ސްޓެލްކޯ

ސްޓެލްކޯގެ އަވިކަތަ ޕްރޮގްރާމު: އާމްދަނީއެއް ހޯދައި ކަރަންޓް ބިލްވެސް ކުޑަކުރެވިދާނެ

ސޯލާ ޕެނަލް ސިސްޓަމް ހަރުކުރުމަށް ގޭގޭގެ ފުރާޅު ކުއްޔަށް ދޭން ބޭނުންވާ މީހުންނަށް ސްޓެލްކޯ އިން އެ ފުރުސަތު ހުޅުވާލައިފި އެވެ.

މިއީ ސްޓެލްކޯ އިން ކުރިއަށް އަވިން ހަކަތަ އުފައްދާ ޕްރޮގްރާމު -- އަވިކަތަ ޕްރޮގްރާމުގެ ދަށުން ކުރާ ކަމެކެވެ.

ގޭގޭގެ ފްރާޅުގައި ހަރުކުރާ ކޮންމެ އެއް ކިލޯވޮޓްގެ ސޯލާ އަކަށް މަހަކު 180.60 ރުފިޔާ ގޭގެ ވެރިފަރާތަށް ކުލީގެ ގޮތުގައި ސްޓެލްކޯ އިން ދޭނެ އެވެ. ސޯލާ ހަރުކުރުމާއި އެކަމަށް ހިނގާ ހަރަދު ކުރާނީ ސްޓެލްކޯ އިންނެވެ.

ސޯލާ ޕެނަލް ހަރުކުރަން ސްޓެލްކޯ އިން ކުއްޔަށް ނަގާނީ 100 އަކަފޫޓުގެ ހުސް ޖާގައެއް އޮންނަ އަދި 150 ކިލޯގެ ބަރުދަން އުފުލޭ ވަރު ހުންނަ ގޮތަށް ހަދާފައިވާ ފްރާޅުތަކެވެ. އަދި އެތަނަކީ އިރުގެ އަވި ލިބޭ ތަނަކަށް ވެފައި ސޯސަލް ޕެނަލް އަދި ކަމާ ގުޅޭ ވަސީލަތްތައް ހަރުކުރަން ފަސޭހަ ތަނަކަށްވެސް ވާންޖެހެ އެވެ.

ސްޓެލްކޯ އިން ބުނީ މާލެއާއި އަތޮޅު ތެރޭގައި އެ ކުންފުނިން ހިދުމަތް ދޭ ރަށްރަށުގައި އަވިކަތަ ޕްރޮގްރާމު ކުރިއަށް ގެންދާނެ ކަމަށެވެ. އެހެންކަމުން މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެ ކުންފުންޏަށް ގުޅައިގެން މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ކަމަށެވެ.

އަވިކަތަ ޕްރޮގްރާމަކީ ތެޔޮ ހަރަދު ކުޑަކޮށްގެންނާއި އިއާދަކުރަނިވި ހަކަތަ އަށް ހިތްވަރު ދިނުމަށް ސަރުކާރުން ކުރިއަށް ގެންދާ ނެޓް ޒީރޯ އަމާޒަށް ވާސިލްވުމުގެ ސިޔާސަތުގެ ދަށުން ސްޓެލްކޯ އިން ކުރާ ކަމެކެވެ.