އެމްޑީޕީ

ޒަރީރަށް ހަމަލާދިން މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ގޮވާލައިފި

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރުއަށް ހަމަލާދީ ޒަހަމްކޮށްލި މީހުން އިންސާފުގެ ކުރިމައްޗަށް ހާޒިރުކުރުމަށް ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ މައި ޕާޓީ -- އެމްޑީޕީން ގޮވާލައިފި އެވެ.

ޒަރީރަށް ހަމަލާ ދިނީ މާލޭގެ ހަބީބީ ކެފޭ އެންޑް ބިސްޓްރޯ ތެރޭގައި އިންނަވަނިކޮށެވެ.

މިހަމަލާއާއި ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނުގައި ވަނީ ޒަރީރަށް ދިން ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.

"މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރުއަށް ދިން މި ހަމަލާ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގުކޮށް މި ނުރައްކާތެރި ކުށްކުރި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ގޮވާލަމެވެ." ބަޔާނުގައި ބުނެފައިވެ އެވެ.

ފުލުހުން ބުނީ ނުރައްކާތެރި ހަތިޔާރެއްގެ ގޮތުގައި ބެލެވިދާނެ އެއްޗެއް ބޭނުންކޮށްގެން ޒަރީރަށް ހަމަލާދިން މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ އިއްޔެ ހެނދުނު 5:08 ހާއިރު ކަމަށެވެ.

ޒަރީރަށް ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލްގައި އަދިވެސް ގެންދަނީ ފަރުވާ ހޯއްދަވަމުންނެވެ. އޭނާގެ ބޯ ފަޅާލާފައިވާތީ ބޮލުގައި ބޭސް އަޅައިގެން ހޮސްޕިޓަލްގައި އިންނެވި ފޮޓޯތަކެއް ވަނީ ސޯޝަލް މީޑިއާގައި ދައުރުވެފަ އެވެ.

މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް މައްސަލައިގެ ތުހުމަތުގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.