- އަމީތާބުގެ އާއިލާ ތިބީ ރީތިރަށް ރިސޯޓުގައި
- އޭނާގެ ކެމެރާއަށް ރާއްޖޭގެ ރީތިކަން ފެނޭ
- ރާއްޖެ އައީ އަބީޝެކްގެ އުފަން ދުވަހަށް
ބޮލީވުޑްގެ ސުޕަ ސްޓާރު އަމީތާބު ބަޗަންގެ މުޅި ހާންދާނު މިވަގުތު ތިބީ ރާއްޖޭގަ އެވެ. މި އާއިލާ ރާއްޖޭގައި އުފާ ފާޅުކުރަމުންދާއިރު އަމީތާބު ވަނީ ވަރަށް ތަފާތުކަމެއް ކޮށްލާފަ އެވެ. މިއީ ފަހަރެއްގައި އިންޑިޔާ މީހުން ރުޅި އަންނަ ކަމަށް ވެސް ވެދާނެ އެވެ. ކޮންމެއަކަށް އަމީތާބު ވަނީ ފޮޓޯއެއް ނަގައި އޭނާގެ ޓުވިޓަރުގައި ތަތްކޮށްލާފަ އެވެ.
މި ފޮޓޯ އިން ފެންނަނީ މުޅިން ތަފާތު ދެ މަންޒަރެވެ. އެއް ފޮޓޯގައި ފެންނަނީ އިންޑިޔާގެ ވެރިރަށް ދިއްލީގެ ވައިގެ ސަރަހައްދެވެ. ތަޣައްޔަރުވެފައިވާ ދިއްލީ އެވެ. އަނެއް ފޮޓޯ އިން ފެންނަނީ ރާއްޖޭގެ ހިތްގައިމު ރިސޯޓެއްގެ ސުވިންޕޫލެވެ. ރާއްޖޭގެ ސާފު ކަމެވެ. ރީތި މިނިވަން ދިވެހި ރާއްޖެ ، ސާފު ދިވެހިރާއްޖެ އެވެ.
ރާއްޖޭގެ ފަސްތަރީގެ ރިސޯޓެއް ކަމަށްވާ ރީތިރަށް ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންދާ އަމީތާބާއެކު އަންހެނުން ޖާޔާ ބައްޗަން އާއި ދަރިފުޅު އަބީޝެކާއި އޭނާގެ އަންހެނުން އަދި މަޝްހޫރު ފިލްމީ ތަރި އައިޝްވަރިޔާ ރާއީ ގެ އިތުރުން އިންޑިޔާގެ ގިނަ ބައެއްގެ ލޯ އެމީހަކަށް އަމާޒުވެފައިވާ އަބީޝެކްގެ ހަތަރު އަހަރުގެ ދަރިފުޅު އާރާދިޔާ ވެސް ތިބީ ރާއްޖޭގަ އެވެ.
އިންޑިޔާގެ މީޑިޔާތަކުގައިވާ ގޮތުން އަމީތާބު ރާއްޖެ އައިސްފައި މިވަނީ އަބީޝެކްގެ އުފަން ދުވަސް ފާހަގަ ކުރާށެވެ.
ރާއްޖޭގެ ރިސޯޓެއްގައި މިވަގުތު ޗުއްޓީ ހޭދަކުރަމުން ގެންދާ އަމީތާބު މިއީ ރާއްޖެއަށް އައި ފުރަތަމަ ފަހަރެއް ނޫނެވެ. އޭނާ ވަނީ މީގެ ކުރިން ވެސް ރާއްޖޭގެ ރީތިކަން ހަމަ ލޮލުން ފެނިފަ އެވެ.