ފިނިޕޭޖް

ކެވިން ކޮސްޓްނާގެ އަންހެނުން ވަރިވަނީ

"ޔެލޯސްޓޯން"ގެ ތަރި ކެވިން ކޮސްޓްނާގެ އަންހެނުން ކްރިސްޓީން ބޯމްގާޓްނާ، 18 އަހަރުގެ ކައިވެންޏަކަށްފަހު ވަރިވާން އެދިއްޖެ އެވެ.

ކެވިންގެ ގާތް މީހަކި ބުނި ގޮތުގައި ކެވިންގެ ބާރުގެ ދަށުގައި ނުވާ ކަންތައްތަކަކާ ގުޅިގެން ކައިވެނި ރޫޅާލަން ޖެހިފައިވާ ކަމަށެވެ. ހިތްދަތި މިވަގުތުގައި ކެވިން، ކްރިސްޓީން އަދި މި ދެމަފިރިންގެ ކުދިންގެ ޕްރައިވަސީއަށް އިހްތިރާމްކުރުމަށް ވެސް އެދުނެވެ.

މިދިޔަ ނޮވެމްބަރު މަހު ޕީޕަލް.ކޮމްއާ ވާހަކަ ދައްކަމުން ކެވިން ވަނީ ކްރިސްޓީންއަށް ތައުރީފް ކޮށްފަ އެވެ. އެގޮތުން ގޭތެރެ ބެލެހެއްޓުމުގައި ކްރިސްޓީން ލޯބިން ކުރާ ކުދިކުދި ކަންކަމުގެ ސަބަބުން ގެ ރީތިވެ، ފުރިހަމަވާ ކަމަށް ބުނެ ތައުރީފްކޮށްފައިވެ އެވެ. ކްރިސްޓީން އަކީ "ކެޓް ބޭގް ކުޓުއާ" ހޭންޑްބޭގް ޑިޒައިންނަރެކެވެ.

ކެވިން 68، އާއި ކްރިސްޓީން 49، ހަ އަހަރު ޑޭޓްކުރުމަށްފަހު ކައިވެނިކޮށްފައިވަނީ 2004ގެ ސެޕްޓެމްބަރު މަހު އެވެ.

މި ކައިވެންޏަށް ދެ ފިރިހެން ކުދިން ކަމަށްވާ ކޭޑަން، 15، ހޭޒް، 14، އަދި އަންހެން ކުއްޖެއް ކަމަށްވާ ގްރޭސް، 12، ލިބިފައިވެ އެވެ.

ކެވިންގެ ކުރީގެ ގުޅުންތަކަށް ހަތަރު ކުދިން ލިބިފައިވެ އެވެ. ކެވިން ކުރިން ކައިވެނިކޮށްފައިވަނީ ސިންޑީ ސިލްވާ އާއެވެ. 16 އަހަރަށްފަހު މި ކައިވެނި ރޫޅުނީ 1994 ގައެވެ.