ދައުލަތުން މިއަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި ކުރި ހަރަދު 14 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު އެޕްރީލް 27 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ހަރަދު ވަނީ 14.8 ބިލިއަން ރުފިޔާއަށް އަރާފަ އެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތުން ކުރި 12.1 ބިލިއަން ރުފިޔާގެ ހަރަދަށްވުރެ 18 ޕަސަންޓު އިތުރުވުމެކެވެ.
މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް އަދި ޕެންޝަނަށް 3.7 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު އިދާރީ އަދި ހިންގުމުގެ ހަރަދަށް ކުރި ހޭދަ 6.4 ބިލިއަން ރުފިޔާއަށް އަރަ އެވެ.
ލޯނު ދެއްކުމަށް 857.2 މިލިއަން ރުފިޔާ ހޭދަކުރިއިރު ތަރައްގީގެ މަޝްރޫއުތައް -- ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމްތަކަށް ކުރި ހަރަދު ހަތަރު ބިލިއަން ރުފިޔާއަށް އަރަ އެވެ.
ދައުލަތަށް މި މުއްދަތުގައި އާމްދަނީގެ ގޮތުގައި ލިބުނީ 10.4 ބިލިއަން ރުފިޔާ އެވެ. އޭގެ ތެރޭގައި ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނު 7.8 ބިލިއަން ރުފިޔާ އާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބުނު 2.5 ބިލިއަން ރުފިޔާ ހިމެނެ އެވެ.