ހއ. ދިއްދޫ ފަރަށް އެރި އެމްއެމް އެކްސްޕޯޓްގެ ޓަގު ފުންކޮށްފި އެވެ.
މުތާ ޕްރިންސަސް ނަމަކަށް ކިޔާ ޓަގު ބޯޓު ދިއްދޫ ފަރަށް އެރީ މިދިޔަ ހޯމަ ދުވަހު އެވެ. ޓަގު ފުންކުރީ އިއްޔެ ދިއްދޫއަށް ދިޔަ އެހެން ޓަގެއްގައި ކަފް ޖަހާ ދަމައިގެން ރޭ ދަންވަރުގެ ވަގުތެއްގަ އެވެ.
ޓަގު ބޯޓާ އެކު ހިލަބަރުކޮށްގެން ދިއްދޫއަށް ދިޔަ ބާޖެއް ވެސް ފަރަށް އެރި އެވެ. ނަމަވެސް ބާޖު ފަރަށް އެރިތާ މާގިނައިރެއް ނުވެ ފުންކުރި އެވެ.
ޓަގު ފަރަށް އެރުމާ ގުޅިގެން ފަރަށް ލިބުނު ގެއްލުންތައް ބަލައި ފިޔަވަޅު އެޅުމަށް ދިއްދޫ ކައުންސިލުން ވަނީ އެންވަޔަރަންމަންޓް މިނިސްޓްރީ އާއި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަށް ހުށަހަޅާފަ އެވެ.
އެމްއެމް އެކްސްޕޯޓްގެ ބައެއް އިތުރު އުޅަނދުތައްވެސް މީގެކުރިން ފަރަށް އަރާފައިވެ އެވެ. އެގޮތުން "މުތާ ރޯޔަލް" އާއި "މުތާ ގްރޭސް" ކިޔާ ބާޖު 2015 ވަނަ އަހަރު ކ. ފުށިދިއްގަރު ފަރަށް އެރުމާ ގުޅިގެން ފަރަށް ލިބުނު ގެއްލުންތަކުގެ ސަބަބުން އެ ކުންފުނި 110 މިލިއަން ރުފިޔާ ދައްކަން އެންގި އެވެ. އޭގެފަހުން 2014 ގައި އެމްއެމް އެކްސްޕޯޓްގެ އިތުރު ޓަގެއް ފަރަށް އެރުމާ ގުޅިގެން 22 މިލިއަން ރުފިޔާ އިންވެސް ޖޫރިމަނާކުރި އެވެ. އެކަމަކު ފަހުން ވަނީ ޖޫރިމަނާގެ ފައިސާގެ އަދަދު 2.8 މިލިއަން ރުފިޔާ އަށް ކުޑަކޮށްފަ އެވެ.