ޕީޕީއެމް

ޔާމީން މިނިވަންކުރުމުގެ މަސައްކަތުގައި ސައިދާއި އާދަމް ޝަރީފް ލަންކާއަށް

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މިނިވަންކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަޝިޕްގެ ދެ ބޭފުޅަކު މިއަދު ސްރީލަންކާއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

އެގޮތުން ލަންކާއަށް މިއަދު ވަޑައިގަންނަވަނީ ޕީއެންސީގެ ނައިބް ރައީސް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު އާއި ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އެވެ.

ޕީޕީއެމް އިން ބުނީ މި ދެ ބޭފުޅުން މިއަދު ލަންކާގެ ވެރިރަށް ކޮލޮމްބޯއަށް ވަޑައިގެން ބޭރުގެ ޑިޕްލޮމެޓުންނާ ބައްދަލުކުރައްވާ ރައީސް ޔާމީންގެ ޝަރީއަތް ހިނގަމުންދާ ގޮތުގެ ކަންބޮޑުވުން ހިއްސާ ކުރައްވާނެ ކަމަށެވެ.

ދެ ބޭފުޅުންގެ މިދަތުރުފުޅުގައި ރައީސް ޔާމީންގެ އިސްތިއުނާފްގެ މައްސަލަ އަދިވެސް ތާވަލް ނުކުރާތީ އާއި ދަށު ކޯޓުގައި ހުރި މައްސަލަތައް "ފަތުއަޑު" ކިޔާފައި ކުރިއަށް ގެންދާތީ މިކަންކަމުގެ ސަބަބުން ރައީސް ޔާމީނަށް ގާނޫނުތަކުން ލިބެންޖެހޭ އެތަކެއް ހައްގުތަކެއް ގެއްލިގެންދާތީ މިކަަންކަމުގައި ހުރި މައްސަލަތައް ބޭރުގެ ޑިޕްލޮމެޓުންނާ ހިއްސާކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.

މީގެއިތުރުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ ކުރެއްވި ޓްވީޓެއްގައި ރައީސް ޔާމީނާ ދޭތެރޭ ޒާތީ ވެފައިވާ މިންވަރު ހާމަވާތީއާއި އެކަމަކީ ރައީސް ޔާމީންގެ ރައްކާތެރިކަމާ މެދު ކަންބޮޑުވާ ކަމަކަށްވާތީ އެކަމުގެ މައުލޫމާތުވެސް ހިއްސާކުރެއްވުމަށް ހަމަޖެހިފައިވެ އެވެ. އަދި ރައީސް ޔާމީނަކީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަށްވާއިރު ކެމްޕޭން ކުރުމުގެ ހައްގުތަކުން އެމަނިކުފާނު މަހްރޫމްކޮށް ސިޔާސީ ބޭނުމަކަށް ރައީސް ޔާމީން ޖަލަށް ލައިގެން މިސަރުކާރުން ގަސްދުގައި އަނިޔާދެމުންދާ މައްސަލައިގައިވެސް ބޭރުގެ ޑިޕްލޮމެޓުންނާ މައުލޫމާތު ހިއްސާކުރައްވާނެ ކަމުގައި ޕީޕީއެމް އިން ބުނެ އެވެ.

އިދިކޮޅު ކޯލިޝަނުން ގެންދަނީ ރައީސް ޔާމީން މިނިވަންކުރުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައިވެސް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ނަމަވެސް ވ. އާރަށް ކުއްޔަށް ދޫކޮށްގެން ރިޝްވަތުގެ ގޮތުގައި ފައިސާ ނަންގަވައި އެ ފައިސާ ބޭނުންކުރައްވައިގެން މަނީ ލޯންޑާ ކުރެއްވި ކަމުގެ ކުށް ރައީސް ޔާމީންގެ ސާބިތުވެފައިވާތީ އެމަނިކުފާނު މިވަގުތު ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ. ރައީސް ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމް، މަތީ ކޯޓަކުން ބާތިލް ނުކުރާނަމަ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވާދައެއް ނުކުރެއްވޭނެ އެވެ.