ދިރާގު

ދިރާގު ފައިބާ ބްރޯޑްބޭންޑް ރައުޓާ އަދި ސެޓްއަޕް ހިލޭ ލިބޭ ޕްރޮމޯޝަނެއް

މުޅިން އަލަށް ދިރާގު ފައިބާ ބްރޯޑްބޭންޑް ކަނެކްޝަނަށް އެދޭ ކަސްޓަމަރުންނަށް ރައުޓާ އަދި ސެޓްއަޕް ހިލޭ ލިބޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފި އެވެ.

ޕްރޮމޯޝަންގެ މުއްދަތުގައި ދިރާގު ފައިބާ ބްރޯޑްބޭންޑްގެ ކޮންމެ ޕެކޭޖަކަށް ސަބްސްކްރައިބް ކުރާ ރެސިޑެންޝަލް ކަސްޓަމަރުންނަށް ރައުޓާ އަދި ސެޓްއަޕް ހިލޭ ލިބޭނެ ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ މިމަހުގެ ދެވަނަ ދުވަހުން 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

"މިއީ އެއްވެސް ސެޓްއަޕް ފީއަކާ ނުލާ ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ހަލުވި ފައިބާ ނެޓްވާކްއާ ގުޅާލުމަށް ލިބޭ އަގުހުރި ފުރުސަތެއް. ދިރާގު ފައިބާ ބްރޯޑްބޭންޑާއެކު ކަސްޓަމަރުންނަށް ތަފާތު އެކި ޕެކޭޖްތަށް ހިޔާރުކޮށް އެންމެ ބޮޑު ޑޭޓާ އެލަވަންސްތަކާއި ހަލުވި ސްޕީޑް ތަޖުރިބާކޮށްލެވޭނެ،" ޕްރޮމޯޝަނާއި ގުޅޭ ގޮތުން ދިރާގުގެ މެނޭޖާ އެކުއިޒިޝަންސް ޖަނާ އިބްރާހިމް ވިދާޅުވި އެވެ.

ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު ފައިބާ ނެޓްވާކް އެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 87 އިންސައްތައަށް މި ހިދުމަތް ދިރާގުން ވަނީ ފޯރުކޮށްދީފަ އެވެ.

ދިރާގުން ބުނި ގޮތުގައި އެ ކުންފުނިން އަބަދުވެސް ބަލަނީ ކަސްޓަމަރުންނަށް ދެވޭނެ ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަށެވެ.

މިގޮތުން އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖުރިބާ ރަނގަޅުކުރުމަށް އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.