ބޭންކް އޮފް މޯލްޑިވްސް

އެމެރިކަން އެކްސްޕްރެސް ކާޑު ގެންގުޅޭ މީހުންނަށް ހާއްސަ ކެމްޕޭނެއް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެމެރިކަން އެކްސްޕްރެސް ގުޅިގެން "އެކްސްޕީރިއަންސް މޯލްޑިވްސް" ޑެސްޓިނޭޝަން ކެމްޕޭން އިފްތިތާހުކޮށްފި އެވެ.

މި ކެމްޕޭންގެ އަމާޒަކީ އެމެރިކަން އެކްސްޕްރެސް ކާޑު މެންބަރުންނަށް ތަފާތު ތަޖުރިބާތަކެއް ކޮށްލުމުގެ ފުރުސަތު ހޯދައިދިނުމެވެ.

އެއްއަހަރުގެ މުއްދަތަކަށް ދެމިގެންދާ މި ކެމްޕޭން، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ (އެމްއެމްޕީއާރްސީ)، ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އަދި މިނިސްޓްރީ އޮފް ޓޫރިޒަމް އިން ވަނީ އެންޑޯޒްކޮށްފަ އެވެ. \

މި ކެމްޕޭން އިފްތިތާހު ކޮށްދެއްވީ މިކަމަށް ހާއްސަކޮށް ކުރުނބާ މޯލްޑިވްސް ގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ނައިބް ރައީސް ފައިސަލް ނަސީމު އެވެ.

"އެކްސްޕީރިއަންސް މޯލްޑިވްސް" މެދުވެރިކޮށް އެމެރިކަން އެކްސްޕްރެސް ކާޑު މެންބަރުންނަށް ހާއްސަ އޮފާ ތަކެއް ރާއްޖޭގެ ރިސޯޓްތަކާއި، ގެސްޓް ހައުސްތަކުން ލިބޭއިރު، އެކިއެކި ވިޔަފާރިތަކުން ހާއްސަ ޑިސްކައުންޓްވެސް ލިބިގެންދާނެ އެވެ.

ރާއްޖޭގައި ޗުއްޓީ ހޭދަކުރާ މީހުންނަށް 10-25 ޕަސަންޓާ ހަމައަށް ސްޕާ/އެކްޓިވިޓީ ޑިސްކައުންޓް ލިބޭއިރު، އެއްވެސް ހަރަދަކާ ނުލައި ހުރުމުގެ ފުރުސަތުތަކާއި، ރެސްޓޯރަންޓްތަކުން ބޮޑެތި ޑިސްކައުންޓްގެ އިތުރުން މުވާސަލާތީ ހިދުމަތްދޭ ފަރާތްތަކުން ހިލޭ ޑޭޓާ ލިބުން ފަދަ ގިނަ ފުރުސަތުތަކެއް އެމެކްސް ކާޑު މެންބަރުންނަށް ލިބެ އެވެ.

މިކެމްޕޭނާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ މިއަހަރުގެ ފުރަތަމަ ހަތަރު މަހުގެ ތެރޭގައި ބައި މިލިއަން ފަތުރުވެރިންނަށް ރާއްޖެ އައިސްފައިވާއިރު މިއަހަރަށް ކަނޑައަޅާފައިވާ 1.8 މިލިއަން ފަތުރުވެރިންގެ އަމާޒަށް ވާސިލްވުމަށް ރާއްޖޭގެ ގައުމީ ބޭންކުގެ ހައިސިއްޔަތުން އެހީތެރިކަން ފޯރުކޮށްދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"އެމެރިކަން އެކްސްޕްރެސްއާ ގުޅިގެން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ އެމެރިކަން އެކްސްޕްރެސް ކާޑު މެންބަރުންނަށް ފަތުރުވެރިކަމުގެ މަންޒިލެއް ގޮތުގައި ދިވެހިރާއްޖެ ޕްރޮމޯޓް ކުރުމަކީވެސް އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. މި ކެމްޕޭންގައި ގިނަގުނަ ފުރުސަތުތަކާއެކު ބައިވެރިވި ޕްރޮޕަޓީސްތަކާއި މާޗެންޓުންނަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރަން،" ކާލް ވިދާޅުވި އެވެ.

މި ޕާޓްނާޝިޕްއާ ގުޅޭގޮތުން ވިދްޔާ ޖައިން، ވައިސް ޕްރެސިޑެންޓް އެންޑް ޖެނެރަލް މެނޭޖަރ، ގްލޯބަލް ނެޓްވޯކް ސަރވިސަސް، އޭޝިއާ އެންޑް ސައުތު ޕެސިފިކް ގްރޯތު މާކެޓްސް، އެމެރިކަން އެކްސްޕްރެސް ވިދާޅުވީ ރާއްޖެ އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ޕްރީމިއަމް އަދި މުއްސަނދި ފަތުރުވެރިންގެ މެދުގައި އަބަދުވެސް ވަރަށް މަގުބޫލު ފަތުރުވެރިކަމުގެ މަންޒިލެއް ކަމަށެވެ.

"އެކްސްޕީރިއެންސް މޯލްޑިވްސް ކެމްޕޭންގެ އެހީގައި މި ހިތްގައިމު މަންޒިލަށް އިތުރު ޝައުގުވެރިކަމެއް ގެނުވައި ރާއްޖޭގެ އިގްތިސާދާއި ފަތުރުވެރިކަމުގެ ދާއިރާއަށް މިކަމުގެ ސަބަބުން އެހީތެރިކަމެއް ލިބިގެންދާނެ. އަޅުގަނޑުމެންގެ ދުވަސްވީ ޕާޓްނަރު، ބޭންކް އޮފް މޯލްޑިވްސް އާއެކު އެމެރިކަން އެކްސްޕްރެސް ކާޑު މެންބަރުންނަށް، އެކްސްޕީރިއަންސް މޯލްޑިވްސްގެ ކެމްޕޭނަކާއެކު ތަފާތު ތަޖުރިބާތަކެއް ގެނެސްދެވޭ ކަމީ އަޅުގަނޑުމެން އުފަލާއެކު ފާހަގަކުރާ ކަމެއް،" ވިދްޔާ ވިދާޅުވި އެވެ.

އެމެރިކަން އެކްސްޕްރެސް އަކީ ޕްރޮޑަކްޓތަކާއި ތަޖުރިބާއާ އެކު ކަސްޓަމަރުންގެ ދިރިއުޅުމަށް ހެޔޮ ބަދަލު ގެނުވާ، ކާމިޔާބު ވިޔަފާރިއެއް ބިނާކުރުމަށް އެހީވެދޭ ގްލޯބަލް އިންޓަގްރޭޓެޑް ޕޭމަންޓް ކޮމްޕެނީ އެކެވެ. ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގައި އެމެރިކަން އެކްސްޕްރެސް ކާޑު ދޫކޮށް، އެމެކްސް ކާޑުތަކުން ޕޭމަންޓް ބަލައިގަންނަ ހަމައެކަނި ބޭންކެވެ.