( 30 އެޕްރިލް 2023 އާ ގުޅޭ )
"އަހަރެން ވެސް ތިމީހުންނާ ބައިވެރިވާނަން" ދެން ވެސް އެ ޒުވާނާ ވާހަކަދެއްކީ އަހަންނަށް ބަލަހައްޓައިގެން އިނދެއެވެ. ނުބައިގޮތަކަށް މެޔަށް ފިނިވެލިއެވެ. ވައިރޯޅިއެއްގެ ބީހުމަކާއި ނުލާ ހީކަރުވައިގަތް ފަދަ އިޙްސާސެއް އަހަންނަށް ކުރެވުނެވެ.
"ޒަފަރާއެކީ ދެން އިނީ ކާކު؟" ސައިކަލުގައި ޒަފަރުމެން ނައްޓާލުމާއެކީ އަހަރެން ވަގުތުން އިތޫ ކައިރީ އަހާލީމެވެ.
"އެއީ ޒަފަރުއޭ ބުނީމެންނު." އިތޫ ބުންޏެވެ.
"ޒަފަރުގެ ފަހަތުގައި އިން ކުއްޖާ. އެއީ ކާކުހޭ މިއެހީ." އިތޫއަށް އަހަރެން ބުނި އެއްޗެއް ނަގައިނުގަނެވުނީއޭ ހީވެ ތަންކޮޅެއް ތަފްސީލުކޮށްލީމެވެ.
"އިންތަ މީހަކު؟." އިތޫ ހައިރާންކަމާއެކު އަހާލިއެވެ.
"އެއްކަލަ އިތޫ. ބުނަން ބޭނުންނެތިއްޔާ އޯކޭ. ތިކަހަލަ ސަމާސާ ނުކުރޭ." އަހަރެން ތުންދަމާލީމެވެ. އެއާއެކު އިތޫ ހޭންފެށިއެވެ.
"އަހަރެންނަށް އެނގޭ ތީ ކިހާ ބިރުގަންނަ މީހެއްކަން. މަޖާކޮށްލާހިތްވީ... އޭތް. ދެން ތުންދަމާފަ ނުހުރެބަލަ. އަހަންނަކަށް ވެސް ނޭނގެ އެއީ ކާކުކަމެއް. ޒަފަރުގެ ފްރެންޑެއް އެއީ. ރަށުގައި ނޫޅޭ މީހަކަށް އެނގޭނެތަ މީހަކު ފެންނައިރަށް އެއީ ކާކުކަން ބުނަން. ސީރިއަސްކޮށޭ. ނޭނގޭ ކާކުކަމެއް އެއީ." ހުނުން ހުއްޓާލާފައި އިތޫ ބުންޏެވެ.
"އޭނާ ހާދަ ވަރަކަށޭ ބެލީ. މީހަކު އަލަށް ފެނުނީމަ ބަލާލަފާނެ. އެކަމަކު އޭނާ ހީވީ ދެ ލޮލުން އަހަރެން ކާލަން އުޅުނުހެން. ވަރަށް ފޫހިވި." ގަޔާނުވިކަން އިތޫގެ ކުރިމަތީގެ ހާމަކޮށްލަން އަހަންނަށް އުނދަގުލެއްނުވިއެވެ. އަހަރެން އެހެން ބުނީމާ ވެސް އިތޫ ޖަހާލީ ހިނިގަނޑެކެވެ.
"ވެދާނެ އާނަ މާރީތިވީ ކަމަށް." އިތޫ ބުންޏެވެ.
ހަވީރު ވަންދެން އިތޫ އަހަރެން ފޫހިވިޔަ ނުދެއެވެ. ތިމާގެ މީހުންގެ ތެރެއިން އެ ޢާއިލާއާ އެންމެ ގާތްކަން އޮންނަ ދެ ގެއަކަށް އަހަރެން ގޮވައިގެން އިތޫ ދިޔައެވެ. އޭނާގެ ތިމާގެ ކުދީންގެ ތެރެއިން އައިންތުއާއި ސީމާއާ އަހަންނާ ރައްޓެހިކޮށްދިނެވެ. އަހަރެންގެ ޗުއްޓީ ނިމެންވާއިރަށް ރަށަށް ލޯބިޖެހޭވަރަށް އެމީހުން ކަންކަން ރާވާނެކަމަށް ބުންޏެވެ.
ހަވީރު ހަތަރެއް ޖަހަންވާއިރަށް އަހަރެން ތައްޔާރުވީމެވެ. އިތޫ ބޭރަށް ގޮސްފައި އަންނަންދެން އަހަރެން ކޮޓަރީގައި މަޑުކޮށްލައިގެން އިނީމެވެ. ފޯނު ނަގައިގެން އެނދުމަތީ އަހަރެން އިނީ އަދިވެސް ހުރުމުގެ ކަންތައް ހަމަޖެހޭނެ ގޮތެއް ވޭތޯ ބަލާށެވެ. އެހެން އިންދާ އިންސްޓަގްރާމުން އަހަންނަށް މެސެޖު ރިކުއެސްޓެއް އައެވެ. މުޅިން އާ އައިޑީއެކެވެ. ފޮޓޯއެއް ވެސް ނެތެވެ. މެސެޖު ބަލާލީ ކާކުބާއޭ ހިތަށް އަރާފައެވެ.
"ކޮންތާކު އާން ތިހުރީ. އަހަރެން ވާހަކަދައްކާލަން ބޭނުން." މެސެޖު އަހަރެން ކިޔާލީއެވެ. އެއީ ޒިޔާންކަން އަހަންނަށް ޔަގީންވީ އާންއޭ ލިޔެފައި އޮތީމައެވެ. އެ ނަމަކީ އޭނާ އަހަންނަށް ކިޔާ ގޮތެވެ. ތުންފިއްތާލެވުނެވެ. އިތުރަށް ޒިޔާންއާ ދައްކާނޭ ވާހަކައެއް އޮތް ކަމަކަށް އަހަރެން ނުދެކެމެވެ. އެހެންވެ އެ ރިކުއެސްޓު ޤަބޫލެއްނުކޮށް ބޭންދީއެވެ. އަހަރެންގެ ހަޔާތުން އެ ބާބު ނިންމާލައިފީމެވެ. އަލުން އެ ސަފްޙާ ހުޅުވައި ބެލުމުގެ ގަސްދެއް ވެސް، ޝައުގެއް ވެސް ނެތެވެ.
އަހަރެން އައީ ކޮންތާކަށްކަން އެނގޭނެ ހަމައެކަނި ބަޔަކީ އަހަރެންގެ މައިންބަފައިންނެވެ. އެއްކޮށް އުޅުނު އެއްވެސް މީހެއްކައިރީ އަހަރެން މި ރަށަށް އަންނަކަމެއް ނުބުނަމެވެ. ޒިޔާން އެކޭ އެއްގޮތަށް އަހަރެންގެ ޚަބަރެއްވޭތޯ އެހެން ރައްޓެހިންގެ މެސެޖުތައް ލިބިފައި އެބަހުއްޓެވެ. އޮފީހުގައި އުޅޭ ދެ ކުއްޖަކު ވެސް ހުރިހާކަމެއް ރަނގަޅުތޯ އަހާފައިވެއެވެ. އެކަމަކު އެއްވެސް މީހަކާ މިދުވަސްކޮޅު އަހަރެން ވާހަކަދައްކާކަށް ބޭނުމެއްނޫނެވެ. އެންމެން ވެސް އެ އުޅެނީ ވާހަކަ ހޯދަންކަން އަހަރެންނަށް އެނގެއެވެ. އަހަރެން މީހަކާ އިންނަން ރަންކިޔައި ވަލީމާއަށް ދަޢުވަތުދީފައި އެކަން ނިމުކަކަށް އައީ ސުވާލު ނުއުފެދޭނީ ކާކު ހެއްޔެވެ. އެންމެން ވެސް އެ ޚަބަރު އޮޅުންފިލުވަން ބޭނުންވާނެ ނޫން ހެއްޔެވެ.
"އެމީހުން އަތުވެއްޖެ." ކުއްލިއަކަށް ދޮރު ހުޅުވާލައި ވާހަކަދެއްކީ އިތޫ އެވެ.
އަހަރެން ތެދުވެ އަތްދަބަހުގެ ތެރެއަށް ފޯނުލައި ދަބަސް ހިފައިގެން އައިސް ލޯގަނޑު ކުރިމަތީ ހުއްޓިލީމެވެ. އަމިއްލަ ސޫރައަށް ބަލާލީމެވެ. ފަން އެހެނަސް ރާޅުބާނިކަން ހުރި ދިގު އިސްތަށިގަނޑު ދޫކޮށްލާފައި އޮތަސް، މޫނުމައްޗަށް ނުވެއްޓޭނެހެން ދެ ފަރާތު ކަންފަތް ކައިރިން އިސްތިކޮޅެއް ނަގައި ފަހަތުން ދައްޗަކުން ހަރުކުރީމެވެ. އަދި ނޫކުލައިގެ ޖިންސާއެކީ ޚިޔާރުކުރީ ފުއްޕި ދިގު އަތެއްލާފައިވާ ރީނދޫ އޮރެންޖު ކުލައަކަށްދާ ޓޮޕެކެވެ. އެ ޓޮޕްކޮޅު ބަނޑާ ހަމައިން ރަބަރުލައްވައި ވަކިވެފައި އޮތްއިރު ފަސްބަޔަށް އޮތީ ނިކަން ރީތިކޮށް ރޫޖެހިފައެވެ. މާލޭގައި ކުރާ ވަރަށް މޭކަޕެއް ނުކުރަމެވެ. ފައުންޑޭޝަން ފުއްކޮޅެއް ޖަހާލުމުން މޫނުމަތިން ރީތިވެލިއެވެ. އެސްފިޔަތައް ފަވާލާފައި ތުންފަތުގެ ޤުދުރަތުން ހުންނަ ކުލައާ ގުޅޭނޭ ލިފްސްޓިކެއް ޖައްސާލީއެވެ. މާލޭގައި ނަމަ އަހަންނަށް އެވަރަކުން ނުފެދޭނެއެވެ. އެހެން ހިތަށް އެރުމުން ހިނިއާދެވުނެވެ. ހުރެވުނު ގޮތާމެދު ހިތްހަމަޖެހިފައި ހުރެ ހަލުވި ފިޔަވަޅުގައި އައިސް ކޮޓަރިން ނުކުތީމެވެ.
ބަދިގެ ހުންނަނީ އެންމެ ބިއްދޮށަށެވެ. ކޮޓަރިން ނުކުމެ ވައަތް ފަރާތަށް ދާއިރުއެވެ. އަހަރެން ބަދިގެއަށް އައީ ސިޓިންރޫމަށް ނުކުމެ އެތަނުގައި މީހަކު ނެތީމައެވެ. ބަދިގެ ވަން ވަގުތު ކާމޭޒުދޮށުގައި އިން ޒަފަރު ފެނިއްޖެއެވެ. އޭނާ ވެސް އަހަރެން ފެންނައިރަށް ގޮވާލައިފިއެވެ. ބަދިގެ ތެރޭ ހުރި ސީރަތު އަހަރެން ކައިރީ ސައިބޯން އިށީންނަން ބުނެލިއެވެ. ސައި ޖަގު ގިރަން އިތޫ ހުރީ ކަބަޑުސެޓު ކައިރީގައެވެ. އަހަރެން އައިކަން އެނގުމުން އޭނާ ސައި ޖަގު ހިފައިގެން މޭޒު ކައިރިއަށް އަތުވެއްޖެއެވެ. އޭނާ ވެސް ހުރީ ނިކަން ނަލަވެގެންނެވެ. ދަތުރަށް ފެށިއިރުން ފެށިގެން ހަވީރާ ޖެހެންދެން އިތޫ އުޅުނީ ކަޅު ޓީޝާޓު ފޮތީގެ ވަށްބުރުގާގަނޑެއް އަޅައިގެންނެވެ. އެކަމަކު މިހާރު އޭނާ ހުރީ ކަށިމައްޗާ ހަމައަށް ހުރި ގަމީހާއި ފުޅާ ހަރުވާޅާ ގުޅުވައި ނޫކުލައިގެ ޝޯލްއެއް އަޅައިގެންނެވެ.
"އަހަރެމެން ސައިބޮއެ ނިމެންވާއިރަށް ފަޒީލު އަންނާނެ ކާރު ނަގައިގެން." ޒަފަރު ބުންޏެވެ.
އަހަރެން ވަގުތުން ހިތަށް އެރީ ހެނދުނު ޒަފަރުގެ ސައިކަލު ފަހަތުގައި އިން ޒުވާނާ މަތިންނެވެ. އޭނާއަށް ކިޔަނީ ފަޒީލު ހެއްޔެވެ. ކާރުގެ ވާހަކަ އިސްވެ ބުނީ އޭނާއެވެ. އިތޫ އަހަންނަށް ބަލާލިތަން ދުށީމެވެ. އޭނާ އަހަރެންނާ ޖެހިގެން ޒަފަރުއާ ކުރިމަތިވާނެހެން މޭޒުދޮށުގައި އިށީނެވެ.
"އޭރު އައީ ފަޒީލާއެކީތަ." ޒަފަރު ކައިރީ އިތޫ އަހާލިއެވެ. ސޭންޑިވިޗެއް އަނގަޔަށް ލައިގެން އިނދެ ޒަފަރު ހޫން ލައްވާލިއެވެ.
"ފަޒީލޭ ކިޔާ އަޑު އިވެނީ. މިފެނުނީ އަދިކިރިޔާ... މީނަގެ މަހަށްދާ ފްރެންޑު އެއީ." އެންމެ ފަހުން އެ ބުނެލި ޖުމްލަ ހީވީ އަހަރެންނަށް އޮޅުންފިލުވައިދޭން އިތޫ ބުނީ ހެންނެވެ. އެހެން ބުނަމުން އޭނާ ބަލާލީ ވެސް އަހަންނަށެވެ.
"ވާނެ ބާބެކިއުއެއް ބާއްވާލަން. ފަޒީލުމެން ގެސްޓްހައުސްއަށް ޖައްސާލަންވާނެ. އެއްދުވަހު އެކޮޅަށް ޕިކުނިކް ހަދާލަން ދާނީ. އެކޮޅު މޫދު ވެސް ވަރަށް ސަޅިވާނެ. ކެނޯ ދުއްވާލައި ނައިޓް ފިޝިންއަކަށްދާން އެމީހުންގެ ޑިންގީ ވެސް ސަޅިވާނެ. އާނަ ފޫހިވާކަށް ނުޖެހޭނެ. ފަޒީލު ކައިރީ ބުނެލާއިރަށް އޭނާ ހަމަޖައްސާލަދޭނެ." އަނގަ ހުސްކޮށްލުމާއެކު ޒަފަރު ވާހަކަދެއްކިއެވެ.
"އައިންތައާއި ސީމާ ކައިރީ ބުނަންވާނެ." އިތޫ ބުންޏެވެ.
"އެ ސީބުރި ހުންނާނީ މީހަކު ތަނަކަށްދާން ނުބުނެގެން." ޒަފަރު ބުނެލީ ނިކަން މަޖާކޮށެވެ. އިތޫ ނިކަން ބާރަށް ހީނގަތެވެ.
"މީނަ އަދިވެސް އެކުއްޖާއަށް އެ ނަމުންނޭ ގޮވަނީ." ސީރަތު ހޭންނުހޭން އިނދެ މިހެން ބުނަމުން ޒަފަރުގެ ކޮނޑުގައި ޖަހާލައިފިއެވެ.
"މިހާރު މިތާ ނެތްކަން ނަސީބެއް. އެހެންނޫނީ ޒަފަރު ގައިގާ ތަޅައިގަނެފައި ނޫނީ ހުއްޓައެއްނުލާނެ." ހެމުންހެމުން އިތޫ ބުންޏެވެ.
ހިނިއައިސްފައި އިނދެ އަހަރެން ވެސް ސައިބޮއެ ނިންމާލީމެވެ. އެންމެންގެ ފަރާތުން ފެންނަ ހިތްހެޔޮ ކަމަކީ އިތޫގެ ރަޙުމަތްތެރިއަކަށް ވީމައި ފެންނަ ގާތްކަމެއްކަން އަހަރެންނަށް އެނގެއެވެ. އެކަހަލަ ރަނގަޅު އެންމެ ރައްޓެއްސެއް ލިބުނުކަމީ އަހަރެންގެ ނަސީބެވެ. އެންމެން ސައިބޮއެގެން ނުކުމެ ސިޓިންރޫމު ސޯފާތަކުގައި މަޑުކުރީއެވެ. އެކުވެރިޔާ ހުރީ ކިހާ ހިސާބެއްގައިތޯ ބަލަން ޒަފަރު ގުޅިއެވެ. އޭގެ ފަހުން މާގިނައިރެއްނުވިއެވެ. ފަޒީލު ގުޅައިފިއެވެ. އެ ކޯލުގައި ހުރެފައި އަހަރެމެން ކައިރީ ނުކުންނަންވީ ކަމަށް ޒަފަރު އަންގާލިއެވެ.
ދޮރުމަތީ އޮތް ކާރު ފެނުމުން އަހަރެންނަށް ލިބުނީ ޝޮކެކެވެ. ހައިރާންވެފައި ކާރަށް ބަލަން އިރުކޮޅަކު ހުރެވުނެވެ. ބާވެ އެއްބައި ދިމާލުން މުޅީން ކުލަ ކެހި ހުދުވެ ހަލާކުވެފައިވާ އިސްޓިކާއިން އަހަރެންނަށް އޭގައި ލިޔެފައި އޮތް އެއްޗެއް ނަގައިގަންނަން ދައްޗެއް ނުވިއެވެ. އެ ކާރުގައި ހަރުކޮށްފައި އޮތީ އޯޝަން ޕެރެޑައިސް ގެސްޓްހައުސް އިސްތިހާރު ކޮށްފައިވާ އިސްޓިކާއެކެވެ. އެންމެ އަޖައިބުވީ ހަޔާތުގައި މިވަރުގެ އިއްތިފާގަކާ ދިމާވެފައި ނެތީމައެވެ. ކާރުގެ ފަހަތު ދޮރުފަތް ޒަފަރު ހުޅުވާލުމުން ފުރަތަމަ އެރީ އިތޫއެވެ.
"ހާދަ ހިނިއައިސްފައި." އިތޫއާ ޖެހިގެން ކާރަށް އަރައި ހަމަޖެހިލި ވަގުތު އޭނާ ބުންޏެވެ.
ހިނިއައިސްފައިކަން ހުރެވުނީ އަހަންނަށް އެނގުނީ ދެނެވެ. އަވަހަށް އެ ހިނިތުންވުން މޫނުން ފުހެލީމެވެ. އަދި ކުރިޔަށް ބަލާލެވުނު ވަގުތު އަހަރެންގެ ލޯ އަމާޒުވެލީ ކާރުގެ ކުރީގައި ހަރުކޮށްފައިވާ ލޯގަނޑަށެވެ. އެ ލޯގަނޑުން ފަޒީލުގެ ތޫނު ނަޒަރު އަހަންނަށް ހުއްޓިފައިވާތީ ފެނުނެވެ. އެކަން އެނގުމާއެކު އަހަރެން ނިކަން އަވަހަށް މޫނު އަނބުރާލީމެވެ. އަދި އޭނާ ކުރާކަމެއް ނިކަން ސިއްރުން ބަލާލީމެވެ. އަހަރެންގެ ސިއްރު ބަލާލުން ފަޒީލަށް ފާހަގަވެ އޭނާގެ ނިކަން ނޫން ގޮތަކަށް ހިނިތުންވެލިއެވެ. އިތޫ ބުނިހެން އަހަންނާމެދު ފަޒީލު ޝައުގުވެރިވަނީބާއޭ ހިތަށް އެރިއެވެ. އެވަރަށް އޭނާ އެ ބަލަނީ އެ މަޤްޞަދުގައި ހެއްޔެވެ. އެކަމަކު އަހަރެން އެކަހަލަ ގުޅުމަކަށް އަދި ތައްޔާރެއްނޫނެވެ. ލޯބިވެރިޔަކު ބޭނުމެއްނޫނެވެ.
ފަޒީލު ކާރު ދުއްވަމުން ދިޔައެވެ. ރަށުގެ އެންމެ ބޮޑަށް އާބާދުވެފައި ސަރަޙައްދުގެ ހުރިހާ މަގެއްހެން ވަނީ ތާރުއަޅައި އޮމާންކުރެވިފައެވެ. ޚާއްޞަކޮށް ސުކޫލާއި ހޮސްޕިޓަލާއި ރަށު އޮފީހާ ގުޅިފައިވީ މަގުތަކެވެ. ބޮޑު ރަށެކެވެ. އެހެންނަމަވެސް އާބާދީ ރަށާ ބަލާފައި ގިނައެއްނޫނެވެ. ރަށުގައި އަދިވެސް ބޮޑު ޖަންގައްޔެއް އޮތީ އެހެންވެއެވެ. ދަނޑުވެރިކަން ކުރާ ސަރަޙައްދެއް ވެސް އޮތެވެ. ޒަފަރާއި ފަޒީލު ރަށުގެ ކަންކަން ކިޔައިދެމުން ދިޔައެވެ. އެމީހުންގެ ވާހަކައިގައި ދޭތެރެއަކުން އިތޫ ބައިވެރިވެއެވެ. އޭނާއަށް ނޭނގޭ ސަރަޙައްދު ވެސް ހުރީމައެވެ. އަދި ރަށުގައި އޭނާ ނެތިސް ރަށަށް އައިސްފައި ހުރި ބަދަލުގެ ވާހަކަ އިތޫ ދެއްކިއެވެ. އަހަރެން ހިމޭނުން އެމީހުންގެ ވާހަކަތައް އަޑުއަހަން އިނީއެވެ.
"މިހިސާބުން ތަނަކަށް މަޑުކޮށްލަމާ. ކޮފީއަކަށް އަރާލަން." ފަޒީލު ޚިޔާލު ފާޅުކުރިއެވެ. ޒަފަރާއި އިތޫ ވެސް އެއްބަސްވެލިއެވެ.
އަހަރެމެން ގޮވައިގެން ފަޒީލު ވަނީ "މީރުހަޓު" ކިޔާ ކުޑަކުޑަ ކެފޭއަކަށެވެ. އެއް މޭޒު އަނެއް މޭޒާ ވަކިކުރަން ކޮންމެ ދެ މޭޒެއްގެ ދޭތެރޭ ފަންގިބިތް ޖަހާފައި ހުއްޓެވެ. އަހަރެމެން އައިސް އިށީނީ ބަޔަކު ތިބެފައި ތެދުވި މޭޒުގައެވެ. މޭޒުތައްވަނީ ފުރިފައެވެ. އެންމެން ވެސް އޯޑަރު ދިނީ ކޮފީއަށެވެ.
"ކޮންއިރަކުން ސްކޫލަށް ސިޓީލާނީ. އެބައޮތް ދެ ލީޑިން ޓީޗަރުގެ މަޤާމާއި ހިސާބާއި އެކައުންޓިން ޓީޗަރަކަށް ޢިއުލާންކޮށްފައި." ޒަފަރު ބުންޏެވެ.
ޒަފަރަކީ ރަށު ސުކޫލުގެ ޕްރިންސިޕަލެވެ. އިތުމީނާ ވެސް އެއައީ އެޑިއުކޭޝަން ދާއިރާއިން ކިޔަވައިގެންނެވެ. ދެ މީހުންގެ ފިކުރު ހުރީ އެއް އަމާޒަކަށެވެ. ޒަފަރުގެ ވާހަކައަށް އިތޫ ޖަވާބު ދިނެވެ.
"އަވަހަށް ލީމަ ރަނގަޅުވާނީ. ދިވެހީންނަށް އިސްކަންދޭނެ." އިތޫ ބުނި އެއްޗަކަށް ޒަފަރު ވާހަކަދެއްކިއެވެ.
"މާލޭ ކުއްޖެއްތަ؟." ޒަފަރާއި އިތޫ އެމީހުންގެ އަމިއްލަ ވާހަކައަށް ގެއްލިފައި ތިބި ވަގުތު ފަޒީލު އަހަރެން ކައިރީ އަހާލިއެވެ. އޭނާއަށް ޖަވާބުދޭން އަހަރެން ބޯޖަހާލީއެވެ.
"ނަމެއް ވެސް ނޭނގޭ. އަހަރެންގެ ނަން އެނގެއެއްނު. ޔޫގެ ނަމަކީ." ފަޒީލް ބުންޏެވެ.
"އާނިޔާ." އަހަރެން ބުނެލީމެވެ.
"އަނިޔާއޭ... ހާދަ ފާޑެއްގެ ނަމެއް." ފަޒީލު ބޯކަހާލިއެވެ. އޭނާ ގަސްދުގައިކަން އެހެން އެބުނީ އެނގޭއިރު ވެސް އަހަންނަށް ހެވުނީ ބޭއިޚްތިޔާރުގައެވެ.
"އާ..ނި..ޔާ..." އަހަރެން އަކުރުތައް ވަކިވަކިން ކިޔާލީމެވެ.
"އެހެން ދޯ." ހިނިއައިސްފައި އިނދެ ފަޒީލު ބުނެލިއެވެ.
"ވާހަކައެއް އަހާލަންތަ؟." އަހަރެންނަށް ފަޒީލު ދުއްވާ ކާރު ފެނުނީއްސުރެ ހިތުގައިވަނީ މުޅިން އެހެން ޝައުގެއް އުފެދިފައެވެ.
"އަހަރެން ސިންގަލް." ފަޒީލު ވަގުތުން ބުނެލިއެވެ. ހިނިއައި ނަމަވެސް އަހަރެން މިފަހަރު ތުންފިއްތާލީއެވެ.
"ވިލް ޔޫ ސްޓޮޕް ފްލާޓިން. ވަރަށް މުހިންމު ވާހަކައެކޭ." އަހަރެން ބުނެލީމެވެ. ފަޒީލު މޭޒުގައި ދެއަތް އަޅުވާލައި އަޑުއަހަންކަން އިނީ ދައްކާލަމުން ބޯޖަހާލިއެވެ.
"ކާރުގައި އިން ސްޓިކާ. އެއީ އޯޝަން ޕެރެޑައިސް ގެސްޓްހައުސްގެ ސްޓިކާއެއް ދޯ. އެތަން ބަންދުކޮށްފައްތަ ހުންނަނީ." އަހަރެން އަހާލީމެވެ.
"އެތަނާ ބެހޭގޮތުން މިރަށުން އަޑެއް އިވުނީތަ؟." ފަޒީލު ސުވާލުކޮށްލިއެވެ. މިފަހަރު އެ މޫނުގައިވީ ސީރިއަސްކަމެވެ. އޭނާއަށް ބަލަން އިނދެ އަހަރެން ނޫނެކޭ ބުނާން ބޯހޫރާލީމެވެ.
"އެތަނުގެ މީހަކާ ވާހަކަދައްކާލެވޭނެ ގޮތެއްވެދާނެ." އަހަރެން އިތޫއަށް ބަލަމުން މިހެން ބުނީ ތަންކޮޅެއް މަޑުންނެވެ. އިތޫއަށް އިވިދާނެތީއެވެ. ފަޒީލު އެއްޗެކޭ ނުބުނެ ބަލަން އިނީއެވެ. އަހަރެންގެ ފަރާތުން ނަގައިގަންނަން އޭނާ މަސައްކަތް އެ ކުރަނީ ކޮންކަމެއްކަން ޚުދު އަހަރެންނަކަށް ވެސް ނޭނގެއެވެ.
"އެފްބީގައި އިން ނަންބަރަށް ގުޅޭތޯ ޓްރައިކުރިން. މެސެޖު ވެސް ކުރީން. އެޓްލީސްޓް އެތަނާ ގުޅޭނެ ނަންބަރެއް އެނގޭތަ؟." ފަޒީލު އެއްޗެކޭ ނުބުނެ އިނީމައި ދެން ވެސް ވާހަކަދެއްކީ އަހަރެންނެވެ. ނަސީބަކުން މިފަހަރު އޭނާ ބޯޖަހާލިއެވެ. ޖިންސުގެ ޖީބުން އޭނާ ފޯނު ނެގިއެވެ. ޖެހިގެން ތިބި އިތޫއާއި ޒަފަރަށް އަހަރެން ބަލަމުންދިޔައީ އެމީހުންނަށް އަހަރެން މިކުރާ ކަންތައް ފަޅާއަރާފާނެކަމުގެ ބިރަށެވެ.
ފަޒީލު ކިޔައިދިން ނަންބަރު އޯޝަން ޕެރެޑައިސްގެ ނަމުގައި އަހަރެންގެ ފޯނުގައި ރައްކާކޮށްލީމެވެ. ގެއަށް ދެވުނީމާ ގުޅަން ގަސްދުކޮށެވެ. މިރެޔަށް ލިބުނަސް މިރޭ ވެސް އަހަރެން އެހެން ތަނަކަށް ބަދަލުވެ އިތޫއަށް މިނިވަންކަން ދޭން ބޭނުމެވެ. އަހަރެން އިތޫއާއެކު އައީ ވެސް އެހެން މީހަކާ ޚިއްޞާނުވާނޭހެން އަމިއްލަ ތަނެއްގައި ހުންނަން ވިސްނާފައެވެ.
"ތޭންކްސް. ތިކޮށްދިނީ ވަރަށް ބޮޑުކަމެއް." އަހަރެން ފަޒީލަށް ޝުކުރު އަދާކުރީމެވެ.
"ގިނަގިނައިން ބައްދަލުވާނޭ ގޮތް މިވީ." މާނަވީ ބެލުމަކުން ނަޒަރު ހުއްޓާލައިގެން އިނދެ ފަޒީލު ބުންޏެވެ.
"އޭނ!..." އޭނާ އެހެން އެ ބުނީ ކޮންމާނައެއްގައިކަމެއް އަހަރެންނަކަށް ނޭނގުނެވެ. ފަޒީލު ބަދަލުކޮށްލީ ހިނިތުންވުމެކެވެ.
އަހަރެންނާއި ފަޒީލުގެ ވާހަކަ ހުއްޓުމަކަށް އައީ ޒަފަރު އޭނާއަށް ގޮވާލީމައެވެ. އަހަރެން ރަށުގައި ހުއްޓާ ބާބެކިއުއަކާ ކަންކަން ބާއްވަން ޒަފަރު ޚިޔާލު ދިނެވެ. އެއާއެކު ވާހަކައިގެ މިސްރާބު އެހެން ދިމާއަކަށް އެނބުރިއްޖެއެވެ.
* * * * *
އިރުއޮއްސުނު ވަގުތެވެ. ސިޓިންރޫމު ސޯފާގައި އަހަރެން އިނީ އެކަންޏެވެ. ހުޅުވާފައި ހުރި ޓީވީއިން މަޣްރިބު ނަމާދަށް ގޮވައިނިމި ބަންގި ދުޢާ އިވެމުންދިޔައެވެ. ފޯނު އަތަށް ލައިގެން އިނދެފައި އަހަރެން ކޮޓަރި ބަރިއާ ދިމާއަށް ބަލާލީމެވެ. އަދި ފޯނުގެ އިސްކުރީނުން ފެންނަން އިން "އޯޝަން ޕެރެޑައިސް" ނަންބަރަށް ގުޅައިފީމެވެ. މަޑުމަޑުން ފޯނު ގެނެސް ކަންފަތުގައި ޖައްސާލީމެވެ.
(ނުނިމޭ)