ފައިސަލް ނަސީމް

ބީއެމްއެލްގެ ހިދުމަތްތަކަށް ނައިބްރައީސްގެ ތައުރީފް

ރާއްޖޭގެ އިގްތިސާދާއި ޓޫރިޒަމް ކުރިއަރުވާ ތަރައްގީކުރުމުގައި ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހިދުމަތްތައް ފާހަގަކުރައްވާ ބީއެމްއެލްގެ ހިދުމަތްތަކަށް ނައިބް ރައީސް ފައިސަލް ނަސީމު ތައުރީފް ކުރައްވައިފި އެވެ.

ބީއެމްއެލްގެ ހިދުމަތްތައް ނައިބް ރައީސް ތައުރީފް ކުރެއްވީ ބެންކް އޮފް މޯލްޑިވްސް އަދި އެމެރިކަން އެކްސްޕްރެސް ގުޅިގެން، ކުރިއަށްގެންދާ ތިންވަނަ "އެކްސްޕީރިއަންސް މޯލްޑިވްސް" ކެމްޕޭން ފެށުމަށް ރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

ނައިބް ރައީސް ވިދާޅުވީ ރާއްޖެއަކީ ފަތުވެރިކަމުގެ މަތީފަންތީގެ މަންޒިލެއްގެ ގޮތުގައި މާކެޓްކުރުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް މުހިއްމު ދައުރެއް އަދާކޮށްފައިވާ ކަމަށެވެ. ބީއެމްއެލް އާއި އެމެރިކަން އެކްސްޕްރެސް ގުޅިގެން ކުރިއަށް ގެންދާ ކެމްޕޭންގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމާ އިގްތިސާދު ބާރަށް ކުރިއަށް ދިއުމަށް މަގުފަހިގެންދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމުގައިވެސް ވިދާޅުވި އެވެ.

ރާއްޖެއަކީ ފަތުރުވެރިކަމުގައި ދުނިޔޭގައި ނަން މަޝްހޫރު އަދި ދުނިޔެމަތީގެ ސުވަރުގެ ގޮތުގައި ސިފަކުރައްވައި ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ރާއްޖެއިން އަދާކުރާ ފުރިހަމަ މެހުމާންދާރީ ކަމުގައި ނައިބް ރައީސް ވިދާޅުވި އެވެ. އަދި ރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު އެއް މަންޒިލަށް ވެގެންދިއުމުގެ މައިގަނޑު އެއް ސަބަބަކީ ފަތުރުވެރިންނާ މެދު ބަހައްޓާ ގާތް ރަހްމަތްތެރިކަމާ އަދާކުރާ މެހުމާންދާރީކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"އަޅުގަނޑު އުއްމީދު ކުރަނީ އެކްސްޕީރިއަންސް މޯލްޑިވްސް ކެމްޕޭންގެ ސަބަބުން އަދި މިހާރަށް ވުރެ އިތުރު މީހުންނަށްވެސް ދިވެހިރާއްޖެ ތަޖުރިބާކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް،" ނައިބް ރައީސް ވިދާޅުވި އެވެ.

ރާއްޖެއަށް މިއަހަރު ފަތުރުވެރިން ޒިޔާރަތްކުރަމުންދާ ގޮތުގެ ތަފާސްހިސާބުތައް ހިއްސާކުރައްވަމުން ނައިބް ރައީސް ވިދާޅުވީ މިއަހަރުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި ބައިލައްކަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރުމަކީ ރިކޯޑް އަދަދެއް ކަމަށެވެ. ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު އެއީ 12.6 އިންސައްތައިގެ ކުރިއެރުމެއް ކަންވެސް ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ ކޮވިޑުގެ އާލަމީ ވަބާގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއާއަށް ލިބުނު ބޮޑެތި ގެއްލުންތަކުން އަރައިގަނެވި ފަތުރުވެރިކަން ކުރިއެކޭ އެއްގޮތަށް އަލުން އިއާދަވުމުގައި، ކޮވިޑުގެ ބަލިމަޑުކަމާއި ގުޅިގެން ސަރުކާރުން އެޅުއްވި ހަރުދަނާ ފިޔަވަޅުތައް އަދާކުރި މުހިއްމު ދައުރުވެސް ފާހަގަކުރައްވާފަ އެވެ.

ނައިބް ރައީސްގެ ވާހަކަފުޅުގައި އެކްސްޕީރިއަންސް މޯލްޑިވްސް ކެމްޕޭނަކީ ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ މުހިއްމު މަސައްކަތެއްގެ އިތުރުން ދުނިޔޭގެ އެތައްހާސް ބައެއްގެ ސަމާލުކަން ރާއްޖެއަށް ލިބިގެންދާނެ ކަމެއް ކަމުގައި ވިދާޅުވި އެވެ.

"ބޭންކް އޮފް މޯލްޑިވްސްއާ އެމެރިކަން އެކްސްޕްރެސް ގުޅިގެން ކުރެވޭ މި އީޖާދީ މަސައްކަތުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން އެކި ގިންތިތަކަށް ވާސިލުވެ، ފަތުރުވެރިކަން އާ ހަރުފަތަކަށް ގެންދެވޭނެ ކަމަށް އަޅުގަނޑު ޔަގީންކުރަން،" ފައިސަލް ވިދާޅުވި އެވެ.

ނައިބް ރައީސް ވިދާޅުވީ 100 މިލިއަން މީހުންނާ ހަމައަށް ވާސިލުވުމަށް އަމާޒުހިފައިގެން ކުރިއަށް ގެންދާ މިކެމްޕޭން، އެދެވޭ މިންވަރެއްގެ ގިނަ ބަޔަކާ ހަމައަށް ވާސިލްވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

ފައިސަލްގެ ވާހަކަފުޅުގައި ރިޒޯޓްތަކާއި ގެސްޓްހައުސްތަކާއި އަދި ގެސްޓްހޮޓާ ފަދަ ތަންތަން ހިމެނޭ ގޮތަށް، މިއަހަރު މި ކެމްޕޭންގައި ބައިވެރިވާ 40 ވިޔަފާރިއަކަށް މި ކެމްޕޭނާ އެކު އެކު ފަހި ކަންތައްތަކެއް ވެގެންދާނެ ކަމަށް ފާހަގަކުރެއްވި އެވެ.