ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވީ ނަމަވެސް މައްސަލަ ކުރިއަށް ނުދާ ސަބަބު ސާފުކުރުމަށް އިދިކޮޅު ކޯލިޝަންގެ އިސްވެރިން މިއަަދު ހައިކޯޓަށް ގޮސްފި އެވެ.
ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލަ ހައިކޯޓަށް ހުށަހެޅީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.
ހައިކޯޓަށް މިއަދު ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި އިސްކޮށް ހުންނެވީ އިދިކޮޅު ޕީޕީއެމް / ޕީއެންސީ ކޯލިޝަން ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
ހައިކޯޓަށް ވަޑައިގަތުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ އަބްދުއްރަހީމް ވިދާޅުވީ އެ ބޭފުޅުން ހައިކޯޓަށް ވަޑައިގެންނެވީ ރައީސް ޔާމީންގެ މައްސަލަ ކޯޓުގައި ކުރިއަށް ނުދާތީ އެވެ. އަދި އެ މައުލޫމާތު ސާފުކުރުމަށް ހައިކޯޓުގެ ރަޖިސްޓްރާއާ ބައްދަލުކުރުމަށް މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވި ކަމުގައިވެސް ވިދާޅުވި އެވެ.
ކޯޓުތަކަށް ހުށަހަޅާ މައްސަލަތަކުގައި މައްސަލައިގެ ދެ ހަސްމުން ފިޔަވާ އެހެން ބަޔަކާ މައްސަލައާ ގުޅޭގޮތުން ކޯޓުތަކުގެ ކަމާ ގުޅޭ ބޭފުޅުން އާންމު ގޮތެއްގައި ބައްދަލެއް ނުކުރައްވަ އެވެ.
އަބްދުއްރަހީމް އިތުރަށް ރައީސް ޔާމީނަކީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓަށްވީތީ އެމަނިކުފާނުގެ މައްސަލަ ހާއްސަ އިސްކަމެއް ދީގެން ބަލަންޖެހޭނެ އެެވެ. އެމައްސަލަ ކުރިއަަށް ނުދަނީ ސަރުކާރުގެ ނުފޫޒާ ހެދި ކަމަށްވެސް ތުހުމަތުކުރެއްވި އެވެ.
ރައީސް ޔާމީން މިވަގުތު ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ. އެއީ ވ. އާރަށް ކުއްޔަށް ދޫކޮށްގެން ރިޝްވަތުގެ ގޮތުގައި ފައިސާ ނަންގަވައި އެ ފައިސާ ބޭނުންކޮށްގެން މަނީ ލޯންޑާ ކުރެއްވި ކަމުގެ ކުށް ސާބިތުވެގެންނެވެ.
ރައީސް ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމް މަތީ ކޯޓަކުން ބާތިލް ނުކުރާނަމަ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވާދައެއް ނުކުރެއްވޭނެ އެވެ.