ބްރެޒިލްގެ ކުރީގެ ރައީސް ޖައިރް ބޮލްސޮނާރޯ ދިރިއުޅުއްވާ ގެއަށް ފުލުހުން ވަދެ ފާސްކޮށްފި އެވެ.
އެއީ ކޮރޯނާ ވައިރަހާ ގުޅުންހުރި ލިޔުންތަކެއް އޭނާގެ އަމުރަށް އޮޅުވާލާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ހެކި ހޯދުމަށެވެ.
ބޮލްސޮނާރޯ އަމާޒަކަށް ހަދައިގެން ދައުލަތުން ހިންގާ މި ތަހުގީގައި ފުލުހުން ހެކި ހޯދަނީ އޭނާ މިދާކަށް ދުވަހު އެމެރިކާއަށް ކުރެއްވި ދަތުރުގައި ބޭނުންކުރެއްވި ކޮވިޑް ސެޓިފިކެޓްތަކަކީ އޮޅުވާލައިގެން ހަދާފައި ހުރި ވަގު ލިޔުންތަކެއްތޯ ބެލުމަށެވެ.
ޚަބަރުތައް ބުނާ ގޮތުން ބޮލްސޮނާރޯ ވަނީ އޭނާގެ އާއިލާގެ ބައެއް މެމްބަރުން އަދި ގާތް އެޑްވައިޒަރުންގެ ކޮވިޑް ސެޓިފިކެޓްތައް އޮޅުވާލާފަ އެވެ.
ބޮލްސޮނަރޯގެ ގެ ބަލައި ފާސްކުރުމަށް ފަހު ފުލުހުން ވަނީ އޭނާގެ ފޯނު ވެސް ހިފަހައްޓާފަ އެވެ.
މި ތަހުގީގާ ގުޅިގެން ބްރެޒިލްގެ ނޫސް އޭޖެންސީ، އޭޖެންސިއާ ބްރެސިލްއާ ވާހަކަދައްކަވަމުން ބޮލްސޮނޯރާ ވިދާޅުވީ އޭނާ ކޮވިޑް ވެކްސިން ޖެއްސެވި ކަމަށް ވިދާޅު ނުވާ ކަމަށެވެ. އަދި އެމެރިކާއަށް އެތެރެވިއިރު ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެއްވެސް ސުވާލެއް ނުކުރާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ ވެކްސިން ސެޓްފިކެޓް އޮޅުވާލުމަށް ޒަރޫރަތެއް ޖެހިވަޑައިގެންފައި ނުވާ ކަމަށެވެ. އެކަމުގައި އެއްވެސް އޮޅުވާލުމެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.
ފުލުހުން ހިންގާ މި އޮޕަރޭޝަންގައި ބްރެޒިލްގެ ވެރިރަށް ބްރެސީލިއާ އާއި ރިއޯ ޑީ ޖެނީރޯގައި އިމާރާތްތައް ފާސްކުރާނެ އެވެ. ފުލުހުން ވަނީ ހަ މީހަކު ހައްޔަރުކޮށް 16 ތަނެއް ހޯދާ ބެލުމަށް ކޯޓު އަމުރު ހޯދާފަ އެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި ބޮލްސޮނާރޯގެ ކުރީގެ އެޑްވައިޒަރު ލިއުޓަނަންޓް ކާނަލް މައުރޯ ވެސް ހިމެނެ އެވެ.
ތަހުގީގަށް އެނގިފައިވާ ގޮތުގައި ކޮވިޑް ލިޔުންތައް އޮޅުވާލުމުގައި މަކަރާއި ހީލަތް އެންމެ ބޮޑަށް ހަދާފައިވަނީ 2021 ވަނަ އަހަރުގެ ނޮވެމްބަރާއި 2022 ވަނަ އަހަރުގެ ޑިސެމްބަރާ ދެމެދު އެވެ.
އެހެންކަމުން މިއީ ވެސް ބޮލްސޮނާރޯ ޖަވާބުދެއްވަން ޖެހިވަޑައިގަންނަވާނެ މައްސަލަ އެކެވެ.
ބްރެޒިލްގައި ކޮވިޑް ފެތުރިގަތް ދުވަސްވަރު ބޮލްސޮނާރޯ ދެއްކެވި ވާހަކަތަކުގެ ސަބަބުން ސިއްހީ އިދާރާތަކުން ނުރުހުން ފާޅުކުރި އެވެ. އަދި އޭނާގެ ބަހަށް ގިނަ ބަޔަކު ހެއްލި ކޮވިޑަކީ ގައިންގަޔަށް އަރާ ބައްޔެއް ނޫން ކަމަށް ގަބޫލުކުރި އެވެ.
އާންމުން މިފަދައިން ކަންކުރުމުން -- ސިއްހާ އިދާރާތަކުން އަޅާފައި ހުރި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް މީހުންގެ އިތުބާރު ގެއްލުނެވެ.
ބޮލްސޮނާރޯއާ ބެހޭ ގޮތުން މިފަދަ މައްސަލައެއް ތަހުގީގުކުރަމުން ދާއިރު، ބްރެޒިލްގެ މިހާރުގެ ރައީސް ލޫލާއާ ބެހޭ ގޮތުން ސައްހަ ނޫން ވާހަކަތަކެއް ދެއްކެވި މައްސަލަ ވެސް އޭނާގެ މައްޗަށް އެބަ އޮތެވެ.