( 3 މެއި 2023 އާ ގުޅޭ )
އިރުއޮއްސުނު ވަގުތެވެ. ސިޓިންރޫމު ސޯފާގައި އަހަރެން އިނީ އެކަންޏެވެ. ހުޅުވާފައި ހުރި ޓީވީއިން މަޣްރިބު ނަމާދަށް ގޮވައިނިމި ބަންގި ދުޢާ އިވެމުންދިޔައެވެ. ފޯނު އަތަށް ލައިގެން އިނދެފައި އަހަރެން ކޮޓަރި ބަރިއާ ދިމާއަށް ބަލާލީމެވެ. އަދި ފޯނުގެ އިސްކުރީނުން ފެންނަން އިން "އޯޝަން ޕެރެޑައިސް" ނަންބަރަށް ގުޅައިފީމެވެ. މަޑުމަޑުން ފޯނު ގެނެސް ކަންފަތުގައި ޖައްސާލީމެވެ. ދެފަހަރަކު ރިންގުވެލާއިރަށް ހެލޯއޭ ބުނެ ކޯލަށް ޖަވާބު ދިނީ ފިރިހެނެކެވެ. ހެލޯއޭ ބުނެވެސް ނުލާ އޯޝަން ޕެރެޑައިސް ގެސްޓްހައުސްތޯ އަހަރެން އެހީ ޔަގީން ކުރާށެވެ. އެ ފިރިހެން މީހާ އާނއެކޭ ބުންޏެވެ. ހިތްހަމަޖެހުމުގެ ނޭވާއެއް އަހަންނަށް ދޫކޮށްލެވުނެވެ. އެއަށްފަހު ހަމަޖެހިގެން ވާހަކަދެއްކީމެވެ. ގެސްޓްހައުސް އިން ކޮޓަރިއެއް ބުކްކުރަން ބޭނުންވެގެންކަން ގުޅީ ބުނީމެވެ. އަދި ކޮޓަރި ބޭނުންވަނީ އެއް މަސް ދުވަހުގެ މުއްދަތަކަށްކަން ވެސް ބުނީމެވެ.
"އާނިޔާ." އަހަރެން ވާހަކަދައްކާ ނިމުމުން ފޯނުގެ އަނެއްކޮޅުން ވާހަކަދެއްކި ފިރިހެން މީހާ އަހަރެންގެ ނަމުން ގޮވާލިއެވެ. އަހަރެންގެ ނަން ކިޔުމުން ފުރަތަމަ އަހަރެން ހައިރާންވީއެވެ. ދެން ހިތަށް އައީ ފަޒީލުގެ ނަމެވެ. އަހަންނަށް ގެސްޓްހައުސްގެ ނަންބަރު ދިނީ ވެސް އޭނާ އެވެ.
"ކާކު." އެއީ ކާކުކަން ޔަގީނާ ގާތަށް އެނގޭއިރު ވެސް އަހަރެން އަހާލީމެވެ. އެއާއެކު އިވިގެން ދިޔަ ހުނުމަކީ ފަޒީލުގެ ހުނުންކަން ދެނަގަންނަން އަހަރެންނަށް ވަގުތުން އެނގުނެވެ.
"ފޯނުން އަހަރެންގެ އަޑު ވަކިކުރަން ނޭނގޭހާ ތަފާތުތަ؟. ފަޒީލޭ މީ." ފަޒީލު ބުނެލިއެވެ.
"އޭގެ މާނައަކީ އަހަންނަށް ގުޅިފަ މިހުރީ ގެސްޓްހައުސްއަކާ ނޫނޭތަ؟." ފަޒީލާ ވާހަކަދެއްކުމުގެ ޝައުގެއްނެތްކަން ހާމަވާނޭހެން އަހަރެން އަހާލީމެވެ.
"އާނިޔާ ތިބޭނުންވާ ކަންތައް އަހަންނަށް ކޮށްދެވިދާނެ. އެހެންވީމަ ގުޅިފައި ތިހުރީ ރަނގަޅު ފަރާތާ. އެކަމަކު އަހަރެން ހީކުރީ ޒަފަރު ބިޓުމެން ގޭގައި ކަމަށް އާނިޔާ ހުންނަނީ. ކިހިނެއްވީ ކޮޓަރިއެއް ތިހޯދަނީ. އެގޭގައި ނުހުރެވުނީތަ؟." ފަޒީލު ސުވާލުކުރިއެވެ.
"އެހެނެއްނޫން. އަހަރެން މިކޮޅަށް އައީ ވެސް ތަނެއް ހިފައިގެން ވަކިން ހުންނަން ވިސްނައިގެން. އެކަމަކު ކުރީބައިގައި ހަމަނުޖައްސާ މިކޮޅަށް އާދެވުނީމަ ތަނެއް ލިބޭގޮތް ނުވީ. އެހެންވެ މިގޭގައި މަޑުކުރަން ޖެހުނީ. ފަޒީލުގެ ގެސްޓްހައުސްއެއްތަ އެއީ." އަހަރެން ބުނީމެވެ.
"އަހަރެންގެ ޚިއްޞާ ވެސް އޮވޭ. ކޮންއިރަކަށް ރޫމު ބޭނުންވަނީ." ފަޒީލު ބުންޏެވެ.
"ވީހާ ވެސް އަވަހަކަށް... މީ... މިރެޔަށް ހަމަނުޖެހޭނެތަ؟." އަހަރެން ބުނީމެވެ.
"މިރޭ އެކޮޅަށްދާން ތަންކޮޅެއް ދަތި. މާދަމާ ހެނދުނުން އާނިޔާ ބަލާދިޔައްޔާ ލަސްވާނެތަ؟." އިރުކޮޅަކަށް މަޑުޖެހިލާފައި ފަޒީލު އަހާލިއެވެ.
"މޯނިންގ އޯކޭ. އެކަމަކު ކިހާއިރަކު؟ އޭރުން ދޯ ރެޑީވެގެން ހުރެވޭނީ." އަހަރެން ބުނީމެވެ.
"އަށެއް ޖަހާކަންހާއިރު އޯކޭތަ. ހޭލާތަ އުޅޭނީ. ނޫނީ ނުވަޔަކަށް ލަސްކޮށްލަންވީތަ." އެ ނިންމުން ފަޒީލު އަހަންނަށް ދޫކޮށްލީކަން އެނގެއެވެ.
"ލަސްކުރާނެކަމެއްނެތް. އެއިޓް އޯކޭ. އަހަރެން ރެޑީވެގެން ހުންނާނަން." ފަޒީލުއަށް އަހަރެން ޖަވާބު ދިނީމެވެ.
ގެސްޓްހައުސް އިން ކޮޓަރިއެއް ހަމަޖެހޭނެކަމާއި ފަޒީލު އަހަރެން ބަލާ އަންނާނޭކަމުގެ ޔަގީންކަން ދިނުމުން ފޯނުކޯލު ކުރުކޮށްލީ އަހަރެންނެވެ. އަހަރެން އެ ނަންބަރަށް ގުޅީ ފަޒީލުގެ ނަންބަރަށް ވެދާނެކަމަކަށް ނޫނެވެ. ނަންބަރު އަހަންނަށް ދިންއިރު ފަޒީލުގެ ޢަމަލުތަކުން ވެސް ހީވީ ފޯނުން ގެސްޓްހައުސްގެ ނަންބަރު ހޯދާފައި އަހަންނަށް ކިޔާދިން ހެނެވެ. ކޮންމެ ގޮތެއްވިޔަސް އަހަރެން ގުޅި މަޤްޞަދު ހާޞިލުވުމުން އޭނާއާ އަމިއްލަ ވާހަކައެއް ދައްކަން ފުރުޞަތުދޭން ބޭނުންނުވީއެވެ. ނަސީބަކުން ފަޒީލު ވެސް މިފަހަރު އަނގަ ގަދައެއް ނުކުރިއެވެ. ފޯނުކޯލު ނިންމާލާފައި އިރުކޮޅަކު ފޯނު ހިފަހައްޓާލައިގެން ސިޓިންރޫމު ސޯފާގައި އަހަރެން އިނީ މި ޚަބަރު އިތޫއަށް ދޭނޭ ގޮތަކާމެދު ވިސްނާލާށެވެ. އެ ގޭގައި ހުރެވޭނެކަމަށް އޭނާ ބުނެފައިވަނިކޮށް އަހަރެން އަމިއްލައަށް ތަނެއް ހޯދައިގެން ދާން ނިންމީމައި އިތޫ ހިތްހަމަނުޖެހުން ފާޅުކުރާނޭކަން އެނގެއެވެ. އަހަރެން ހުއްޓުވަން އޭނާ މަސައްކަތް ވެސް ކުރާނެއެވެ. އެކަމަކު މި ނިންމުމަކީ އިތޫއަށް ވެސް ރަނގަޅަކަށް އަހަރެން ނިންމި ނިންމުމެކެވެ. އަހަރެންގެ ފަރާތުން މީހަކަށް އުނދަގުލެއްވާކަށް ނޭދެމެވެ. އެއީ އަހަރެންގެ ޠަބީޢަތުގައި ވެސް ހަރުލާފައި ހުރި ސިފައެކެވެ. އަހަންނަކީ ކަންކަން އެކަނި ކުރާން ބޭނުންވާ މީހެކެވެ.
"އެކަނިތަ. ކޮބާ އިތޫ." ކޮޓަރިން ނުކުތް ސީރަތަށް އަހަރެން އެކަނި އިންތަން ފެނި ސުވާލުކޮށްލިއެވެ. އޭނާ ހުރީ ނަމާދު ދޮޅީގައެވެ. އަތުގައި ފެން ހުސްކުރި ބިއްލޫރި ފުޅިއެއް އޮތެވެ. އޭނާ އެ ނުކުތީ ފެންފުޅިއެއް ބަލައި ބަދިގެއަށް ދާންކަން އަހަރެންނަށް އެނގުނީ އެހެންވެއެވެ.
"ފޯނެއްކޮށްލީ." އަހަރެން އެކަނި އިން ސަބަބު އެވަރުން ސީރަތަށް ދޭހަވާނޭ ހީކުރީމެވެ.
ސީރަތު އިތުރު ސުވާލެއް ނުކޮށް ހިނގައްޖެއެވެ. އަހަރެން ވެސް އައިސް އިތޫގެ ކޮޓަރިއަށް ވަންނަން ދޮރު ހުޅުވާލީމެވެ. އިތޫ ވެސް ހުރީ ނަމާދަށެވެ. އޭނާ ނަމާދަށް ހުއްޓާ ވަންނަން ބޭނުންނުވީއެވެ. ތެދަށް ބުނަންޏާ ކޮޓަރިއަށް ވަދެ އިންނަން އަހަންނަށް ނުކެރުނީއެވެ. އެންމެން ނަމާދުކުރާތަން ފެންނައިރު ވެސް އަހަރެން ނަމާދުނުކޮށް އިންނަންވީމާ ހިތަށް އެހެންކަހަލަގެ އުނދަގުލެއްވީއެވެ. ރަށަށް އަންނަން ފޮށްޓަށް އެއްޗެހި އެޅިއިރު ނަމާދުގެ މަތިން ހަނދާނެއް ވެސް ނެތެވެ. ކޮންމެ ތާކު ހުއްޓެއްކަމަކު ކުރަންޖެހޭނެ ކަމެއްކަން އަހަރެންނަށް ނޭނގެނީއެއްނޫނެވެ. ނަމާދަށް ފަރުވާކުޑަވުމަކީ އަހަރެންގެ ހުރި ބަލިކަށިކަމެކެވެ.
އަލުން ސިޓިންރޫމަށް އައިސް ސޯފާގައި އަހަރެން އިނީމެވެ. މަޣްރިބު ކޮށްލައިގެން އިތޫ ކޮޓަރިން ނުކުމެގެން އައެވެ. ކޮޓަރިއަށް އައިންތޯ އަހަންނާ އޭނާ ސުވާލުކޮށްލިއެވެ. އަހަރެން ބޯޖަހާލާފައި އިތޫ ކައިރީ އިށީންނަން އަންނަން އެދުނީމެވެ. އަހަރެންގެ ވައަތް ފަރާތުގައި އެކަކަށް އިށީނދެވޭނެހެން ހުރި ސޯފާގޮނޑީގައި އިތޫ އިށީނެވެ.
"އަހަންނަށް ރޫމެއް ލިބިއްޖެ." އިތޫގެ މޫނުން އޭނާގެ ޝުޢޫރުތައް ދެނަގަންނަން އަހަރެން މަސައްކަތް ކުރީމެވެ. ކޮޓަރިއެއް ހަމަޖެހުނީ ކޮންތާކުންކަން ފުރަތަމަ ނުބުނީ ވެސް އިހަށް އިތޫގެ ފަރާތުން އަންނަނީ ކޮންކަހަލަގެ ޖަވާބެއްތޯ އެނގެން ބޭނުންވާތީއެވެ.
"ކޮންތާކުން؟... ކިހިނެއް އާނަ ހޯދީ." އިތުމީނާ ހައިރާންކަމާއެކު ސުވާލުކުރިއެވެ.
"ފަޒީލާ ދިމާވީމަ. އޭނާ ހެލްޕްވީ." އަހަރެން ބުނީމެވެ.
"ކޮފީގައި ތި ދެ މީހުން ތުންގުޅާލައިގެން ތިބީ އެކަމުގައި ދޯ." އިތޫ ބުންޏެވެ. އަހަރެން އެއްބަސްވަމުން ބޯޖަހާލީއެވެ.
"އަހަރެން ބުނީމެންނު އާނަ މަޑުކުރިޔަސް އަހަންނަށް އޯކޭއޭ. އެހެންނޫނަސް އެ ގެސްޓްހައުސްއަށް އާނަ ދާން އަހަރެން އެހާ ހިތްހަމައެއް ނުޖެހޭ." އިތޫގެ މޫނުން ފާޅުވީ ކުރީން އަހަރެން ނުދެކޭ އަސަރެކެވެ.
"އެތަން މާ ދުރުވީމަތަ؟. އެހާ މީހުން އެހިސާބުގައި ނޫޅޭތީ ދޯ. އަހަރެން އެކޮޅަށް ދާނީ ނިދާލަން. ދުވާލުގެ ވަގުތުތައް އިތޫއާއެކު އުޅޭނީ. އަނެއްކާ ޒަފަރުގެ ފްރެންޑެއްގެ ތަނެއްނު އެއީ." ވީހާ ވެސް "ޕޮޒިޓިވްކޮށް" އަހަރެން ވާހަކަދެއްކީމެވެ. ނަމަވެސް އިތޫގެ މޫނުމަތިން ފެންނަ ހާސްކަމުގެ އަސަރެއް ނުފިލިއެވެ.
"ދޮންބެދައްތަ ބުނީ އެތަނޭ ކިޔައިގެން ރަށުތެރޭގައި ވަރަށް ފާޑުފާޑުގެ ވާހަކަތަކަށް ދައްކައޭ. އަނެއްކާ މިދިޔަ އަހަރު އެތަނުގައި ވަރަށް ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައި މުޅިތަން އަޅިޔައްނުވެ ހުރިކަން... ދޮންބެދައްތަ ބުނީ ރަށު މީހުން ކިޔާގޮތުން އެވެސް އާދައިގެ ރޯވުމެއްނޫނޯ." އިތޫ އެ ވާހަކަތަށް ދެއްކީ ގަޔާނުވެ އިނދެއެވެ. އަހަރެން ބިރުގަންނަވަން އޭނާ އެކަހަލަ ވާހަކައެއް ނުދައްކާނެކަން އެނގެއެވެ.
"އިތޫއަށް ކިހިނެއް ހީވަނީ. އެ ވާހަކަތައް ހަމަ ތެދަކަށްވެދާނެތަ؟." އަހަރެންނަށް އެ ވާހަކަތަކާމެދު ދެކެންވީގޮތެއް ނޭނގުނީއެވެ. ތުންތުންމަތިން ދެކެވޭ ވާހަކަތަކުގައި ހަޤީޤަތް ހިމެނޭނީ ކިހާ ވަރަކަށްކަމެއް ނޭނގޭނެއެވެ. ރަނގަޅަށް ބަލައިފިނަމަ އެކަމުގައި އެއްވެސް ހަޤީޤަތެއް ނެތި ވެސް ހިނގައިދާނެއެވެ.
"ޔަގީންކޮށް ބުނާކަށް ނޭނގޭ. އަހަރެން ވެސް މިފަހަރު އަލަށް އަޑުއެހީ. އަހަންނަށް އެނގެނީ މި ރަށުގައި އެފެންވަރަށް ހަދާފައި ހުރި ތަނެއް ނެތްކަން." އިތޫ ވިސްނަން އިނދެފައި ބޯހޫރާލައި ވާހަކަދެއްކިއެވެ.
"އެހެންވީރު އެކަހަލަ ހަޤީޤަތް ނޭނގޭ ވާހަކަތަކާމެދު ނުވިސްނުން އެންމެ ރަނގަޅުވާނީ. އިތޫ... ތީ ވަރަށް ރަނގަޅު ރަޙުމަތްތެރިއެއް. އަހަރެން މި ރަށުން ފުރުމުގެ ކުރީން ތީނައާއި ޒަފަރުގެ ކައިވެނި ދުށުމަށް އެދެން. އަނެއްކާ ރަށަށް އިތޫ އައީ ވީހާ ވެސް އަވަހަކަށް ޒަފަރުއާ މެރީކުރާން ނިންމައިގެންނު. އެކަހަލަ ޕްލޭންތައް ފަސްކުރާކަށް ނުވާނެ. ޒަފަރުގެ މިޒާޖު ވަރަށް ކަމުދޭ. ވަރަށް ނައިސް މީހެއް. އެހެންވީމަ ކައިވެނި ލަސްނުކޮށް އެކަން އަވަހަށް ނިންމަން އުޅޭ." އަހަރެން ވާހަކައިގައި އިނދެ ހިނިތުންވެލީމެވެ.
"ތީ ވެސް ވަރަށް ރަނގަޅު ވަރަށް ކެއަރިން ރަޙުމަތްތެރިއެއް. ނުބުންޏަސް އަހަރެންނަށް އެނގޭ އާނަ ރޫމެއް ތިހޯދީ ކީއްވެކަން. އެނބުރި މާލެ ދާއިރު އަހަރެން ބޭނުމީ އާނަ ވަރަށް ހިތްހަމަޖެހިގެން ހުރެ ދާން. އަދި ވަރަށް އަވަހަށް އާނަގެ ހަޔާތަށް ތިކަހަލަ ރަނގަޅު ހެޔޮލަފާ ބައިވެރިއަކު އަންނަން." ފަހު ޖުމްލައާއެކު އިތޫ ހީނލިއެވެ.
"މީހާ ފެންނައިރު ނިތްކުރީގައި ލިޔެފައި އޮންނަނަމަ ދޯ މީ ކަލޭގެ ސޯލްމޭޓޭ. އޭރުން ހާދަ ވަގުތެކޭ އެ ސަލާމަތްވީ. ހަޔާތުން ދުވަސްތަކެއް ބޭކާރުވެގެން ނުދާނެ." ރިހުމާއި ސަމާސާ އެކުލެވޭ ރާގެއްގައި އަހަރެން ބުނީމެވެ.
"އާނަގެ ސޯލްމޭޓާ އިރާދަކުރެއްވިއްޔާ ދިމާވާނެ. ކިހިނެއް އެނގެނީ މިރަށުގައި ނޫންކަމެއް އެ މީހަކު ހުރީ." އިތުމީނާގެ ހިނިތުންވުން އިހުނަށްވުރެ ފުޅާވެލިއެވެ.
"ދެޓްސް ނޮޓް ފޮސިބަލް." އަހަރެން ކައިރިޔަށް ވެސް މިފަހަރު ހިނިއައެވެ.
"މައިދައިތަ ބުނެފިއޯ އަހަރެން ރަށަށް އައިސްފައި އެގެއަށް ދެން އަންނަނީ ކޮންއިރަކުންހޯ. އެހެންވީމަ މާދަމާ އެބަޖެހޭ އެގެއަށް ޖައްސާލަން. އެއް ދުވަހުން އާނަ ވާނެ އަހަންނާއެކު އެގެއަށްދާން. ޒަފަރުގެ ހުންނާނެ އަންހެން ކޮއްކޮއެއް. ޒުހާ ކިޔާނީ. އަދި ހަ މަސް އެވީ ނަރުސްކަން ކިޔަވައިގެން މިކޮޅު ހޮސްޕިޓަލަށް ޖޮއިންކުރިތާ. އާނައަށްވުރެ އެއް އަހަރު ކުޑަވާނީ. އެވެސް އަހަރެމެން ގުރޫޕަށް ވައްދަން ރަނގަޅު މީހެއް. ޒަފަރުހެން ނިކަން މީހުންނާ ގުޅޭނެ. އެމީހުންގެ އެ ހުންނަނީ އެމީހުން މަންމަގެ ގޮތް. ނިކަން ހެޔޮ ކޫލް މައިޓެއް މަށަށް ލިބިފައި ހުރީ. އަލްޙަމްދުލިއްﷲ." ޒަފަރުގެ ޢާއިލާގެ ވާހަކަތައް އިތޫ ދެއްކިއެވެ.
އިޝާ ނަމާދުކޮށްގެން ވާހިދު ދޮންބެ ގެއަށް އައިއިރު ވެސް އަހަންނާއި އިތޫ ތިބީ ސިޓިންރޫމުގައެވެ. އަހަރެމެންނާ ވާހަކަދައްކާލަން ސިޓިންރޫމުގައި ވާހިދު ދޮންބެ މަޑުކޮށްލިއެވެ. މާދަމާ މެންދުރު އިތޫގެ ބައްޕައާއި ކުޑަބެ ރަށަށް އަންނަކަމުގެ ޚަބަރު ދިނެވެ.
"އާތިފާ ވަރަށް ރުޅިއައިސްފަ ހުރީ. ކޮއްކޮ ގުޅާ ވެސް ނުލިޔޯ އެހެންވެ ނާންނަން އެ ހުރީ. ޒާހިރައްތަމެންގެއަށް ދިޔަ ވާހަކަ ސީމާ ގޮސް އާތިފާ ކައިރީ ކިޔޯ. އެގެއަށް ދެވުނުއިރު ކޮއްކޮއަށް އާތިފާމެންގެއަކަށް ނާދެވުނޯ. ނިކަން ޝައްކުވާ ދޮންބެ ކައިރީ ކޮށްފި އިނގޭ." ވާހިދު ހިނިއައިސްފައި އިނދެ ކިޔާދިނެވެ.
"އަޅެ ސޮރީ. ދޮންތައަށް ނުގުޅާކަށްނޫން. މިކޮޅަށް އަންނަން ހުރިހާކަމެއް ހަމަޖެހުނީމާ ވެސް ދޮންތަ ކައިރީ ގުޅާފައި ކިޔާދިނިން. ބުނިން އަހަންނަށް ނުގުޅުނަސް އަންނައްޗޭ. ތިވީ ގޮތުން މިރޭ އެގެއަށް ދާނަން. އާނަ ދާންވާނެ އަހަންނާއެކީ." އިތޫ ބުންޏެވެ.
އިތޫގެ ޢާއިލާގައި އޭނާއާ އެއްބަނޑު އެއްބަފާ ތިބެނީ ތިންބެއިންނެވެ. ދޮށްޓަށް ދެ ފިރިހެން ކުދީންނާއި ހަގަށް ދެ އަންހެންކުދީންނެވެ. ވާހިދާއި ޖެހިގެން ހުންނަނީ ހޫދުއެވެ. އޭނާއާ ޖެހިގެން އިތޫގެ ބޮޑަށް ހުންނަނީ އާތިފާއެވެ. އިތޫގެ ވާހަކައިން އަހަންނަށް އެނގުނީ އާތިފާ އުޅެނީ ފިރިމީހާގެ ޢާއިލާއާއެކީ ކަމެވެ.
ރޭގަނޑުގެ ކެއުމަށްފަހު އިތޫއާއެކު އޭނާގެ ދައްތަމެންގެއަށްދާން އަހަރެމެން ނުކުތީމެވެ. އިރުއޮއްސުނު އިރު ހަދަމުންދިޔަ ވިލާގަނޑުން ދެންމެދެންމެ ފެން އޮއްސާލަފާނޭހެން ހީވެއެވެ. ފަޒާގައިވަނީ ތެތްފިނިކަމެވެ. ތާރުނާޅާ މަގެއްވީމައި ހެދިފައި ހުރި ފެންވަޅުގަނޑުތައް ނުހިނދު ހުއްޓެވެ. މަގުގައި ބޮކިދަނޑި ޖަހާފައި ހުއްޓެއްކަމަކު މަގުތަކުގައިވަނީ ފަނޑުއަލިކަމެކެވެ. ދެވޭ ނުދެވޭއެއް އަހަންނަށް އެނގެނީއެއްނޫނެވެ. އިތޫ ދާ ދިމާއަކަށް އޭނާއާއެކު ހުރެ އަހަރެން ވެސް ހިނގަމުން އައީއެވެ. ހިމޭންކަމުގެ ސަރަޙައްދަކަށްފަހު ބަޔަކު އުޅޭކަމުގެ ހިލަންވާންފެށީ ފުދޭ ވަރަކަށް ހިނގިފަހުންނެވެ. ގޭ ބޭރުގައި ޖޯލިފަތިތައް ގިނައެވެ. އެ ޖޯލިތަކުގައި ވާހަކައިގައި މީހުންތިއްބެވެ.
"އިތުމީނާ... އޭތް. އިތުމީނާތަ ތީ." ޖޯލީގައި ތިބި ގުރޫޕެއްގެ ތެރެއިން އަންހެނަކު ގޮވާލި އަޑު އިވުނެވެ. އިތުމީނާ އެމީހުންގެ ކައިރިޔަށް އައެވެ.
"ކޮބާ... މަބުނީމެންނު އޭނައޭ. ކޮންއިރަކު ރަށަށް އައީ. ތިދަނީ އާތިފާމެންގެއަށްތަ؟." ޖޯލީގައި އިން ޒުވާން އަންހެނަކު ވާހަކަދެއްކިއެވެ.
"ދީމާގެ ތުއި އަޑަކުން އެނގުނު. ރޭގަ މިކޮޅަށް އައި. މިދަނީ ދޮންތަކައިރިއަށް ވަދެލަން." އިތުމީނާ ހިނިއައިސްފައި ވާހަކަދެއްކި ގޮތުން އެއީ އޭނާ ދަންނަބައެއްކަން އަހަރެންނަށް ވެސް އެނގުނެވެ. އެމީހުން އަހަރެންނަށް ބަލާލިއެވެ. ރަށުން ނުފެންނަ ކުއްޖެކޭ އެމީހުން ބުނެލިއެވެ. އެއާއެކު އިތުމީނާ އަހަރެންގެ ކުރުގެ ތަޢާރަފެއް ދީފިއެވެ. ޗުއްޓީއަށް އޭނާއާއެކު އެ ރަށަށް އައިސް ހުރި ގާތް ރަޙުމަތްތެރިއެކޭ ބުނަމުންނެވެ. އެމީހުންނާ އަނގަތަޅުވަން އިރުކޮޅު އިތުމީނާ ހުއްޓެވެ. އަހަރެން ހުރީ ފޫހިވެފައެވެ. އެމީހުންގެ ވާހަކައިގައި އަހަރެން ބައިވެރިއެއް ނުކުރިއެވެ. އެމީހުންގެ އަމިއްލަ ވާހަކަތައްވީމާ ކަންނޭނގެއެވެ.
މަގުގެ ދެފަރާތަށް އަހަރެން ބަލާލީމެވެ. އެހާ ފުޅާ މަގެއް ނޫނެވެ. އަހަރެމެން މަޑުކޮށްލައިގެން ތިބި ޖޯލިފައްޗާ ދިމާއަށް ގޭތެރެއިން ހައްދާފައި ހުރި ބޯގަންވިލާ ގަހުގެ ބޮޑުބައެއް ފާރުމަތިން އެލިފައި އޮތެވެ. ދުވާލުގެ ވަގުތު އެ ގަހުގެ ހިޔަލުން ޖޯލިފަތި ފޮރުވޭނެކަން ގައިމެވެ. އަހަންނަށް މޫނު އަނބުރާލެވުނީ ނޭފަތުގައި ޖެހުނު ވަހުންނެވެ. ހިތަށް އެރިއެވެ. އެ ގޭގައި ހުވަނދުމާ ގަހެއް ހުރީބާއެވެ. ދުވީ ހުވަނދުމާ ވަހެވެ. ނޭފަތް ދެތިންފަހަރަށް އެތެރެއަށް ދަމާލެވުނެވެ. ކުއްލިއަކަށް ހަނދާންވީ މާލޭގައި މަންމަ މާފެން ހަދަން ބަދިގޭގައި ބަހައްޓާފައި ހުންނަ ހަނދާނެވެ. ހުވަނދުމަލުގެ ސަޔަކީ މަންމައަށް މާ މީރު އެއްޗެކެވެ. އެ ޚިޔާލުގައި ހުއްޓައި އަހަރެން ވެސް ދިޔައީ ސިއްސައިގެންނެވެ. ލޮލުގެ ހިމަކޮޅުން ކަޅު ހިޔަންޏެއް ފުންމައިގަތްތަން ފެނުނެވެ. މުޅި ހިސާބުގައި ބާރު ހަޅޭކެއްގެ އަޑު ފެތުރިއްޖެއެވެ. ޖޯލިފަތީގައި ތިބި އެންމެން ފުންމައިގަނެ ދުރަށް ދުއްވައިގަތެވެ. އިތޫ ވެސް އަހަރެންގެ އަތުގައި ހިފިގޮތަށް ދުއްވައިގަތީއެވެ. އަހަރެން ފަސްއެނބުރި ބަލާލި ވަގުތު ޖޯލިފަތި ދަށުން ދިއްލިފައިވި ދެ ލޯ ނޫން އެއްޗެއް ނުފެނުނެވެ.
(ނުނިމޭ)