އެސްޓީއޯ

އެސްޓީއޯގެ ހުސްވެފައިވާ ޑިރެކްޓަރު ކަމަށް ހަތަރު ބޭފުޅުން

އެސްޓީއޯގެ އާންމު ހިއްސާދާރު ކަމަށް ހުޅުވާލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެ މަގާމަށް އިންތިހާބު ކުރުމަށް ގާބިލްކަމަށް ޑިރެކްޓަރުންގެ ބޯޑުން ފާސްކުރެއްވި ބޭފުޅުންގެ މައުލޫމާތު ހާމަކޮށްފި އެވެ.

ސަރުކާރު ހިއްސާވާ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އެސްޓީއޯގެ އާންމު ހިއްސާދާރު ކަމަށް ހުޅުވާލީ މިހާރު އެ މަގާމުގައި ހުންނެވި ވ. ޝެހެނާޒްމަންޒިލް، އަބްދުﷲ ސައީދުގެ ދައުރު ހަމަވާތީ އެވެ. އޭނާ ވަނީ އާ ދައުރަކަށް ކުރިމަތިވެސް ލައްވާފަ އެވެ.

އެސްޓީއޯގެ ހުސްވެފައިވާ ޑިރެކްޓަރު ކަމަށް މިދިޔަ މަހުގެ އެއްވަނަ ދުވަހު ހުޅުވާލި ފުރުސަތު މިދިޔަ މަހުގެ 24 ވަނަ ދުވަހު ހަމަވިއިރު ފަސް ބޭފުޅަކު ކުރިމަތިލެއްވި އެވެ. އެކަމަކު އިންޓަވިއުއަށް ހާޒިރުވީ ހަތަރު ބޭފުޅުންނެވެ.

އެސްޓީއޯ އިން ބުނީ 2023 - 2024 ވަނަ އަހަރަށް ހޮވާ ޑިރެކްޓަރު ކަމަށް ނަން ހުށަހަޅުއްވާ އަދި އިންޓަވިއުއަށް ހާޒިރުވި ހަތަރު ބޭފުޅުންނަކީ ވެސް މިމަގާމަށް އިންތިހާބު ކުރުމަށް ގާބިލް ބޭފުޅުން ކަމަށް ބޯޑުން ނިންމާފައިވާ ކަމަށެވެ.

ހުސްވެފައިވާ ޑިރެކްޓަރު ކަމަށް އިންތިހާބު ކުރުމަށް ގާބިލްކަމަށް ޑިރެކްޓަރުންގެ ބޯޑުން ފާސްކުރެއްވި ބޭފުޅުންނަކީ ވ. ޝެހެނާޒްމަންޒިލް، އަބްދުﷲ ސައީދުގެ އިތުރުން މ. މެއިންޒް، ފާތިމަތު ޒުބްނާ އަދުނާނާއި، މއ. ޓިޔުލިޕްވިލާ، މުހައްމަދު އަހްސަން ސަލީމު އަދި ހ. ރީނދޫކޮކާ، އައިޝަތު ހުސައިން މަނިކު އެވެ.

މި ހަތަރު ބޭފުޅުންގެ ތެރެއިން ބޭފުޅަކު ޑިރެކްޓަރު ކަމަށް ހޮވާނީ ކުރިއަށް އޮތް އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުން ވޯޓުލައިގެންނެވެ.