ބޮލީވުޑް

ޓެކުހަށް މަކަރު ހެދި މީހުންގެ ލިސްޓުގައި އަމީތާބް އާއި އައިޝްވާރިޔާ

Apr 5, 2016
2

ގައުމުން ބޭރުގައި ހުޅުވާފައިވާ ބޭންކް އެކައުންޓްތައް ބޭނުންކޮށްގެން، ލާރި ފޮރުވައި ހިޔާނާތާއި ފަސާދައިގެ ވަޅުގަނޑެއްގައި ފިލައި ތިބި ދުނިޔޭގެ ނަން މަޝްހޫރު ތަރިންނާއި، އެކި ގައުމުތަކުގެ އިސްވެރިން އަދި ކުރީގެ ލީޑަރުންތަކެއްގެ ބޮޑު ޖަރީމާ މިވަނީ ފަޅާއަރުވާލާފަ އެވެ.

އާންމުވި މިލިސްޓާއެކު މަޝްހޫރު އެތައް ބަޔަކު ޓެކުހަށް މަކަރު ހަދާފައިވާ ކަން ބޭޒަރުވުމާއެކު އާންމުންނަށް ވަނީ ބޮޑު ހައިރާންކަމެއް ލިބިފަ އެވެ.

"ޕެނަމާ ޕޭޕާސް"ގެ ނަމުގައި ލީކްކޮށްލާފައިވާ ފައިސާ ފޮރުވައި ޓެކްސް އަށް މަކަރުހަދަމުން ދިޔަ ލިސްޓުގައި ބޮލީވުޑްގެ އެންމެ މަގުބޫލު އެކްޓަރު، މެގަސްޓާ އަމީތާބް ބައްޗަން އާއި ދަނބިދަރިފުޅު އަދި ބަތަލާ އައިޝްވާރިޔާ ރާއީ ވެސް ބައިވެރިވެފައިވާ ކަން މިވަނީ ބޭޒާރުކޮށްލާފަ އެވެ.

ގާތްގަނޑަކަށް އަށް މަސްދުވަހުގެ އިންވެސްޓިގޭޝަން އަށްފަހު އެގާރަ މިލިއަނަށްވުރެން ގިނަ މިކަމާ ގުޅޭ ޑޮކިއުމަންޓްތައް ވަނީ ލީކުކޮށްލާފަ އެވެ.

މި ލިޔެކިޔުންތަކާ އެކު މޮސެކް ފޮންސެކާ އާއި އެމީހުންގެ ކްލައިންޓުންތައް ބޭޒާރުވެފައިވާއިރު، ބޭޒާރުވި މީހުންގެ ތެރޭގައި އިންޑިއާ އަށް ނިސްބަތްވާ 500 އެއްހާ މީހުން މިކަމުގައި ބައިވެރިވި ކަމަށްވެ އެވެ.

އަމީތާބު އާއި އައިޝްވާރިޔާ ވެސް ޕެނަމާގެ މި ލޯފާމްއާ ގުޅިގެން ފައިސާ ފޮރުވައި ވަގު މުއާމަލާތްތައް ކުރިއަށް ގެންގޮސްފައިވާއިރު، މިބޮޑު ކޮރަޕްޝަންގެ ތެރޭގައި އަމީތާބް އާއި އާއިޝްވާރިޔާ ހިމެނުމާއެކު މުޅި އިންޑިއާއަށް ވަނީ ބޮޑު ޝޮކެއް ލިބިފަ އެވެ.

އައިޝްވާރިޔާ އާއި އޭނާގެ ބައްޕަ ކްރިޝްނަ ރާއީ އާއި މަންމަ ވްރިންދާ ރާއީގެ އިތުރުން ބޭބެ، އަދިތްޔަ ރާއީ ވަނީ 2005 ވަނަ އަހަރު އެމިކް ޕާޓްނާސް ލިމިޓެޑް ކިޔާ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ގޮތުގައި ރަޖިސްޓަރީކޮށްފަ އެވެ. އަދި ފަހުން އައިޝްވާރިޔާ ވަނީ 2008 ވަނަ އަހަރު މިކުންފުނި އުވާލުމުގެ ކުރިން ކުންފުނީގެ ޝެއާހޯލްޑަރުގެ މަގާމަށް ބަދަލުވެފަ އެވެ.

އެހެނިހެން ގައުމުތަކުގައި ހިންގަމުން އަންނަ ޝިޕިން ކުންފުނީގެ ޑައިރެކްޓަރުގެ މަގާމުގައި އަމީތާބް ހުރިއިރު، މިހަތަރު ކުންފުނީގެ ތެރެއިން ތިން ކުންފުންޏެއް ހިންގަމުން އަންނަނީ ބަހާމާސްގަ އެވެ. އަދި އެއްކުންފުނި ބްރިޓިޝް ވާޖިން އައިލެންޑްސްގަ އެވެ. މިކުންފުނިތައް އުފައްދާފައިވާ ކަމަށް ބެލެވެނީ 1993ވަނަ އަހަރުން ފެށިގެންނެވެ.

މިހަތަރު ކުންފުނީގެ ހުއްދަދެވިފައިވާ ރައުސްމާލަކީ 5،000 ޑޮލަރާއި 50،000 ޑޮލަރާ ދެމެދުގެ ރޭންޖެކެވެ. ނަމަވެސް އަމީތާބްގެ ކުންފުނިން ވަނީ މިރޭންޖަށް ވުރެން އެތައް ގުނައެއް ބޮޑުކޮށް، ގަވާއިދާ ހިލާފަށް މިލިއަން ޑޮލަރުގެ ވިޔަފާރިކޮށްފަ އެވެ.

އަމީތާބް ޓެކުހަށް މަކަރު ހަދައި، ވަގު ވިޔަފާރިކުރި ކަމުގެ މައްސަލަ ފެންމަތިވިއިރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، އަމީތާބް އިންޑިއާގެ ރައީސްގެ މަގާމަށް ގެންނަ އުޅޭކަމުގެ އަޑުތަކެއް އަރާފައި ވަނިކޮށެެވެ.