ވާހަކަ

ގަހަނާ ފޮށި

( 4 މެއި 2023 އާ ގުޅޭ )

ލޮލުގެ ހިމަކޮޅުން ކަޅު ހިޔަންޏެއް ފުންމައިގަތްތަން ފެނުނެވެ. މުޅި ހިސާބުގައި ބާރު ހަޅޭކެއްގެ އަޑު ފެތުރިއްޖެއެވެ. ޖޯލިފަތީގައި ތިބި އެންމެން ފުންމައިގަނެ ދުރަށް ދުއްވައިގަތެވެ. އިތޫ ވެސް އަހަރެންގެ އަތުގައި ހިފިގޮތަށް ދުއްވައިގަތީއެވެ. އަހަރެން ފަސްއެނބުރި ބަލާލި ވަގުތު ޖޯލިފަތި ދަށުން ދިއްލިފައިވި ދެ ލޯ ނޫން އެއްޗެއް ނުފެނުނެވެ.

އިތޫގެ ދޮންތަމެން ގެއަށް އަހަރެމެން އައިސް ވަނީ ދުވަމުންނެވެ. އެހާ ދުރެއްގައި ނޫންކަން އަހަރެމެންނަށް ތިބެވުނީ އެނގުނީ އެހެންވެއެވެ. ދޮރޯށިން އަހަރެމެން ވަނުމާއެކު ގޭތެރެއިން ކޮންބައެއްހޭ އަންހެނަކު ގޮވާލި އަޑު އިވުނެވެ. އެ ގޭގައި އަހަރެން ޖެހުނީ ހިމޭންވެފައި އިންނާށެވެ. އަހަރެމެން ސިޓިންރޫމުގައި ތިބީއެވެ. ދަރިފުޅު ނިންދަވާފައި އިތޫގެ ދޮންތަ އަންނަން ދެނެވެ. އެގޮތުގައި މާގިނައިރެއް ނުވިއެވެ. އާތިފާ ފެނުމުން މިފަހަރު އެއީ އިތޫގެ ދައްތަކަން ދެނެގަންނާކަށް ދައްޗެއް ނުވިއެވެ. އިތޫގެ ހުންނަ ކަހަލަ ކުޑަކުޑަ ބުމައަކާއި ވަށް މޫނެކެވެ. ހަމަ އެކަހަލަ ވަރުގަދަ ބުޅި އިސްތަށިގަނޑެކެވެ. ވާހިދާއި އިތޫ ފަދައިން އާތިފާއަށް ވެސް އޮޅަލި ކުލައިގެ ހަންގަނޑަކާއި ރާއްޖޭއިން އާންމުކޮށް ފެންނަ ގަދަ ޗޮކުލެޓު ކުލައިގެ ދެ ކަޅި ލިބިފައިވިއެވެ. އިސްކޮޅުގައި ވެސް އިތޫއާ ދެ މީހުންގެ މާބޮޑު ތަފާތެއް ނެތެވެ. ބުރުގާ ނާޅާ ހުއްޓަސް އާތިފާއަކީ ބުރުގާ އަޅާ މީހެއްކަން އަހަރެންނަށް ވިސްނުނީ އޭނާ ލާފައި ހުރި ދިގު ކަޅު ހެދުމުންނެވެ. އާތިފާ އަހަރެންގެ ވަނަވަރު އަހަންފެށިއެވެ. އެގޭ ކުދީން އަހަންނާ ވާހަކައެއް ނުދެއްކިނަމަވެސް އެމީހުން ވެސް ތިބީ އަހަންނަކީ ކާކުކަން އެނގެން ބޭނުންވެފައިކަން އެމީހުންގެ މޫނުތަކުން ފާޅުވޭވޭ ހުއްޓެވެ. އެއް ވާހަކައިން އަނެއް ވާހަކަ ކުރިފަޅައި އަހަރެމެން އައި މަގުމަތީ އެ ގޭ ދޮށުން ދިމާވި ކަންތަކުގެ ވާހަކަ ވެސް އިތޫ ކިޔައިދީފިއެވެ.

"އެވާނީ އެ ގޭ ދޮންކަލޯއަށް." ވާހަކަ އަޑު އަހަން ހުރެފައި އާތިފާމެން ގެއިން ކުއްޖަކު ބުނެލިއެވެ. އަހަރެން ސުވާލު އުފެދުނެވެ. ދޮންކަލޯއޭ ބުނީމައެވެ. ޖޯއްޔަށް ފުންމާލީ ކުއްޖެއްނޫންކަން އަހަންނަށް ޔަގީނެވެ.

"ކޮންދޮންކަލޯއެއް." އިތުމީނާ ސުވާލުކުރިއެވެ.

"އެގޭ ހާޝިމް ގެނެސްގެން ގެންގުޅޭ ކަޅު ދެއްވެއްކަހަލަ ބުޅަލެއް. ބޮޑު އެއްޗެކޭ ބުނާކަށް އެ ސޮރު ބޮޑު އިނގޭ. ކެހެރިގަނޑު ބޯކަމުން އަދި ވަކިން ބޮޑުހެން ހީވޭ. މިގޭ ޅަކުދީންތައް އެ ސޮރު ފެންނައިރަށް ރޯންފަށާނެ. ބިރުން އަވަދިވެދާނެހެން ހީވާނީ. ދޯ ނަސްމާ." އާތިފާ ވާހަކަދެއްކިއެވެ.

"އެހެން ދޯ ވާނީ. އަނދިރިގަނޑެއްގައި އެ ސޮރު އޮވެއްޖެއްޔާ ފެންނަނީ ދެ ލޯ އެކަނި. ކުއްލިއަކަށް ފެންނަ މީހަކު އަވަދިނުވިއްޔާ ދެރައެއްނު. އަހަރެންނަށް ފުރަތަމަ ފެނުނު ދުވަހު ވެސް ނުބައި ގޮތެއްވީ." ނަސްމާ ބުންޏެވެ. އެ ވާހަކައަށް އެ ގޭ ކުދީންނާއި އިތޫ ވެސް ހީނގަތެވެ.

އަހަރެމެން އިތޫ ދޮންތަމެން ގެއިން ނުކުތްއިރު ރޭގަނޑު ދިހައެއް ޖަހައިފިއެވެ. އެނބުރިދާން ޚިޔާރު ކުރީ އެ ގެއަށް އައި މަގެވެ. ހަޅޭލަވައިގެންފައި ދުއްވައިގަތް އިތޫގެ ރަޙުމަތްތެރީން ތިބި ގެޔާ ކައިރިން އެ ގަޑީގައި އެކަކު ވެސް ފެންނާކަށް ނެތެވެ. އައި އިރަށްވުރެ އެނބުރި ދިޔައިރު މަގުތައް މާބޮޑަށް ހިމޭންވެއްޖެކަން ފާހަގަވިއެވެ. އެކަމަކު ދުއްވާފައި ދިޔަ ދެތިން ސައިކަލާ އަހަރެމެންނާ ދިމާވިއެވެ. މަޑު ހިނގުމެއްގައި އަހަރެމެން އައިސް ގެއަށް ވަނީމެވެ.

* * * * *

ހެނދުނުހެނދުނާ އަހަރެންނަށް ހޭލެވުނެވެ. މާލޭގައިނަމަ ހެނދުނު ހޭލައިގެން އޮފީހަށް ދާއިރު ވެސް އަހަރެންގެ ނިންޖެއް ނުފިލާނެއެވެ. މާޙައުލު ބަދަލުވީތީ ވެގެން އުޅޭ ގޮތެއްކަމަށް އަހަރެން ނިންމީމެވެ. ރޭ ވެހުނު ވާރޭގެ ސަބަބުން ފާޚާނާއަށް ވަންއިރު ހީވީ އައިސް ފެނުން ފެންވެރުނު ހެންނެވެ. ދަތްދޮޅި ތެޅޭވަރުވެފައި ހުއްޓެއްކަމަކު ތަފާތު އަރާމުކަމެއް ހަށިގަނޑަށް ލިބުނެވެ. އިއްޔެ ހެނދުނު ލައިގެން އުޅުނު ޓީޝާޓާއި ހަރުވާޅަށް ބަދަލުކޮށްލައިގެން އަހަރެން ކޮޓަރިން ނުކުތީމެވެ. ބަދިގެއާ އަރާ ހަމަވީއިރު އަހަރެންނަށް ސީރަތުގެ އަޑު ސާފުކޮށް އިވުނެވެ.

"އިތޫ ވާނެއެއްނު އާނަ ހުއްޓުވަން." ސީރަތު ބުންޏެވެ.

"ކަމެއް ގޯސްވަންޏާ އާނަ ނުހުންނާނެ. ހަމަލޮލަށް ކަމެއް ފެނިގެން އެކަކުވެސް ނޫޅޭ. އިވެނީ މީހުން ދައްކާ ވާހަކަ. އެކަމުގައި ކިހާވަރެއްގެ ހަޤީޤަތެއްކަމެއް އޮތީ ބުނާކަށް ނޭނގޭ. އާނަ ހިތްހަމަޖެހޭގޮތެއް އަހަރެންނަށް ހަމަ އެންމެ ރަނގަޅު." އިތޫ ބުނި އަޑު އިވުނެވެ.

"އެހެންވިޔަސް އަހަރެން ވަރަށް ކަންބޮޑުވޭ އެކުއްޖާ އެތަނަށް ފޮނުވަން. މިގޭގައި ހުރިއްޔާ ލޯމަތީތާ ހުންނާނީ. އެހިސާބަށް ކޮންމެ ދުވަހަކު ދާނީ ކިހިނެއް. ކަމެއްވިޔަސް އެނގޭއިރު..."

ބަދިގެ ދޮރުމަތިން އަހަރެންގެ ހިލަންވެލާއިރަށް ސީރަތު ދައްކަމުންދިޔަ ވާހަކަ ހުއްޓާލައިފިއެވެ. އިތޫ ވަގުތުން އަހަރެންނަށް ގޮވާލައި ސައިބޯން އަވަހަށް އަންނާށޭ ބުނެލިއެވެ. އެމީހުންނާ ލުއި ހިނިތުންވުމެއް ބަދަލުކޮށްލާފައި އަހަރެން އައިސް ކާމޭޒުދޮށުގައި އިށީނީމެވެ. ސީރަތު ބަސްމަދުވެފައި ހުރިކަން އަހަރެންނަށް ފާހަގަވިއެވެ.

"އާނަ ކީއްވެ މިގޭގައި ނުހުންނަން ތިއުޅެނީ. އެހާ ގިނަ މީހުންނެއް ވެސް ނޫޅެއެއްނު." އަހަރެން ސައިބޮއެ ނިމި ބަދިގެއިން ނުކުމެދާނޭ ހީވުމުން ސީރަތު ވާހަކަދެއްކިއެވެ.

އަހަރެން ސީރަތަށް ވެސް ދެއްކީ އެހެންމީހުންނަށް ވެސް ދައްކާ ބަހަނާއެވެ. އަހަރެން އެ ރަށަށް އައީ އެކަނި ތަނެއްގައި ހުންނަން ގަސްދުކޮށްގެން ކަމެވެ. ހަޤީޤަތަކީ އިތޫއާއެކު އޭނާގެ ކައިރީ ހުރުން އެއީ އަހަރެން ވެސް ބޭނުންވާ ގޮތެވެ. އެކަމަކު އިތޫގެ މުސްތަޤްބަލްގެ ނިންމުތަކަށް އެކަމުން ހުރަސް އެޅޭކަން އެނގިހުރެ އަހަރެން އެގޮތް ބޭނުންނުވީއެވެ. ސީރަތުގެ ވާހަކަ ހުރިގޮތުން އޭނާގެ ގަސްދަކީ އަހަރެން ދިޔަ ނުދިނުންކަން ދޭހަވެއެވެ. އަހަރެން ވެސް ގޮތްދޫނުކުރީތީ އިތުރަށް އޭނާއަށް ބާރު އަޅަން ނުކެރުނީއެވެ.

ފޮށިތައްޔާރު ކުރާން އަހަރެން ކޮޓަރީގައި އުޅުނުއިރު އިތޫ ވެސް އިނީ ކޮޓަރީގައެވެ. ފަޒީލު އައީމާ އަހަންނާއެކީ އިތޫ ވެސް ދާނަން ކަމުގައި އޭނާ ބުންޏެވެ. އެ ގެސްޓްހައުސް ހުރި ގޮތެއް ބަލާލަން އޭނާ ވެސް ބޭނުންވާކަމުގައި ބުންޏެވެ. ރަށުތެރޭ އެކިއެކި ވާހަކަތައް ފެތުރެންޖެހޭ ފަދަ އާދަޔާ ޚިލާފު ކަމެއް އެތަނުން ފާހަގަވޭތޯ ބަލަން އިތޫ ބޭނުންވަނީއެވެ.

ހެނދުނު އަށްގަޑި ފަނަރަވާން އުޅެނިކޮށް ފަޒީލު ގުޅިއެވެ. އިތޫމެން ގޭ ދޮށުގައިކަން އޭނާ ހުރީ ބުންޏެވެ. އަހަރެން ވެސް ހުރީ ތައްޔާރަށް ކަމާއި ފޮށި ހިފައިގެން ނުކުންނަނީކަމުގައި ބުނީމެވެ. އަހަރެންނާއެކީ އިތޫ ނުކުތެވެ. ސިޓިންރޫމުގައި އިން ސީރަތު އަހަރެމެންގެ ފަހަތުން ދޮރޯށިދޮށަށް ނުކުތެވެ. އޭނާގެ މޫނުން ކަންބޮޑުވުމުގެ އަސަރު ފިލައިގެން ނުދެއެވެ. ފަޒީލު އައިސް އަހަރެންގެ ފޮށި ކާރަށް އަރުވަން އުޅުންއިރު ސީރަތުގެ ނަޒަރު ހުރީ އޭނާއަށް ހުއްޓިފައެވެ. އިތުބާރުނުކުރާފަދަ ނަޒަރަކުން ފަޒީލަށް ބަލާށެވެ.

"އަހަރެން އާނައާއެކީ އެކޮޅަށް ދާން މިދަނީ. އޭރުން އަހަރެންނަށް ވެސް އެތަނުގެ ކަންކަން ހުރި ގޮތް ފެންނާނެއެއްނު." ސީރަތު ކައިރީ އިތޫ ބުންޏެވެ.

"މިކޮޅުން ކައިބޮއެ ހަދަންވާނީ. އާނަ އަންނަންވީމާ ގުޅާ. ވާހިދު ދޮންބެ ވިޔަސް ފޮނުވާނަން އާނަ ބަލާ." ސީރަތު ބުންޏެވެ. އަހަރެން އަވަސްއަވަހަށް އެއްބަސްވުމުގެ ގޮތުން ބޯޖަހާލީމެވެ.

އަހަންނާއި އިތޫ އެރީ ކާރުގެ ފަހަތު ސީޓަށެވެ. އަހަރެމެން އެރުމުން ދޮރުފަތް ލައްޕާލާފައި ފަޒީލު އައިސް ޑްރައިވަރު ސީޓަށް އެރިއެވެ. ކާރު ދުއްވާލި އިރު ވެސް ދޮރޯށި ދޮށުގައި ސީރަތު ބަލަން ހުއްޓެވެ.

"އިތޫ ދައްތަ އަހަރެންދެކެ ހިތްހަމަނުޖެހިފަތަ؟. އާނިޔާ ގެންދާތީތަ؟." ފަޒީލު ވާހަކަދެއްކިއެވެ.

"އާނަ ދާތީ ދެރަވެގެން. އަހަރެމެން ގޭގައި ހުންނާކަށް އާނަ ބޭނުމެއްނުވޭ. މީ ފަޒީލު ކަންތަކޭ. ޒަފަރަށް ވެސް އެނގުނީ ތީނަ ގޮވައިގެން ވިއްޔާ އަންނަން." އިތޫ މިހެން ބުނެލުމާއެކު ފަޒީލު ހީނލައިފިއެވެ.

"މިހުރީ އަޅައިގެންފައި. އަވަލައިގެން މޮޔަކޮށްލާފައި ދެން ހުއްޓާލާނީ." ހިނިއައިސްފައި އިނދެ ފަޒީލު ބުންޏެވެ. އޭނާގެ ނަޒަރު އަހަރެމެންނަށް އަމާޒުކޮށްލީ ކުރިމަތީ ހުރި ލޯގަނޑުކޮޅުންނެވެ.

"ތިކަހަލަ އެއްޗެހި ނުކިޔާ. މި ކާރުގައި ނިކަން ބިރުގަންނަ ކުއްޖަކު އެބައިން." އިތޫ ވެސް ފަޒީލުގެ ސަމާސާގައި ބައިވެރިވީ ކަހަލައެވެ. އަހަރެން އެއްޗެކޭ ނުބުނެ އިނީމެވެ.

ކާރު ދުއްވަމުން ދިޔައިރު އަހަރެންނަށް ފާހަގަވީ ސީރަތާއި އިތޫ ބުނިހެން ރަށުގެ މީހުން އުޅޭ ސަރަޙައްދާ މަޑުމަޑުން ދުރަށް އަހަރެމެންނަށް އާދެވެމުންދިޔަކަމެވެ. މަޑުމަޑުން މަގުތައް ފަޅުވެ ގެތަށް މަދުވިއެވެ. ހަމައެކަނި ވަށާފާރު ރާނާފައި ހުރި ގެތަކާއި އިން ވަކިކޮށްފައި ހުރި ގެތައް ގިނައެވެ. އެފަދަ ބައެއް ގެތައް ސާފުނުކޮށް ގިނަދުވަސްވެފައިވާކަން އެނގެނީ ވިނައާއި ގަސްބޯވެފައި އޮތްވަރުންނެވެ. ނިކަން ރީތިކޮށް ހަދާފައި ހުރި ހަތަރު ގެއެއް ފެނުނެވެ. ބޭރު ގޭޓުލައި ދެ ފަންގިފިލާއަށް އުފުލާލާފައި ހުއްޓެވެ. އެހެންވިޔަސް ބަޔަކު ދިރިއުޅޭކަމުގެ ލިސާނެއް ބޭރަކުން ނުފެނެއެވެ. ކުޑަކޮށް އަހަރެން ވެސް ހާސްވާގޮތްވިއެވެ. ވަރަށް ދުރަށްކަން މިއާދެވެނީ އިޙްސާސް ކުރެވެންފެށީ ދެނެވެ. އެހެންވިޔަސް އަހަރެންގެ ހާސްކަން ބޭރުފުށުން ފާޅުވިޔަ ނުދެމެވެ. މި ނިންމުމަކީ އަހަރެންގެ އަމިއްލަ ނިންމުމަކަށްވެފައި ދެން އަލުން އެނބުރި ދާން ޚިޔާލުކުރުމަކީ ރަނގަޅު ވިސްނުމެއްކަމަށް އަހަރެންނަށް ނުފެނުނީއެވެ.

ގެސްޓްހައުސް ކައިރިޔަށް ފަޒީލު ކާރު މަޑުކޮށްލިއެވެ. ކާރުގެ ދެފަރާތުން ދޮރުފަތް ހުޅުވާލައި އަހަންނާއި އިތޫ ފޭބީމެވެ. ފުރަތަމަ ވެސް ލޮލުގައި އަޅައިގަތީ އެތަނުގެ ބޮޑުމިނެވެ. ލަފާކޮށްފައި ބުނާނަމަ އެތަން އިތޫމެން ގޭގެ ތިން ގެ އެއްކޮށްލީމާ ވާވަރު ވާނެއެވެ. އަހަރެންގެ ފޮށި ހިފައިގެން ފަޒީލު ހިނގައިގަންނަމުން އަންނާށޭ ބުންޏެވެ. ކުރިމަތިން ދެ ފަންގިފިލާއަށް ހަދާފައި ހުރި އިމާރާތެއްގެ އިތުރުން ތަންކޮޅެއް ދުރުގައި ލަކުޑިން ހަދާފައި ހުރި ކުޑަ "ބީޗް ހައުސް"އެއް ފެންނަން ހުއްޓެވެ.

"އަހަރެން ބުނީމެންނު މިތަން ވަރަށް ސަޅިވާނެއޭ. މިފެންވަރަށް ހަދާފައި ހުރިތަނެއް މިނޫނީ މިރަށަކުން ނުފެންނާނެ." އަހަންނާއެކީ ހިނގައިގަންނަމުން އިތޫ ބުންޏެވެ.

އަހަރެންނަށް ވިސްނެމުންދިޔައީ މީހަކު ނުފެންނާތީ އެކަމާއެވެ. ފަޒީލުގެ ފަހަތުން އަހަރެމެން ގެސްޓްހައުސްގެ މައި އިމާރާތުގެ ތެރެއަށް ވަނީމެވެ. ވެއިޓިން އޭރިޔާއަކާއެކު ރިސެޕްޝަން ކައުންޓަރެއް ފެންނަން ހުއްޓެއްކަމަކު އެތަނުގައި ވެސް މީހަކު ނެތެވެ. ފަޒީލުގެ ފަހަތުން އަހަރެމެން އައީމެވެ. އެއްފަރާތުގައި ހުރި ސިޑިން އޭނާ އަރަން ފެށުމުން އަހަރެމެން ވެސް އެފަދައިން ކަންތައް ކުރީމެވެ.

"ރޫމު ބަލާފައެއްނު އެހެންދިމާއަކަށް ނުކުންނާނީ." ފަޒީލު ވާހަކަދައްކަމުން އަހަންނަށް ބަލާލިއެވެ. އެންމެ ރަނގަޅޭ ބުނާހެން އަހަރެން ބޯޖަހާލީމެވެ.

ކޮޓަރި ބަރި ފެނުނުއިރު ބިދޭސީ ފިރިހެނަކު އެތަނުން ކޮޓަރިއެއް ކުރިމަތީ ހުއްޓާ ފެނުނެވެ. ކޮޓަރިން ނުކުންނައިރަށް ރަށުގެ ހިތްގައިމު އަތިރިމަތި ފެންނާނޭހެން ހުރީ ހާމަކުރެވިފައެވެ. އަދި އެ ރީތި މަންޒަރުން ހިތްހަމަޖައްސާލަން މަޑުކޮށްލެވޭނެހެން ލަކުޑި ރެއިލިންވަނީ ޖަހާފައެވެ.

"ނިމުނީތަ؟." ފެންނަން ހުރި ބިދޭސީ މީހާއަށް ފަޒީލު ބުންޏެވެ.

"ލައްބަ. ރެޑީވެފަ ހުންނަނީ." އެ ބިދޭސީ މީހާ ބުންޏެވެ.

"މީ އަބްދުލް އިނގޭ. އަހަންނާ ދިމާނުވިޔަސް އަބްދުލް ކައިރީ ބުނަނިކޮށް ކަންކަން ހަމަޖެހޭނެ. މީ އާނިޔާގެ ރޫމް." ފަޒީލު ވާހަކަދައްކަމުން އަބްދުލްއަށް ބޮލުން ކޮށްލި އިޝާރާތާއެކު އޭނާ ކޮޓަރީގެ ދޮރު ހުޅުވިއެވެ. އަދި ފަޒީލު ބެހެއްޓި އަހަރެންގެ ފޮށި ކޮޓަރިއަށް ވައްދާލަދިނެވެ.

އެއީ ތަނަވަސް ބޮޑު ކޮޓަރިއެކެވެ. ހުދުފާރުތަކެވެ. ޝޭންދެލިއާގެ ބަދަލުގައި ފަންގިފިލާގައިވަނީ ކުދިބޮކި ހަރުކޮށްފައެވެ. ކޮޓަރިއަށް ވަންނައިރު ފެންނަން ހުރީ އަލަމާރިއާއި ރީތިވާ މޭޒެވެ. ދޮރު ހުރި ފާރުގައި ކިންގްސައިޒުގެ އެނދު ޖައްސާފައި ހުއްޓެވެ. އެނދުން ފެންނަނީ ހުދާއި މަޑުނޫކުލައެވެ. ކުއިލްޓުކަވަރުގެ އިތުރުން ފައިލާކޮޅުގައި މަޑުނޫކުލައިގެ ވޫލުން އޮތް "ތްރޯ ބްލޭންކަޓެއް" ވެސް އޮތެވެ. ދެ ދޮރުފަތުގެ ކުޑަދޮރަކާއި ދަމާލާފައި ހުޅުވާ ބިއްލޫރި ބޮޑުދޮރެއް ހުރިއިރު އެ ހުރިހާ ބައެއް ނިވާކުރާން މަޑު ބިސްތޮށި ކުލައިގެ ފަރުދާއެއް ހުއްޓެވެ. އަހަރެން އައިސް ފާޚާނާ ބަލާލީމެވެ. ފާޚާނާ ވެސް ކުޑައެއް ނޫނެވެ. ބޮޑު ލޯގަނޑެއްގެ އިތުރުން މޫނުދޮންނަ ތަށި ހަރުކޮށްފައިވީ ފާރުގެ އެއްކޮޅުން އަނެއްކޮޅަށް ހަދާފައިވާ މާބަލްގަލުގައެވެ. އެތަނުގައި އަހަރެން ގެންގުޅޭ ހުރިހާ އެއްޗެއް އަތުރާލެވޭނެތީ ހިތްހަމަޖެހުނެވެ. ފެންވަރާ ބައި ހުރީ ބިއްލޫރި ދޮރަކުން ވަކިކުރެވިފައެވެ. ފެންލައިޓު ހުރީ އެ ދިމާ މަތީގައެވެ. ފެންވަރާބައިގައި ފާރު އެތެރެއަށް ކަނޑާފައި ޝެލްފެއްހެން ހަދާފައި ހުއްޓެވެ. އަހަރެން ފާޚާނާއިން ނުކުތުމުން އެތަން ބަލަން އިތޫ ވަނެވެ. މުޅި ތަނުގައި ހުރީ މަޑުމަޑު ލުނބޯވަހެއް ހިފާލާފައެވެ.

"ކިހިނެއްވަނީ؟. ހިތްހަމަޖެހޭވަރުވޭތަ." އަހަރެންގެ ހަރަކާތްތަކަށް ބަލަން ހުރެފައި ފަޒީލު އަހާލިއެވެ.

"ސަޅި." ހިނިތުންވުމަކާއެކު އަހަރެން ބުނީމެވެ. ތަން ކިތަންމެހާ ވެސް ފުރިހަމައެވެ.

ބިއްލޫރި ދޮރު ކަހާލައި އެތަނަށް އަހަރެން ނުކުތީމެވެ. އަހަރެންގެ ފަހަތުން ފަޒީލު ވެސް އައެވެ. ކޮޓަރިން ނުކުމެވޭ ގޮތަށް ހުރި ކުޑަ ބެލްކަންޏެކެވެ. ހަތަރެސްކަން ކުޑަ މޭޒަކާއި ގޮނޑިއެއް އެއްފަރާތު ކަނުގައި ހުއްޓެވެ. އެތަނުގައި ހުންނައިރު ގެސްޓްހައުސްގެ ގޯތި ތެރޭގައި ވަކިން ހަދާފައި ހުރި ކުޑަ ބީޗް ހައުސް ރީތިކޮށްފެނެއެވެ. އަދި ގޭގެ ބިއްދޮށްފަރާތުގައި އޮތް ވާގަނޑުވެސް އޮތީ ފެންނާށެވެ. ގަސްތައްގިނަކަމުން ދުވާލުގެ ވަގުތު ވެސް އެ ދިމާ ފެންނަނީ އަނދިރިކޮށެވެ.

"އެއީ ކޮންތަނެއް؟." ފަޒީލު ހުރިކަން އެނގޭތީ އަހަރެން އަހާލީމެވެ. އަހަރެންގެ ނަޒަރު ހުރީ ކޮންދިމާއަކަށްކަން ފަޒީލު ނަގައިގަތެވެ.

"އެއީ މިތަނުގައި ހަމައެކަނި ވަނުން މަނާ ތަނަކީ. އެހެން ކޮންމެ ތަނަކަށް އާނިޔާ ދިޔަޔަސް މަނާކުރާނެ މީހަކު ނުހުންނާނެ." ފަޒީލު ބުންޏެވެ. އަހަރެން ހައިރާންވެ ސުވާލު އުފެދުނެވެ. ފަޒީލާ ދިމާއަށް އަހަރެން ބަލާލީމެވެ. އޭނާގެ ނަޒަރު ވެސް އަހަރެންނާ އަމާޒުކޮށްލިއެވެ.

"އެނީ ރީޒަން." އަހަރެން އަހާލީމެވެ.

(ނުނިމޭ)