަދީބުގެ މައްޗަށެވެ. އަދި ބައެއް ފަޅުތަކާއި ރަށްތައް ދޫކޮށްގެން އެމްއެމްޕީއާރުސީއަށް ލިބުނު ބިލިއަނަކަށް ވުރެ ގިނަ ރުފިޔާއަށް ހިޔާނާތްވި ކަމުގެ ތުހުމަތު ވެސް ކުރެވެ އެވެ. އޭގެ ތެރެއިން ބައެއް މައްސަލަތަކުގައި އަދީބުގެ މައްޗަށް ދައުވާ ވެސް އަންނަނީ އުފުލަމުންނެވެ. އަދީބުގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައި ހުރި މައްސަލަތަކުގެ އަދަދު 50 އާ ކައިރި ކުރާ ކަމަށް ހިސާބުތަކުން ދައްކަ އެވެ.