ދ. މީދޫ

30 މީހުންނާ އެކު ގެއްލުނު ލޯންޗް ހޯދައި ދ. މީދޫއަށް ގެންގޮސްފި

ދ. މީދޫ އަށް 30 މީހުންނާ އެކު ދަތުރުކުރަމުން ދަނިކޮށް ގެއްލުނު ލޯންޗް ހޯދައި ދ. މީދޫއަށް ގެންގޮސްފި އެވެ.

ލޯންޗް މިއަދު ހަވީރުގެ ވަގުތުގައި ގެއްލުނީ ފ. މަގޫދޫއާއި ދިމާއީ އެ އަތޮޅަށް ވަންނަން ދަތުރުކުރަނިކޮށް ފ. ފީއަލީއާ ހަތް ނޯޓިކަލް މޭލު ބޭރުންނެވެ.

ލޯންޗް ދަތުރުކުރަމުން ދަނިކޮށް ރާޅު އަރައި ދިޔަވާން ފެށުމުން ސިފައިންގެ ކޯސްޓްގާޑުގެ އެހީތެރިކަމަށް އެދިފައި ވަނިކޮށް ލޯންޗް ގެއްލުނީ މުއާސަލަތީ ހިދުމަތް ވަގުތުކޮޅަކަށް މެދުކެނޑުމުންނެވެ.

ލޯންޗް ހޯދައި އެމްއެންޑީއެފްގެ ހާބަ ކްރާފްޓް އުޅަނދުގެ އެހީތެރިކަމާއެކު މިރޭ އިރުއޮއްސުނު ވަގުތު އެ ލޯންޗް ވަނީ ދ. މީދޫއަށް ގޮސްފަ އެވެ.

އެމްއެންޑީއެފް އިން ބުނީ ލޯންޗްގައި ތިބި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށެވެ.

ރާއްޖެއަށް ހުޅަނގު މޫސުން ފެށި މިދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވާތީ ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވެގެން ދަތުރުކުރުމަށް ކަމާ ގުޅޭ އިދާރާތަކުން ގެންދަނީ އިލްތިމާސް ކުރަމުންނެވެ.