ދެކުނު ކޮރެއާ އާއި އެމެރިކާއާ ދެމެދު އަސްކަރީ ގޮތުން އެއްބާރުލާން ފެށިފަހުން މިހާތަނަށް ނުބާއްވާ ވަރުގެ އަސްކަރީ ފަރިތަކުރުންތަކެއް ބާއްވަނީ އެވެ. މި ފަރިތަކުރުން ތަކުގައި އަސްލު އުންޑަ އާއި ބާރުގަދަ ހަތިޔާރު ބޭނުންކުރާނެ އެވެ.
ދެކުނު ކޮރެއާގެ ދިފާއީ ވުޒާރާއާ ހަވާލާދީ އެ ގައުމުގެ ރަސްމީ ނޫސް އޭޖެންސީ ޔޮންހާޕުން ބުނި ގޮތުގައި މި ފަރިތަކުރުންތައް ބޭއްވޭނީ އެމެރިކާ އާއި ދެކުނު ކޮރެއާއާ ދެމެދު -- ދެމެހެއްޓިފައި އޮތް ގާތް ގުޅުމަށް 70 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުންނެވެ.
ދެކުނު ކޮރެއާގައި އަސްކަރިއްޔާއެއް ގާއިމުކުރެވުނު ފަހުން 75 އަހަރު ފުރުން ވެސް މި ފަަރިތަކުރުންތަކުގެ ތެރޭގައި ފާހަގަކުރާނެ ކަމަށް ނޫސް އޭޖެންސީން ބުނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މި ފަރިތަކުރުންތައް އޮންނާނީ މެއި 25 އާއި ޖޫން 15 އާ ދެމެދު އެވެ. ފަރިތަކުރުންތައް އޮންނާނީ ދެކުނު ކޮރެއާގެ ޖަޒީރާ ސިޓީއެއް ކަމަށްވާ ޕޯޗިއޮންގެ ސޯޖިން ފަޔާ ސްޓޭޝަންގަ އެވެ.
އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން ބާއްވާ މި ފަރިތަކުރުންތަކުގައި ޒަމާނީ ފައިޓަރު ޖެޓްތަކާއި ހެލިކޮޕްޓަރުތައް އަދި ޓޭންކްތައް ބޭނުންކުރާނެ އެވެ.
ދެކުނު ކޮރެއާ އާއި އެމެރިކާއާ ދެމެދު އަސްކަރީ ގޮތުން ގުޅުން ބަދަހިކުރީ އޮކްޓޯބަރު 1953 ގައެވެ. އެއީ މަޝްހޫރު ކޮރެއާ ހަނގުރާމަ ނިމުނުތާ ތިން މަސް ފަހެވެ.
އެމެރިކާއާ ގުޅިގެން ދެކުނު ކޮރެއާއިން ދަނީ އަސްކަރީ ފަރިތަކުރުންތައް ބާއްވަމުންނެވެ. އެއީ އުތުރު ކޮރެއާގެ ސަބަބުން ދެކުނު ކޮރެއާއަށް ކުރިމަތިވެދާނެ ނުރައްކަލުން ގައުމު ސަލާމަތްކުރުމަށް ސަމާލުވުމަށެވެ.
ދެކުނުން ބުނާ ގޮތުން އުތުރު ކޮރެއާގެ ނުރައްކާ، ކޮރެއާ ސަރަހައްދަށް ވަރަށް ބޮޑެވެ. އުތުރުގައި ނިއުކްލިއާ ބެލިސްޓިކް މިސައިލް ޓެސްޓްކުރުމާއި އަސްކަރީ ޖާސޫސީ ސެޓެލައިޓްތައް ފޮނުވުން ދެކުނު ކޮރެއާއަށް ވެފައި ވަނީ ބޮޑު ނުރައްކަލަކަށެވެ.
ދެކުނު ކޮރެއާ ގަބޫލުކުރާ ގޮތުގައި ކޮންމެ ދަނޑިވަޅެއްގައި ވެސް އުތުރުގެ ހަމަލާއެއް ދެކުނުގެ އަވަށަކަށް އަރާފާނެ އެވެ. އެހެންކަމުން ގައުމު ދިފާއުކުރުމަށް ހޭލާ ތިބުމަކީ އަސްކަރިއްޔާއަށް އޮތް ނުހަނު ބޮޑު ކަންބޮޑުވުމެކެވެ.