ދައުލަތުން މިއަހަރުގެ މިހާތަނަށް ކުރި ހަރަދު 16.9 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.
ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓްގައިވާ ގޮތުން މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުން ކުރި ހަރަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތުގައި ކުރި ހަރަދަށްވުރެ 26.4 ޕަސަންޓް އިތުރުވެފަ އެވެ.
ދައުލަތުގެ ހަރަދު މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރީ 13.4 ބިލިއަން ރުފިޔާގަ އެވެ.
އިދާރީ އަދި ހިންގުމުގެ ހަރަދުގެ ގޮތުގައި މިއަހަރު 7.3 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު މުވައްޒަފުންގެ މުސާރައާއި އިނާޔަތް އަދި ޕެންޝަނަށް 3.9 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
މީގެ އިތުރުން ތަރައްގީގެ މަޝްރޫއުތައް -- ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް މިއަހަރު 4.3 ބިލިއަން ރުފިޔާ ހަރަދުކުރިއިރު ލޯނު ދެއްކުމަށް 960 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.
ދައުލަތުގެ ހަރަދު އިތުރުވެފައިވާއިރު އަހަރުގެ މިހާތަނަށް ލިބުނު އާމްދަނީވެސް ވަނީ މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 22.7 ޕަސަންޓް އިތުރުވެފަ އެވެ.
އާމްދަނީގެ ގޮތުގައި މިއަހަރުގެ މިހާތަނަށް 12.7 ބިލިއަން ރުފިޔާ ލިބިފައިވާއިރު މީގެ ތެރޭގައި ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނު 9.5 ބިލިއަން ރުފިޔާ އާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބުނު ތިން ބިލިއަން ރުފިޔާ ހިމެނެ އެވެ.