ދުނިޔެ

އީރާނާއި މިސްރުން ސިޔާސީ ގުޅުން އަލުން ބަދަހިކުރަނީ

އީރާން އާއި މިސްރާ ދެމެދު ސިޔާސީ ގުޅުން އަލުން ގާއިމުކުރުމަށް އިރާގުގެ ވެރިރަށް ބަޣްދާދުގައި މަޝްވަރާތައް ފަށައިފި އެވެ. ސައޫދީ އަރަބިއްޔާއާ އެކު ސިޔާސީ ގުލުން އަލުން ބަދަހިކުރީ ވެސް ބަޣްދާދުގައި ފެށި މަޝްވަރާތަކަށް ފަހު އެވެ.

އީރާންގެ ނޭޝަނަލް ސެކިޔުރިޓީ އެންޑް ފޮރިން ޕޮލިސީ ކޮމިޝަންގެ މެމްބަރު ފަދާ ހުސައިން މާލިކީ ވިދާޅުވި ގޮތުގައި އީރާންގެ ރައީސް، އިބްރާހީމް ރައީސީ އާއި މިސްރުގެ ރައީސް އަބްދުލް ފައްތާހް އައްސީސީ ވަރަށް އަވަހަށް ބައްދަލުކުރައްވާނެ އެވެ.

މަޝްވަރާތައް ކާމިޔާބު ކަމަށް ވިދާޅުވެ މާލިކީ ވިދާޅުވީ ބަޣްދާދު މަޝްވަރާތަކުގައި ވާހަކަދެކެވެނީ ދެ ގައުމުގެ އެމްބަސީތައް ހުޅުވުމާއި އޮފިޝަލުންނަށް ރައްކާތެރިކަން ދޭނެ ނިޒާމްތަކާ ބެހޭ ގޮތުން ކަމަށެވެ.

އިރާން އާއި މިސްރާ ދެމެދު ސިޔާސީ ގޮތުން ގުޅުން ބަދަހިކުރުމަށް މި އަހަރު ޖެނުއަރީގައ ވެސް ވަނީ މަޝްވަރާކޮށްފަ އެވެ. އީރާންގެ ޚަބަރުތައް ބުނާ ގޮތުން އެ ގައުމުގެ ޚާރިޖީ ވަޒީރު ހުސައިން އަމީރު އަބްދުއްލަހިޔާން -- މިސްރުގެ ރައީސް ސީސީއާ ވެސް ވަނީ ބައްދަލުކުރައްވާފަ އެވެ.

އީރާން އާއި މިސްރާ ދެމެދު ގުޅުން ކެނޑިފައި އޮންނަތާ ޒަމާންތަކެއް ވެއްޖެ އެވެ. އީރާނަށް 1980 ގައި ގެނަައި އިސްލާމީ އިންގިލާބަށް ފަހު މިސްރުން ވަނީ ތެހެރާންއާ ގުޅުން ދުރުކޮށްފަ އެވެ.

ސައޫދީ އަރަބިއްޔާ އާއި އީރާންއާ ދެމެދު 2016 ގައި މައްސަލަ ހޫނުވެ ސިޔާސީ ގުޅުން ކެނޑިފައި އޮތުމަށް ފަހު، ދެ ގައުމުގެ ދެމެދުގައި ކުރެވުނު މަޝްވަރާތަކަށް ފަހު ވަނީ ގުޅުން އަލުން ބަދަހިކޮށްފަ އެވެ.

ޗައިނާ މެދުވެރިވެ ކުރެވުނު މަޝްވަރާތަކަށް ފަހު ސައޫދީ އާއި އީރާން ސުލްހަވީ މިއަހަރުގެ މާޗް މެދުތެރޭގަ އެވެ.

ގަލްފަށް ނިސްބަތްވާ އަރަބި ގައުމުތަކުގެ ރޫހު މިހާރު ހުރީ އަރަބި ހުރިހާ ގައުމެއް އެއްގަލަކަށް އަރުވައި އެކުވެރިވުމަށެވެ. މި ގޮތުން ސީރިއާ އެކު ސިޔާސީ ގުޅުން ބަދަހިކޮށް މިހާރު ވަނީ އަރަބި ލީގުގައި ސީރިއާ އަލުން ބައިވެރިކޮށްފަ އެވެ.