ބޮލީވުޑްގެ މަޝްހޫރު ޖޯޑު ކަމަށްވާ އަބީޝެކް ބައްޗަން އާއި އަންހެނުން އައިޝްވާރިޔާ ރާއި މިފަހުން ވަނީ މުމްބައިގެ ޕްލަޝް ހިސާބަކުން އެޕާޓްމަންޓެއް ގަނެފަ އެވެ. އެއާއެކު އެ ދެތަރިން މިހާރު ދިރިއުޅެމުން އަންނަ އަމީތާބު ބައްޗަންގެ ޖަލްސާ ބަންގްލޯ ދޫކޮށް ވަކިން ދިރިއުޅެން ބަދަލުވާން އުޅޭ ކަމުގެ އަޑުތަކެއް އަރާފަ އެވެ.
ހަ އަހަރުގެ ދަރިފުޅު އާރަދްޔާ އާއެކު އަބީޝެކް އާއި އައިޝްވާރިޔާ މިފަހުން ގަތް އެޕާޓްމަޓަށް ބަދަލުވާން އުޅޭ ކަމުގެ ވާހަކަތައް ދެކެވިފައިވަނީ އައިޝްވާރިޔާ އާއި އޭނާގެ މައިދް ޖާޔާ ބައްޗަން އަދި ފަހަރި ޝްވެތާ ނަންދާގެ ގުޅުން ގޯސްވެފައިވާ ކަމުގެ ވާހަކަތަކެއް ދެކެވެމުން ދަނިކޮށެވެ.
މުމްބައިގެ އެންމެ މުއްސަނދިން ދިރިއުޅޭ ހިސާބަކުން އަގުބޮޑު ބޮޑު ފްލެޓެއް ގަތުމުން އަބީޝެކް އާއި އައިޝްވާރިޔާ، އަމީތާބްގެ ގެއިން ނިކުންނަ އުޅޭ ކަމުގެ ވާހަކަތައް ވަރަށް ގަދަޔަށް ދެކެވުނަސް އެ ދެތަރިންގެ ގާތް ފަރާތަކުން ވަނީ އެކަން ދޮގުކޮށްފަ އެވެ.
އަބީޝެކް އަކީ އޭނާގެ މައިންބަފައިން ދެކެ އިންތިހާ އަށް ލޯބިވާ ދަރިޔަކަށް ވާއިރު، އޭނާގެ މައިންބަފައިން ދޫކޮށް، ވަކިން ދިރިއުޅުމަކީ އޭނާ އެއްވެސް އިރެއްގައި ވިސްނި ކަމެއް ނޫނެވެ. އަދި މައިދަ އާއި ބަފައިގެ އާއެކު ދިރިއުޅުމުގައި އައިޝްވާރިޔާގެ ވެސް އެއްވެސް މައްސަލައެއް ނެތެވެ. ސަބަބަކީ ޖަލްސާ ބަންގްލޯގައި އޭނާ އާއި އަބީޝެކް ކައިވެނިކުރުމުގެ ކުރިން ވަނީ މައި އިމާރާތުގެ ތެރެއިން ވަދެވޭ ގޮތަށް ވަކިން ދިރިއުޅޭނެ ތަނެއް އިމާރާތް ކޮށްފަ އެވެ. އެހެންކަމުން އައިޝްވާރިޔާ ބޭނުންވާ ހުރިހާ މިނިވަންކަމެއް މިހާރު ވެސް އޭނާ އަށް އެ ގޭގައި ލިބެެ އެވެ.
އައިޝްވާރިޔާ އާއި ކައިވެނިކުރުމުގެ ކުރިން އަބީޝެކް ވަނީ ބަތަލާ ކަރިޝްމާ ކަޕޫރާ އެންގޭޖްވެފަ އެވެ. ނަމަވެސް ކައިވެނިކުރުމުގެ ދުވަސްކޮޅެއް ކުރިން އެ ގުޅުން ނިމުމަކަށް ގެނައީ ކައިވެންޏަށް ފަހު އާއިލާ އާއި ވަކިން ދިރިއުޅުން ކަރިޝްމާ ބޭނުންވުމުންނެވެ. އަދި އަބީޝެކް އައިޝްވާރިޔާ އާ ކައިވެނިކުރަން ނިންމީ އޭނާގެ މައިންބަފައިންނާ މެދު އައިޝްވާރިޔާ ބަހައްޓާ ގާތް ގުޅުމުގެ ސަބަބުންނެވެ.
އަބީޝެކް އާއި އައިޝްވާރިޔާ ވަނީ 2015 ވަނަ އަހަރު ވެސް މުމްބައިގެ މަޝްހޫރު ހިސާބަކުން ގެއެއް ގަނެފަ އެވެ. އަދި މި ފަހަރު ގަތް ގެއަކީ ވެސް ކުއްޔަށް ދީގެން އާމްދަނީ ހޯދުމަށް އެ ދެތަރިން ގަނެފައިވާ ގެއެއް ކަމަށް ހަބަރުތައް ބުނެ އެވެ. އަދި ޑުބާއީގަ ވެސް މި ދެތަރިންގެ ގެއެއް ހުރެ އެވެ.