ފިނޭންސް މިނިސްޓްރީ

އާމްދަނީއަށްވުރެ ހަރަދު ހަތް ބިލިއަން އިތުރުވެއްޖެ

ދައުލަތަށް މިއަހަރު ލިބުނު އާމްދަނީއަށްވުރެ ހަރަދު 7.5 ބިލިއަން ރުފިޔާ އިތުރުވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި ދައުލަތަށް 21 ބިލިއަން ރުފިޔާ ލިބުނުއިރު މި މުއްދަތުގައި ދައުލަތުގެ ހަރަދު ވަނީ 28.5 ބިލިއަން ރުފިޔާއަށް އަރާފަ އެވެ.

ދައުލަތުގެ ހަރަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 15 ޕަސަންޓް އިތުރުވެފަ އެވެ. މިދިޔަ އަހަރު މި މުއްދަތުގައި ދައުލަތުގެ ހަރަދު ހުރީ 24.7 ބިލިއަން ރުފިޔާގަ އެވެ.

މުވައްޒަފުންގެ މުސާރަ އާއި އިނާޔަތާއި ޕެންޝަންގެ އިތުރުން އިދާރީ އަދި ހިންގުމުގެ ހަރަދަށް މިއަހަރު ވަނީ 18 ބިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ.

އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް -- ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް 6.6 ބިލިއަން ރުފިޔާ ހޭދަކުރިއިރު ލޯނުތައް ދެއްކުމަށް 1.5 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.

ދައުލަތަށް މިއަހަރު ޓެކްސް އާމްދަނީއިން 16 ބިލިއަން ރުފިޔާ އަދި ޓެކްސް-ނޫން އާމްދަނީއިން 4.6 ބިލިއަން ރުފިޔާ ލިބުނެވެ.