ދުނިޔެ

ޒެލެންސްކީ އެހެރީ ނައްތާލަން ޖެހިފަ: ވެޑްވެދޭފްް

ޔުކްރޭންގެ ރައިސް ލަޑިމިއާ ޒެލެންސްކީ ޖިސްމާނީ ގޮތުން ނައްތާލަން ޖެހޭ ކަމަށް ރަޝިއާގެ ކުރީގެ ރައީސް ދިމިތުރީ ވެޑްވެދޭފް ވިދާޅުވެއްޖެ އެވެ.

ރަޝިއާގެ ރިޔާސީ ގަނޑުވަރު ކްރެމްލިންއަށް ރޭގަނޑު ދަންވަރު ދެ ޑްރޯނަކުން ހަމަލާދިނުމުގެ ފަހަތުގައި ވަނީ ޔުކްރޭން ސަރުކާރު ކަމަށް ވިދާޅުވެ މެޑްވެދޭފް ވިދާޅުވީ ޒެލެންސްކީގެ ސަރުކާރު ވެސް ނައްތާލަން ޖެހޭ ކަމަށެވެ.

ދިމިތުރީ މެޑްވެދޭފް ވިދާޅުވި ގޮތުގައި ރަޝިއާއަށް މިހާރު އޮތް ގޮތަކީ ޒެލެންސްކީ އަމާންދެއްވާތޯ ބެލުމެއް ނޫނެވެ.

އޭނާ ހުންނެވި ތަނެއްގައި ހުންނަވަނިކޮށް ނައްތާލުމަށް ވުރެ ބޮލަށް ފަސޭހަ ގޮތެއް ދެން ނެތް ކަމަށް މެޑްވެދޭފް ވިދާޅުވި އެވެ.

ޔުކްރޭނުން މިހާރު ހިންގަނީ ޓެރަރިސްޓް ހަރަކާތްތަކެއް ކަމަށްވެސް މެޑްވެދޭފް ވިދާޅުވި އެވެ. ރަޝިއާގެ ކެފޭ ހޮޓާތަކަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާތައް ދިނުމާއި ރިޔާސީ ގަނޑުވަރަށް ޓެރަރިސްޓް ހަމަލާ ދިނުމަކީ އެ ތަންތަނުގައި ދިރިއުޅޭ ބަޔަކު މެރުމަށް ގަސްދުގައި ދުރާލާ ރާވައިގެން ހިންގާ ޖަރީމާތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރިޔާސީ ގަނޑުވަރަށް ހަމަލާދިނީ ރަޝިއާގައި ފާހަގަކުރާ ވިކްޓަރީ ޑޭއަށް ތައްޔާރުވަމުން ދަނިކޮށެވެ.

މި ހަފުލާއަށް ބޭރުގެ މެހެމާނުން ވެސް ރަޝިއާއަށް ވަޑައިގަންނަވާނެ އެވެ. އަދި ބޮޑެތި މަގުތަކުގަ އާއި މައިދާންތަކުގައި ރަސްމީ ޕެރޭޑް ވެސް އޮންނާނެ އެވެ.

ކްރެމްލިންއަށް ދިން ޑްރޯން ހަމަލާގައި އެ އިމާރާތަށް އަދި އެހެން ތަނަކަށް ވެސް ބޮޑު ގެއްލުމެއް ނުލިބެ އެވެ. ގެއްލުމެއް ލިބުމުގެ ކުރިން ޑްރޯން ވަނީ ގަނޑުވަރާ ދިމާ މަތިން، ވައިގެ ތެރެއަށް ގޮއްވާލަފަ އެވެ.

ރިޔާސީ ގަަނޑުވަރުގެ ތަރުޖަމާން ދިމިތުރީ ޕެސްކޯފް ވިދާޅުވި ގޮތުގައި ކްރެމްލިންއަށް ހަމަލާ އަމާޒުވިއިރު ޕޫޓިން ގަނޑުވަރުގައި ނޫޅުއްވަ އެވެ.

ޕޫޓިން އެއިރު ވަޑައިގެން އުޅުއްވި ކަމަށް ތަރުޖަމާން ވިދާޅުވީ މޮސްކޯގެ އެހެން ސަރަހައްދެއްގައި ރައީސްއަށް ޚާއްސަކޮށްފައި ހުންނަ ގަނޑުވަރެއްގަ އެވެ.

މި ހަމަލާއަށްފަހު ޚިޔާލުފާޅުކުރި މީހުން ދެކޭ ގޮތުގައި -- ހަމަލާ ރޭވުމުގައި ޔުކްރޭންގެ އަތެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. އެހެން ނަމަވެސް، ހަމަލާދިނުމުގައި ސީދާ ހަރަކާތްތެރިވެފައި ވަނީ ނޭޓޯ އާއި އެމެރިކާގެ ސީއައިއޭގެ އޭޖެންޓުން ކަމަށް ވަނީ ބުނެފަ އެވެ.

ޕޫޓިން އަވަހާރަކޮށްލައި ރަޝިއާގެ ވެރިކަން ބަދަލުކުރުމަކީ ހުޅަނގުން ވަރަށް ބޮޑަށް ބޭނުންވާ ކަމެއް ކަމަށް ވަރަށް ގިނަ މީހުން ބުނެ އެވެ.