ފިނޭންސް މިނިސްޓްރީ

އަހަރުގެ މިހާތަނަށް ކުރި ހަރަދު 836 މިލިއަނަށް

ލޯނުތައް ދައްކަން ކުރި ހޭދައާއެކު އަހަރުގެ މިހާތަނަށް ދައުލަތުގެ ބަޖެޓުން 836.3 މިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓު ދައްކާ ގޮތުން މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ރިކަރަންޓް ހަރަދާއި ކެޕިޓަލް ހަރަދަށް ޖުމްލަ 524 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

މި ހަރަދުތަކުގެ އިތުރުން ލޯނުތައް ދެއްކުމަށް 312.3 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

މުސާރަ އާއި އިނާޔަތް އަދި ޕެންޝަނަށް 4.3 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު އިދާރީ އަދި ހިންގުމުގެ ހަރަދު މި މުއްދަތުގައި 361.8 މިލިއަން ރުފިޔާއަށް އަރަ އެވެ.

މީގެ އިތުރުން ތަރައްގީގެ މަޝްރޫއުތައް -- ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް 141.3 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީ އާއި ހަރަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ ދަށަށް ގޮސްފަ އެވެ.

ލޯނަށް ކުރި ހޭދަ ހިމެނޭ ގޮތަށް މިދިޔަ އަހަރުގެ މި މުއްދަތުގައި ހަރަދު 993.4 މިލިއަން ރުފިޔާއަށް އަރަ އެވެ.

ދައުލަތަށް މިއަހަރުގެ މި މުއްދަތުގައި އާމްދަނީގެ ގޮތުގައި ލިބުނީ 390.3 މިލިއަން ރުފިޔާ އެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އާމްދަނީގެ ގޮތުގައި ލިބުނު 474.7 މިލިއަން ރުފިޔާއަށްވުރެ 84.4 މިލިއަން ރުފިޔާ ދަށް އަދަދެކެވެ.