ސީރިއާ އަލުން އަރަބި ލީގަށް ވެއްދުމަށް އެ ޖަމާއަތުން އެއްބަސްވެއްޖެ އެވެ. އަރަބި ލީގުގެ މެމްބަރުކަން ސީރިއާއަށް މި ލިބުނީ 12 އަހަރު ވަންދެން މެމްބަރުކަން ހިފެހެއްޓުމަށް ފަހު އެވެ.
މިސްރުގެ ވެރިރަށް ގާހިރާގައި އޮތް އަރަބި ގައުމުތަކުގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިސްރުގެ ފޮރިން މިނިސްޓަރު ސަމީހް ޝުކުރީ ވިދާޅުވީ އަރަބި ލީގުގެ ބައްދަލުވުންތަކުގައި ސީރިއާގެ މަންދޫބުންނަށް މީގެ ފަހުން ބައިވެރިވެވޭނެ ކަމަށެވެ.
އަރަބި ވަޒީރުން މި ގޮތަށް އިޚުތިޔާރު ކުރެއްވީ ވަޒީރުންގެ މެދުގައި މި މައުލޫއަށް ދުވަސްތަކެއް ވަންދެން މަޝްވަރާކުރެއްވުމަށް ފަހު އެވެ.
އަރަބި ލީގުގެ ސެކްރެޓަރީ ޖެނެރަލް އަޙްމަދު އަބޫލް ޣައިތު ވެސް ވަނީ ސީރިއާގެ މެމްބަރުކަން އިއާދަކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ.
ސެކްރެޓަރީ ޖެނެރަލް ވިދާޅުވި ގޮތުގައި ސީރިއާއަށް މެމްބަރުކަން ދިނުމަށް އަރަބި ގައުމުތަކުން އިޚުތިޔާރުކޮށްފައި ވަނީ އެއްވެސް ނުފޫޒެއް ނެތި އެވެ. އެއީ ކޮންމެ ގައުމަކަށް ވެސް މަސްލަހަތު އެންމެ ރަނގަޅު ގޮތް ކަމަށް ފެނުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރަބި ލީގަށް ސީރިއާ އަލުން ވެއްދުމުގައި ޝަރުތުތަކެއް ކަނޑައަޅާފައިވާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ. އޭގެ ތެރޭގައި ސީރިއާގެ ދާޚިލީ ހަނގުރާމަ ހުއްޓާލުމަށް އަމަލީ ގޮތުން ސީރިއާ ސަރުކާރު ހަރަކާތްތެރިވުން ހިމެނެ އެވެ.
ސީރިއާގެ ހަރަކާތްތައް ބެލުމަށް ކޮމިޓީއެއް ވެސް ވަނީ އުފައްދާފަ އެވެ. އެއީ އަރަބި ލީގަށް ސީރިއާ ވެއްދުމަށް ނަގާކިޔުމަށް މީގެ ކުރިން ވެސް އުފެއްދި ކޮމިޓީ އެވެ. ކޮމެޓީގައި ހިމެނެނީ މިސްރާއި ސައޫދީ އަރަބިއްޔާ، އުރުދުން އަދި އީރާގެވެ.
އަރަބި ލީގުން ސީރިއާ ބަންދުކުރީ 2011 ގައި ފެށުނު ސީރިއާގެ ދާޚިލާ ހަނގުރާމައިގެ ސަބަބުންނެވެ. ސީރިއާ ސަރުކާރުން އާންމުންނަށް އަނިޔާވެރިވާ ކަމަށް ބުނެ އެ ޖަމާއަތުން ވަކިކުރުމުން ސީރިއާ ވަނީ ވަރަށް ބޮޑަށް ނިކަމެތިވެފަ އެވެ.
ސީރީއާގެ ދާޚިލީ ހަނގުރާމަ ފެށުމާ އެކު އެ ގައުމުގައި ތިބި އަރަބި ގައުމުތަކުގެ ސަފީރުން ގައުމަށް ގެންދިޔަ އެވެ. އަދި ސީރިއާއާ އެކު ކުރިން އޮތް ގުޅުމުގެ ފެންވަރު ދަށްކުރި އެވެ.
އަރަބި ލީގުގައި ރަސްމީކޮށް ހިމެނެނީ 22 މެމްބަރުންނެވެ. މީގެ އިތުރުން އޮބްޒާވަރުންގެ ގޮތުގައި ވެސް ބައެއް ގައުމުތައް ހަރަކާތްތެރިވެ އެވެ.