ކަސްޓަމަރުންގެ ރައްކާތެރިކަމަށް އަޅާ އިތުރު ފިޔަވަޅެއްގެ ގޮތުން މޯބައިލް ބޭންކިން ލޮގިންއަށް ޓޫ-ފެކްޓާ އޮތެންޓިކޭޝަން (2FA) މިއަދު ތައާރަފްކޮށްފި އެވެ.
މި ފެށޭ ހަފްތާ ތެރޭގައި މި ހިދުމަތް އިންޓަނެޓް ބޭންކިންއަށް ވެސް ލިބިގެންދާނެ އެވެ.
މި އަޕްޓޭޑާ އެކު، ލޮގިންވާ ފަރާތަކީ ރަޖިސްޓްރީވެފައިވާ ކަސްޓަމަރުކަން ޔަގީން ކުރުމަށްޓަކައި އިތުރު ސެކިއުރިޓީ ލޭޔާއެއް އިތުރުކުރެވިގެންދާނެ އެވެ.
ބީއެމްއެލްގެ އެޕް އަޕްޓޭޑް ކުރުމާއެކު، ކަސްޓަމަރުންނަށް މޯބައިލް ބޭންކިން އެޕަށް ލޮގިން ވުމަށްފަހު، ލޮގިންވުމުގެ ދެވަނަ ސްޓެޕެއްގެ ގޮތުގައި އޯޓީޕީ (ވަން ޓައިމް ޕާސްވޯޑް) ޖަހަން ޖެހޭނެ އެވެ. ރަޖިސްޓްރީކޮށްފައިވާ މޯބައިލް ނަންބަރު ނުވަތަ އޮތެންޓިކޭޓާ އެޕް މެދުވެރިކޮށްވެސް އޯޓީޕީ ޖެނެރޭޓް ކުރެވޭނެ އެވެ.
ބީއެމްއެލް އިން ބުނީ ސްކޭމްތައް ހިންގާ ފަރާތްތަކުން އެމީހުންގެ އުކުޅުތައް އެކި ދުވަސްވަރު އެކި ގޮތްގޮތަށް ބަދަލަކުރަމުން އަންނާތީ ކަސްޓަމަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭންކުން މެދުނުކެނޑި މަސައްކަތް ކުރަމުންދާ ކަމަށެވެ. މި ގޮތުން މިދިޔަ މާޗް މަހު ބޭންކުން ވަނީ ހުރިހާ ސްކޭން-ޓު-ޕޭ މުއާމަލާތްތަކަށް ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) ބޭނުންކުރަންޖެހޭ ގޮތަށް ހަމަޖައްސައި، އިންޓަނެޓް އަދި މޯބައިލް ބޭންކިންއަށް ލޮގިންވާ ކޮންމެ ފަހަރަކު އެލާޓްސް ދާގޮތަށް ހަމަޖައްސާފަ އެވެ.
މީގެ އިތުރުން ބޭންކުން ވަނީ އޮތެންޓިކޭޓާ އެޕްތައް މެދުވެރިކޮށް އޯޓީޕީ ޖެނެރޭޓް ކުރެވޭ ގޮތް ހަމަޖައްސައި، ޑިފޯލްޓް އޯޓީޕީ ޗެނަލެއްގެ ގޮތުން އީމެއިލް މެދުކަނޑާލައި އިންޓަނެޓް އަދި މޯބައިލް ބޭންކިން މެދުވެރިކޮށް ކުރާ ހުރިހާ މުއާމަލާތްތަކަށް ޕުޝް ނޮޓިފިކޭޝަން ފޮނުވަން ފަށާފަ އެވެ.
ކަސްޓަމަރުންގެ ޒާތީ މައުލޫމާތު އެހެން އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށް ބީއެމްއެލް އިން ދަނީ ތަކުރާރުކޮށް އެދެމުންނެވެ. އަދި ދޭތެރެ ދޭތެރެއިން ޕާސްވޯޑް ބަދަލުކުރުމާއި ވަރުގަދަ ޕާސްވޯޑެއް ބޭނުންކުރުމަށް ބީއެމްއެލް އިން އަބަދުވެސް ހަނދާންކޮށްދެ އެވެ.