ދުނިޔެ

އިންޑިއާގެ މަނިޕޫރުގައި ނަސްލީ ތަޅާފޮޅުންތަކެއް

އިންޑިއާގެ އިރުއުތުރުގައި އޮންނަ މަނިޕޫރު ސްޓޭޓްގައި ގަބީލާތަކުގެ މެދުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި މިހާތަނަށް 54 މީހަކު މަރުވެފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެފި އެވެ.

ޚަބަރުތައް ބުނާ ގޮތުން ހަމަނުޖެހުންތައް އެ ގޮތުގައި ދޫކޮށްލައިފި ނަމަ އިތުރު އެތައް ބައެއްގެ ފުރާނަ ގެއްލިގެން ދާނެ އެވެ.

މަނިޕޫރުގައި ހަމަނުޖެހުން ހިނގަން މެދުވެެރިވި ސަބަބަކީ ސަރުކާރުން ބަލަގަނެފައި އޮންނަ ގަބީލާތަކުގެ ލިސްޓުގައި، ވަކި މުޖުތަމައެއް ގޮތުގައި ދިރިއުޅެމުންދާ މެއިޓީ ދަރިކޮޅު ނުވަތަ ގަބީލާ ހިމަނަން ސަރުކާރުން ނިންމުމުން ނެވެ.

މެއިޓީ ގަބީލާއަށް ރަސްމީ ހައިސިއްޔަތެއް ލިބުމުންް -- މީގެ ކުރިން ރަސްމީ ހައިސިއްޔަތުގައި ތިބި ގަބީލާަތަކަށް ލިބެމުންދާ އިނާޔަތްތައް މެއިޓީ ގަބީލާއަށް ވެސް ލިބޭނެ އެވެ.

އަދި ސަރުކާރުގެ ސްކޫލްތަކުން ދަރިވަރުންނަށް ފުރުސަތު ލިބުމާއި ވަޒީފާ އާއި ސިޔާސީ ހައިސިއްޔަތު ލިބުމުގައި ވެސް -- އެ ފުރުސަތުތައް މިހާރު ވެސް ލިބެމުންދާ ގަބީލާތަކާ އެއްހަމައަކަށް އަންނާނެ އެވެ.

މެއިޓީ ދަރިކޮޅަށް ސަރުކާރުން އިނާޔަތްތަކެއް ދީފި ނަމަ ދެން ތިބި ގަބީލާތަކަށް ހީވެފައި އޮތީ އެ ގަބީލާތަކަށް ލިބެމުންދާ އިނާޔަތްތަކަށް ހުރަސްއެޅޭނެ ކަމަށެވެ.

ގަބީލާތަކުގެ މެދުގައި އޮތް ދަހިވެތިކަމުގެ ސަބުން އުފެދިގެން ދިޔަ ހަމަނުޖެހުންތައް ކޮންޓްރޯލުން ނައްޓައި ގަޔަށް އަތްލައި އެކަކު އަނެކެއްގެ ލޮލަށް ބޮލަށް ވަނީ އަރާފަ އެވެ. ލަޓިބުރި ހިފައިގެން ނުކުމެ ތަލައި ޗަސްކޮށް ވަނީ ލޭއޮހޮރުވާފަ އެވެ.

މަނިޕޫރުގައި ހިނގަމުންދާ ހަމަނުޖެހުންތަކުން ސަލާމަތްވުމަށް އެ ސިޓީ ދޫކޮށް އެތައް ހާސް ބަޔަކު ވަނީ ރައްކާތެރި ސަރަހައްދުތަކަށް ދަތުރުކޮށްފަ އެވެ.

ޚަބަރުތައް ބުނާ ގޮތުން ސަރުކާރުން ވެސް ވަނީ 13،000 މީހުން އެހެން ސްޓޭޓްތަކަށް ބަދަލުކޮށްފަ އެވެ.

މަނިޕޫރު ސިޓީގައި އަމަން ދެމެހެއްޓުމަށް 10،000 ސިފައިންނާއި ސެކިޔުރިޓީންގެ ޓީމެއް މިހާރު ދަނީ ހަރަކާތްތެެރިވަމުން ނެވެ. އެހެން ނަމަވެސް، މަސްރަހު އަދިވެސް އޮތީ ވަރަށް ބޮޑަށް އުދާސްވެފަ އެވެ.

ސިފައިންނާއި ސެކިޔުރިޓީ އޮފިސަރުންގެ އަމުރަށް ބޯނުލަނބާ ނަމަ ޖިސްމާނީ ގޮތުން އަނިޔާވާ ޒާތުގެ އަމަލުތަކަށް ވަނީ ހުއްދަދީފަ އެވެ. އޭގެ ތެރޭގައި އަތްފައި ބަނުމާއި ކަނުބަނުން އަދި ފުރާނައަށް ނުރައްކާ ނުވާނެ ތަނަކަށް އުންޑަޖެހުމަށް ވެސް ވަނީ ހުއްދަދީފަ އެވެ.