ދިރާގު

ހއ. ދިއްދޫގައި ދިރާގުން ގާލްސް ޓު ކޯޑް ޕްރޮގްރާމް ފަށައިފި

ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގެ ފަރާތުން އަންހެން ކުދިންނަށް ހާއްސަކޮށްގެން ކޯޑިން ދަސްކޮށް ދިނުމަށް ހިންގާ ސިލްސިލާ ޕްރޮގްރާމްގެ ތެރެއިން ގާލްސް ޓު ކޯޑްގެ ހއ. ދިއްދޫ އެޑިޝަން ފަށައިފި އެވެ.

އެޗްޓީއެމްއެލް، ސީއެސްއެސް އަދި ޖާވާސްކްރިޕްޓް ބޭނުންކޮށްގެން ކޯޑިން ހުނަރު ދަސްކޮށްދޭ މި ޕްރޮގްރާމަކީ އަންހެން ކުދިން ބާރުވެރިކުރުވުމުގެ މަގްސަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށް ދިރާގުން ބުނެ އެވެ.

މިފަހަރުގެ މި ޕްރޮގްރާމް މިމަހުގެ އަށް ވަނަ ދުވަހުން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގުން ބުނި ގޮތުގައި އުމުރުން 10 އަހަރާއި 13 އަހަރުގެ އަންހެން ކުދިންނަށް ހާއްސަކޮށްގެން ބާއްވާ މި ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ ޓެކްނޮލޮޖީ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް މި ދާއިރާއަށް ޝައުގުވެރިކުރުވުމެވެ.

މީގެ ކުރިން ކޯޑިންގެ ތަޖުރިބާއެއް ނެތް ބައިވެރިންނަށް މި ޕްރޮގްރާމް މެދުވެރިކޮށް އަމަލީގޮތުން ކޯޑް ކުރަން ދަސްކޮށް، ޕްރޮގްރާމް ނިމޭއިރު އާދައިގެ ވެބްސައިޓްތައް އުފައްދަންވެސް ދަސްވެގެންދާނެކަން ދިރާގުން ފާހަގަކުރެ އެވެ.

މި ޕްރޮގްރާމާ ގުޅޭ ގޮތުން ދިރާގުގެ މެނޭޖާ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ، ބިޝާރާ ހަމީދު ވިދާޅުވީ ޝާމިލު މުޖުތަމައުއެއް ބިނާކުރުމާއި އަންހެނުން ބާރުވެރިކުރުވުމަކީ ދިރާގުގެ ސީއެސްއާރު ޕްރޮގްރާމްގެ މައިގަނޑު އެއް އަމާޒު ކަމަށެވެ.

"އެގޮތުން ހއ. ދިއްދޫއަށް ހާއްސަކޮށްގެން ކުރިއަށްދާ މި އެޑިޝަންގެ އަމާޒަކީ އަންހެން ކުދިންނަށް ކޯޑިން ހުނަރު ދަސްކޮށްދީ، އަމިއްލަ ނަފްސަށް ކުރާ އިތުބާރު އިތުރުކުރުމަށް ހިތްވަރުދިނުން. އަޅުގަނޑުމެންގެ އުއްމީދަކީ އާ ޖީލެއްގެ އަންހެން ލީޑަރުންތަކެއް އުފެދި، ޓެކްނިލޮޖީގެ ސިނާއަތުގައި އަންހެނުންގެ ފުރިހަމަ ބައިވެރިވުން ފެނިގެންދިއުން،" ބިޝާރާ ހަމީދު ވިދާޅުވި އެވެ.

މި ޕްރޮގްރާމާއި ގުޅޭ ގޮތުން ވިމެން އިން ޓެކް މޯލްޑިވްސްގެ ރައީސާ މަރިޔަމް އަސްނާ ސައީދު ވިދާޅުވީ މި ޕްރޮގްރާމަކީ ހަމައެކަނި ކޯޑް ކުރަން ދަސްކޮށްދޭ ޕްރޮގްރާމެއް ނޫން ކަމަށެވެ.

"މި ޕްރޮގްރާމްގެ ޒަރިއްޔާއިން 21 ވަނަ ގަރުނަށް ބޭނުންވާ މުހިންމު ޑިޖިޓަލް ހުނަރުތައް ދަސްކޮށް، އުފެއްދުންތެރިކަން އިތުރުކޮށް އީޖާދުކުރުމަށް ބާރުވެރިކުރުވާނެ،" އަސްނާ ވިދާޅުވި އެވެ.

ގާލްސް ޓު ކޯޑަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރަހައްދީ ގޮތުން އަމާޒުކޮށްގެން ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ތައާރަފްކުރި ސިލްސިލާ ޕްރޮގްރާމެކެވެ.

ގާލްސް ޓު ކޯޑް ދިއްދޫ އަކީ މި ސީރީޒްގެ ފަސް ވަނަ ޕްރޮގްރާމެވެ. މީގެ ކުރިން މި ޕްރޮގްރާމް ވަނީ ފުވައްމުލައް، ތިނަދޫ، ކުޅުދުއްފުށި އަދި ލ. އަތޮޅުގައިވެސް ކާމިޔާބުކަމާ އެކު ކުރިއަށް ގެންގޮސްފަ އެވެ. އަދި މި ތައުލީމީ ޕްރޮގްރާމަކީ އެކި ސަރަހައްދުތަކުގައި ހޭލުންތެރިކަން އިތުރުކޮށް، 21 ވަނަ ގަރުނުގެ ޒަރޫރީ ހުނަރުތައް ހާސިލުކުރުމަށް ޒުވާން އަންހެން ކުދިންނަށް ހިތްވަރުދީ އެކަމުގެ ބިންގާ އެޅުމަށް މަގުފަހިކޮށްދޭ ޕްރޮގްރާމެކެވެ.