ހއ. ދިއްދޫއަށް ރޭ އެރި ކޮޅިގަނޑެއްގައި ބައެއް ގެތަކުގެ ފުރާޅު އެއްލާލައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.
ދިއްދޫ ކައުންސިލުން މިއަދު ބުނީ ރޭ ކުރި ވިއްސާރައިގައި ރަށުގެ ފްލެޓް ސަރަހައްދުގެ ހަ ގެއަކަށް ރޯޅިއެއް އަރާފައިވާ ކަމަށެވެ.
މި ހާދިސާގައި ފުރާޅުތަކުގެ ޓިނުތައް އުކާލާފައިވާ ކަމަށާއި ގިނަ ފްލެޓްތަކަށް އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށްވެސް އެ ކައުންސިލުން ބުނެ އެވެ.
ދިއްދޫ ކައުންސިލުން ބުނި ގޮތުގައި ކޮޅިގަނޑު އައީ ރޭ 3:30 އާއި 4:00 އާ ދެމެދުގަ އެވެ.
ގެއްލުން ލިބުނު ގެތަކުގައި ދިރިއުޅޭ މީހުން އެހެން ގެތަކަށް ބަދަލުކޮށް ގެއްލުން ލިބުނު ގެތަކުގެ ފުރާޅު މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ދިއްދޫ ކައުންސިލުން ބުނެ އެވެ.