މުހައްމަދު މާޒިން

މާޒިންގެ ރަން މެޑަލް: ތާރީހީ ކާމިޔާބެއް

އިންޑިއަން އޯޕަން ޕެރަ އެތުލެޓިކްސްގެ އިންޓަނޭޝަނަލް ޗެމްޕިއަންޝިޕްގައި ރާއްޖޭ ތަމްސީލް ކުރި މުހައްމަދު މާޒިން ރަން މެޑަލް ހޯދައިފި އެވެ.

މާޒިން ރަން މެޑަލް ހޯދީ ޓީ 11 ކެޓަގަރީގެ 100 މީޓަރު ދުވުމުގައި 16.39 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ޕެރަ އެތުލެޓިކްސްގައި ރާއްޖެއަށް ފުރަތަމަ ރަން މެޑަލް މާޒިން ހޯދިއިރު އޭނާގެ ގައިޑެއްގެ ގޮތުގައި ހުރީ ހުސައިން ޝިފާޒު އެވެ.

އިންޑިއާގެ ބެންގަލޫރުގައި މިދިޔަ ހުކުރު ދުވަހު ފެށި އިންޑިއަން އޯޕަން ޕެރަ އެތުލެޓިކްސްގެ އިންޓަނޭޝަނަލް ޗެމްޕިއަންޝިޕް މިއަދު ނިމޭނެ އެވެ.

މާޒިން ވަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި 2019 ވަނަ އަހަރު ވާދަކޮށް އެ މުބާރާތުން ވެސް ލޯ މެޑަލް ހޯދާފަ އެވެ.

މާޒިންގެ މިހާރުގެ އެންމެ ބޮޑު އުއްމީދަކީ މިއަހަރު ބާއްވާ އައިއޯއައިޖީގައި ރާއްޖެއަށް އިތުރު މެޑަލްއެއް ހޯދައިދިނުމެވެ.

"އަޅުގަނޑު މިދަނީ މިއަހަރުގެ އައިއޯއައިޖީ މުބާރާތަށް ފަރިތަކޮށް، ތަމްރީންތައް ފުރިހަމަކުރަމުން. އިރާދަކުރެެއްވިއްޔާ މެޑަލްއެއް ހޯދުމުގެ
މަސައްކަތް ކާމިޔާބު ވާނެ،" މާޒިން އަށް އަވަސްއާ ވާހަކަ ދައްކަމުން ބުންޏެވެ.

މާޒިން ރަން މެޑަލް ހޯދި މުބާރާތަކީ ފްރާންސްގެ ޕެރިހުގައި މި އަހަރުގެ ޖުލައިގައި އޮންނަ ވޯލްޑް ޕެރަ އެތުލެޓިކްސް ޗެމްޕިއަންޝިޕާއި، ޗައިނާގެ ހަންގްޒޫގައި މިއަހަރުގެ އޮކްޓޫބަރު މަހު އޮންނަ އޭޝިއަން ޕެރަ ގޭމްސްގެ ކޮލިފައިން އަށް ޕޮއިންޓްވެސް ގުނާ މުބާރާތެކެވެ.